
ހުދުހުދު ނަމަކަށް ކިޔާ ދޯންޏަކުން އެންދަމަން ފީނި މަސްވެރިއަކު ޑީކޯވެގެން ފަރުވާ ދިނުމަށް ގދ. ތިނަދުއަށް ގެންގޮސްފިއެވެ. އޭނާ ތިނަދުއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު، ސީއެމްބިޔުލޭންސްގައި ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ފުޅިއަޅައިގެން އޭނާ ފީނަން ފޭބުމުން ކުއްލިއަކަށް އޭނާގެ އަތުގައި ރިއްސަން ފެށީ ކަމަށެވެ. އެހިސާބުން އަވަސް ފަރުވާ ދިނުމަށް ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައީ ކަމަށް އާޒިމް ވިދާޅުވިއެވެ. އޭނާއަކީ އުމުރުން 26 އަހަރުގެ ޒުވާނެކެވެ.
މިހާދިސާ ހިނގާފައިވަނީ ގދ. ކޮނޮއްޓާ މޯލްޑިވްސް ރިސޯޓު ކައިރިން އެދޯނި އެންދަމަން އޮއްވައި މިއަދު ހަވީރު 6:10 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. ފީނާ މީހުން ޑީކޯވާ މައްސަލައަކީ ރާއްޖޭގައި އާންމުވަމުން އަންނަ ބޮޑު މައްސަލައެއް ކަމަށް ކަމާބެހޭ ފަރާތްތަކުދިން ދަނީ ބުނަމުންނެވެ.