މުގާބިލާ - 12

(27 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ސުލައިމާން އިސް ދަށަށް ޖަހައިލިއެވެ. އެ ސުވާލަކަށް ދޭނޭ މާ ރަނގަޅު ޖަވާބެއް އޭނާއަކަށް ނޭނގެއެވެ. "އާފާޤަށް އެނގިލައްވާނެ." އޭނާ މަޑުމަޑުން ބުނެލިއެވެ.

"އަހަންނަކަށް މާ ގިނަ ކަންތައްތަކެއް ނޭނގޭ. އެއީ އަހަންނަކާ ބެހޭ ކަމެއްވެސް ނޫން. އެކަމަކު އެއީ ކަލޭ ވިސްނައިލާން އެންމެ ރަނގަޅު ކަމެއް." އާފާޤް ބުންޏެވެ. "އަހަންނަށް އެނގެނީ ކަލޭ ރޯދަ ނުހިފާކަން. ވާރެއިން ހިޔާ ވެލާންވެސް މިސްކިތަކަށް ނުވަންނަކަން. ހުކުރު ނަމާދެއް ކޮށްލުމުގެ ތައުފީގެއް އަދި ކަލެއަކަށް ނުލިބޭ. އަހަންނަށް ހީވާ ގޮތުގައި ކަލޭ ހުންނަނީ ކޮންމެ ނުބައި ކަމެއް ކުރާން ތައްޔާރަށް. ކަލޭ ދުވަނީ ހެޔޮ ކަންތައްތަކާ ދުރަށް... އަހަރެންގެ ސުވާލުގެ ޖަވާބު ނިކަން ދީބަލަ. ކަލޭ ތިޔައީ ކޮން ކަހަލަ މުސްލިމެއް؟"

ސުލައިމާން އިރުކޮޅަކު އިސް ދަށަށް ޖަހައިލައިގެން އިނެވެ. އެއަށްފަހު ބުންޏެވެ. "އަޅުގަނޑަކީ ވަރަށް ނުބައި، ވިޔާނުދާ މުސްލިމަކީން."

"ދެން ބުނެބަލަ. ކަލެއަށް މީހަކު އެއް ލައްކަ ރުފިޔާ ދީފައި މިސްކިތަކަށް ފައިވާނާއެކު އަރާށޭ ބުނެފިއްޔާ އަރާނަންތަ؟"

ސުލައިމާންގެ މޫނުގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ. "ނުވަންނާނަށް. އެކަހަލަ އެއްލައްކަ ރުފިޔާއަށް އަޅުގަނޑު ދާނީ ކުޑަކަމު." އޭނާ ޖަޒުބާތީ ރާގަކަށް ބުނެލިއެވެ. އާފާޤްގެ ވާހަކަ ދާ މިސްރާބު އޭނާއަށް ފާހަގަ ކުރެވުނީ ދެނެވެ. "އެހެން ހަދައިފައި އަޅުގަނޑަށް ފުރާނަޔާއިގެން ސަލާމަތް ވެވޭނެތޯ؟" ސުލައިމާން ދިފާއުވާން މަަސައްކަތް ކުރިއެވެ.

"ދެވަނަ ވާހަކަ ނުބައި. ރަނގަޅީ ކަލޭގެ ފުރަތަމަ ޖަވާބު. އެ ޖަވާބު ކަލޭ ދިނީ ރުޅި އައިސްގެން. ރުޅިއަކީ ލޯބީގެ ދަލީލެއް."

"ނޫން."

"އެންމެ ރަނގަޅު. މީހަކު އެއް ލައްކަ ރުފިޔާ ދީފައި އެއްވެސް މީހަކު ނެތް ފަޅު މިސްކިތަކަށް ފައިވާނާއެކު އަރާށޭ ބުނެފިއްޔާ އަރާނަންތަ؟" އާފާޤް ހުރީ ދޫކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ.

ސުލައިމާން އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުނެލިއެވެ. "ކިތަންމެ ގިނަ ފައިސާއެއް ދިނަސް އަޅުގަނޑު ތިޔަ ކަމެއް ނުކުރާނަން."

"އެއީ އަހަރެން މި ދައްކާ ވާހަކައަކީ. މިސްކިތުގައި ނަމާދު ކުރާން ތިބި ބައެއްގެ ގަޔަށް ބަޑި ޖެހުން އެއް ފަރާތުގައި ބާއްވާ. ދުނިޔޭގައި ހުރި އެންމެ ވިޔާނުދާ މުސްލިމުވެސް މިސްކިތުގެ ހުރުމަތް ކަނޑައިލާކަށް އެއްބަހެއް ނުވާނެ. މިއީ އަހަރެންގެ ދަލީލު. ކަލޭ ގަބޫލު ކުރާނަންތަ؟"

"ތިޔަ ދަލީލުގައި ބަރުދަނެއް އެބަހުރި. އެކަމަކު މިއީ ކިހިނެއް ހިނގާ ކަމެއްތޯ؟" ސުލައިމާން އަހައިލިއެވެ.

"ކޮއިފުޅާ ބުނަންތަ؟ އިސްލާމް މި ބަހުގެ މާނައަކީ ސުލްހައާއި އަމާންކަން." އާފާޤް އޭނާއަށް ވިސްނައި ދޭން މަސައްކަތް ކުރިއެވެ. "އެ ސުލްހައާއި އަމާންކަން ހުރީ ވަކި ބަޔަކަށް ނޫން. ދުނިޔެއާއި ދުނިޔޭގެ ހުރިހައި އިންސާނުންނަށް. އެއްވެސް މުސްލިމަކު މިސްކިތުގެ ހުރުމަތް ކަނޑައެއް ނުލާނެ. އެފަދަ ކަމެއް ކުރާ މީހަކު ބޭރު ފުށުން މިސްލިމެއްގެ ގޮތުގައި ފެނުނަސް އެއީ ހަގީގީ މުސްލިމެއް ނޫނެ. ނަމާދަށް ތިބޭ މީހުން ޝަހީދުކޮށް މިސްކިތުގެ ފާރުތައް ލެއިން ކަޅި ކުރާ މީހުންނަކީ މުސްލިމުންނެއް ނޫން. މުސްލިމުންގެ ސިފައިގައި ފެނުނަސް އެއީ ޝައިތާނާގެ ލާހިދަރީން. ނިކަން ވިސްނައިލަބަލަ. މި ފަދަ ބަރަކާތްތެރި ރޯދަމަހަކު އެއްވެސް މުއްލިމަކު އެ ކަހަލަ ކަމެއް ކޮށްފާނެތަ؟ ކަލެއަކީ ނަމާދާއި ރޯދައަށް ބިރުން ފިލާ މީހެއް. އެކަމަކު ކަލޭވެސް ތިޔަ ބުނަނީ މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކުޑަ ކަމެއްވެސް ނުކުރާނަމޭ. މާނައަކީ ކަލެއަކީ ވިޔާނުދާ މީހަކަށް ވިސްޔަސް މުސްލިމެކޭ. ވިސްނިއްޖެތަ؟"

"ގަބޫލު ކޮށްފިން. އެކަމަކު އަޅުގަނޑުގެ ފިކުރު ކުޑައެއް ނުވޭ. މި މައްސަލައިގެ ހައްލަކީ ކޮބައިތޯ؟"

"ހައްލަކީ އަހަރެމެންގެ ތެރޭގައި ތިބި މުނާފިގުން ދެނެގަތުން. މުސްލިމުންގެ ސިފަ ޖެހިގެން ތިބޭ ކާފަރުން ވަކިކޮށްގަނެވޭނޭ ގޮތްތަކެއް ހޯދުން. ރޭވި ހިނގަމުންދާ ކަންތައްތައް ހޯދައި ބެލުން. މުސްލިމުންނާއި މުސްލިމުން ޖައްސައި ދެކޮޅުވެރި ކުރުވުމަކީ ރޭވިގެން ހިނގާ ކަންތައްތަކެއް. އެއީ މުސްލިމުން ކުރާނޭ ކަމެއް ނޫން. އެކަން ކުރާނީ މުސްލިމުންގެ ހަތުރުން. މި ހަގީގަތް ގަބޫލު ކުރާންވީ."

ޢަދްނާން ވަރަށް ގިނަ އިރު ވާންދެން ހިމޭނުން އިނުމަށް ފަހު ބުނެލިއެވެ. "ތިޔަ ވާހަކަތަކާ ގުޅޭ ވާހަކައެއް އަޅުގަނޑުވެސް ނަންގަންނަންތޯ؟"

"އާނ. ބުނޭ."

"މުސްލިމުން މިސްކިތުގެ ހުރުމަތް ކަނޑައި ނުލާނޭ ކަމަށް އަޅުގަނޑުވެސް ގަބޫލު ކުރަން. އެކަމަކު ފުލުހުން ބޫޓާއެކު މިސްކިތަކަށް އެރި ވާހަކަ އަޅުގަނޑު ޚަބަރަކުން ދުށީން. އެކަމަކަށް އަދި މިހައި ތަނަކަށް މައާފަކަށްވެސް ނޭދޭ. އެކަމާ ބެހޭ ގޮތުން ބުނުއްވަނީ ކީކޭތޯ؟"

އެ ވަގުތު ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އާފާޤް ފޯނު ނަގައިފިއެވެ. ވުމާއެކު ދެކެވުނު ވާހަކަ އެހިނދަކަށް މެދުކެނޑުނީއެވެ.

ބޭނުން ނުވީ ނަމަވެސް، އެ ދުވަހުވެސް ސުލައިމާން ހުރީ ބަސްހުއްޓާ ތާނގައި ފަރްޒާނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެކަމަކު ފަރްޒާނާ ބަލައެއް ނުލިއެވެ. ސުލައިމާންގެ ހާސްކަން ދިޔައީ ބޮޑު ވަމުންނެވެ. މި އަންހެން ކުއްޖާ އޭނާގެ ބޮލަށް މަޑުމަޑުން ސަވާރު ވަމުންދާ ކަމުގެ އިހުސާސް ކުރެވޭން ފެށީމައެވެ.

* * *

"އަހަރެން އެންމެ ނަފުރަތުކުރާ ކަމަކީ ކޮބައިކަން އެނގޭތަ؟ އެންމެ ރުޅި އަންނަ ބަޔަކީ ކޮބައިކަން އެނގޭތަ؟" އިބިލީސް ދަރިވަރުންނާ ސުވާލު ކޮށްލިއެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ." ހުރިހައި ދަރިވަރުން އެއް އަޑަކުން ޖަވާބު ދިނެވެ.

"އެހެން ވެއްޖެއްޔާ އަޑުއަހާ. އަހަރެން އެންމެ ނަފުރަތުކުރާ ކަމަކީ ކާވެނި. އަހަރެން އެންމެ ބޮޑަށް ރުޅި އަންނަނީ ލޯބިން އުޅޭ ދެމަފިރިން ދެކެ." އިބިލީސް ބުންޏެވެ. "އެއީ ކީއްވެގެން ކަން އެނގޭތަ؟"

"ވިދާާޅުވެ ދެއްވާ."

"އެއީ ޒިނޭ ފަދަ ތަބީއީ ބޮޑު ފާފައަކުން މީސްތަކުން ސަލާމަތް ކުރެއްވުމުގެ ގޮތުން ﷲ ދެއްވި ބޮޑު ހަދިޔާއަކަށް ކާވެނި ވާތީ. ކާވެންޏަކީ ބަރަކާތާއި ރަޙްމަތާއި ސަވާބުގެ ވަސީލަތެއް ކަމުގައި ލައްވައިފައި ވާތީ. ނިކަން ވިސްނައިލަބަލަ. އެ ކަމުގެ ސަބަބުން އަހަރެމެންގެ މަސައްކަތަށް ވަރަށް ބޮޑު ހުރަހެއް އެޅިގެން ދޭ. އެންމެން މީހުނާ އިނީމާ ޒިނޭ ކުރާނީ ކޮން ބައެއް؟ ދެން ބުނެބަލަ. އާދަމުގެ ދަރިޔާ ﷲ އެންގެވި ގޮތަށް ކުރީމާވެސް އަހަރެން ވަރަށް ބޮޑަށް އުފާވާ ކަމަކީ ކޮބާ؟"

"އަޅުގަނޑަށް އެނގިއްޖެ، މާތް މަނިކުފާނު." ބާތިލް ބުނެލިއެވެ. "އެއީ ވަރި. އެހެން ނޫންތޯ؟"

"ވަރަށް ރަނގަޅު. ކަލެއަކީ ހަމަ ވަރަށް ތޫނުފިލި ގޮލައެއް. ފިރިއަކާއި އަނތްބަކު ވަކިވީމާ އަހަރެން ވަރަށް ބޮޑަށް އުފާކުރަން. ދެކޮޅުވެރިކަން އުފެދި ގޭތެރެއަށް ހަމަނުޖެހުން ވެރިވީމާ އަހަރެން ނަށަން. ޒިނޭއަށް ބަންދު ވެފައި އޮތް މަގު ހުޅުވުނީމާ އަހަރެން އުފާވޭ."

"މާތް މަނިކުފާނު. ތިޔަހެން ތިޔަކަން އޮތް ކަމުގައި ވިޔަސް ކާވެންޏަކީ އިންސާނާގެ ތަބީއަތުގައި ލައްވައިފައިވާ ކަމެއް ނޫންތޯ؟" ސަގީލާ ބުންޏެވެ. "ކޮންމެ ދީނަކަށް ބެލި ކަމުގައި ވިޔަސް ކޮންމެ ނަޒަރިއްޔާއަކަށް ބެލި ކަމުގައި ވިޔަސް ޖިންސީ ގުޅުމަށް ގާނޫނީ ހައިސިއްޔަތެއް ދިނުމަށްޓަކައި ކާވެނި ކުރުމުގެ އުސޫލު ހަމަޖެހިފައި އޮވޭ. އެއްވެސް ދީނަކަށް ބޯ ނުލަނބާ މީހާވެސް ކާވެނި ކުރެއެއް ނޫންތޯ؟"

"ކާވެންޏަށް އަހަރެން ނަފުރަތުކުރާ ސަބަބަކީ ތިޔައީ." އިބިލީސް ބުންޏެވެ. "ހަރާންކަމުގެ އެންމެ ފުރަތަމަ ބައިގެ ވާހަކަ، ނުތުފާގެ ވާހަކަ ކިޔައިދޭނަމޭ ކުރީގެ ފިލާވަޅުގައި ބުނީމެއްނު؟ އެ މައިދާނުގައި އަހަރެން އެޅި ފިޔަވަޅުތަކަކީ ފަޚުރުވެރި ފިޔަވަޅުތަކެއް. ހަލާލު ކަންތައް ހަރާން ކަންތަކަށް ބަދަލު ކުރުމުގެ ގޮތުން އަހަރެން އެޅި ފިޔަވަޅުތަކުގެ ސަބަބުން އާދަމުގެ ދަރީންނަށް އެމީހުންނަށް ކުރެވޭ ނުކުރެވޭ ކަންތައް އޮޅުން އަރާގޮތްވޭ."

"ކާވެންޏަކީ އަހަރެން ނަފުރަތު ކުރާ ކަމެކޭ ބުނެފީމެއްނު. އެ ކަމަށް ހައްލެއް ހޯދުމަކީ އަހަރެން ކުރާން ޖެހުނު ކަމެއް. ހައްލަކީ ކާވެނި ރޫޅޭނޭ ގޮތް ހެދުން. ވަރިއަކީ ﷲ ނުރުއްސަވާ ކަމެއް. އެކަމަކު ހުއްދަ ކަމެއް. ވަރިއަކީ ބައެއް ފަހަރަށް ނުކޮށް ފަރު ނުޖެއްސޭނޭ ކަމެއް. އެހެންނޫނީ ދިރިއުޅުން ހަލާކު ވުމުގެ ފުރުސަތު އޮންނާނެ. ﷲ އެކަން ހުއްދަ ކުރެއްވި ސަބަބަކީ އެއީ. ﷲ ވަނީ ވަރީގެ ހުކުމްތައް ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވައިފައި. ވަރި ވަނީ ކިހިނެއްކަން އޮޅުން ނާރާ ވަރަށް ސާފުކޮށް ދެއްވައިފައި. އިންސާނާގެ ތަބީއަތުގައި ރުޅި އައުން ހިމެނިފައި ވާތީ އެކަމަށްވެސް ރިޢާޔަތް ކުރައްވައިފައި. ރުޅި އައީމާ އިންސާނާއަށް ހެވާއި ނުބައި އޮޅިދޭ. ރުޅި އައީމާ ވަރި ކުރުމަކީ ވެދާނެ ކަމެއް. ވަމުންދާ ކަމެއް. ދެ މީހަކު އެކީގައި އުޅޭ ކަމަށް ވަންޏާ ކޮންމެވެސް ވަރަކަށް އަރައިރުން ވާނެ. އަރައިރުންވީމާ ރުޅި އަންނާނެ. ރުޅި އެރުވުމާއި ރުޅި ހައްދުން ނެއްޓުވުމުގެ މަސައްކަތަކީ އަހަރެންގެ ކަމެއް. ފިރިހެންމީހާގެ ރުޅި ހައްދުން ނެއްޓީމާ އަނބިމީހާ ވަރިކޮށްލާ. ފަހުން އެކަމާ ދެރަވޭ. އެކަން ނުހުއްޓުވުނިއްޔާ ވަރިވެސް ކުޅިވަރަކަށް ވެގެން ހިނގައިދާނެ. އެހެންވީމާ ﷲ ވަނީ އެކަމަށްވެސް ހައްލެއް ދައްކަވައިފައި. އަދަބެއް ކަނޑައަޅުއްވައިފައި."

"ދެން މި ކިޔައި ދެނީ އަދަބުގެ ވާހަކަ. ފިރިހެނަކު އަންހެނަކާ ދިމާއަށް ކަލޭ ތިޔަހަރީ ވަރިކޮށްފައޭ ބުނެލުމާއެކު އެމީހާ ވަރިވެދާނެ. ތިންފަށް ވަރިއަކުންވެސް ވަރި ކުރެވިދާނެ. ވަރި ކުރީމާ ދެމީހުން ބީރައްޓެހިވީ. ތިންފަށް ވަރިއަކުން ވަރިކޮށްފިނަމަ ނުވަތަ ތިން ފަހަރު ވަރިކޮށްފިނަމަ ތިންފަށް ވާނެ. ދެ މީހުންގެ ރުޅި މަޑުވީމާ ދެން ބޭނުން ވަނީ އެކީގައި އަނެއްކާވެސް އުޅެން. އެކަމަކު ތިންފަށް ފިލުވައިގެން ނޫނީ ދެނެއް ނުއެއް އިނދެވޭނެ. ތިންފަށް ފިލުވުމަކީ އަންހެންމީހާ އެހެން މީހަކާ އިނދެ އެމީހަކާ އެކީ ރޭކުރުން. މިހެން ނުހަދައެއް ވަރިކުރި މީހާޔަކާ އަލަކުން ނުއެއް އިނދެވޭނެ. މި އަދަބު ބޮޑު އަދަބަކަށް ވަނީ ދެމީހުންގެވެސް ޣީރަތެއް އޮންނާތީ. ބައިވެރިޔާ އެހެން މީހަކާ އެކު އުޅޭތަން ދުށުމަކީ ކެތް ކުރާން އުނދަގޫ ކަމެއް. ދެން ދިމާ ވަނީ ކިހިނެއްކަމަށް... އަންހެންމީހާ އެހެން މީހަކާ އިނދެފައި ރޭ ކުރުމަށް ފަހު ވަރި ވެގެން އައިސް އިނަސް، އެހެން މީހަކާ  އެކީ ރޭކުރިކަން ހަނދާން ނައްތައިލުމަކީ ފިރިހެން މީހާއަކަށް ކުރެވޭ ވަރުގެ ކަމަކަށް ނުވޭ. ކުޑަކުޑަ ހިނދުކޮޅެއްގެ ރުޅީގެ ސަބަބުން ނުކުތް ނަތީޖާޔާ ހެދި ފިރިހެންމީހާއަށް ލިބޭ ބޮޑު އަދަބަކީ މިއީ. މިއީ ރަޙީމްވަންތަ ﷲ އިންސާނާއަށް ކަނޑައަޅުއްވައިފައިވާ އަދަބު. ސަބަބަކީ ކޮބާ؟ ސަބަބަކީ ކާވެންޏަކީ ނުލާހިކު މާތް އަދި ތާހިރު ގުޅުމަކަށް ވާކަން. މއީ ކާވެނީގެ މުހިއްމުކަން އެނގޭ ކަމެއް. މި އަދަބުގެ ތެރެއިން ނުކުންނަ މީހަކު އަބަދުވެސް ތިމާގެ އަމިއްލަ ރުޅި ދެކެ ބިރު ގަންނާނެ. ރުޅި ނައިސް ވޭތޯ ބަލާނެ. އެއީ އެހެން މީހުންނަށްވެސް އިބުރަތަކަށް ވާ ފަދަ ކަމެއް. އަނބިމީހާ ދެކެ ރުޅި އަންނާން ޖެހޭ ވަގުތު މިފަދަ ބޮނޑިއެއް ލިބިފައި ހުރި މީހަކު ވިއްޔާ ވަރަށް ބޮޑަށް ވިސްނާނެ. ރުޅީގެ މައްޗަށް ބާރު ފޯރުވޭތޯ މަސައްކަތް ކުރާނެ."

"އެހެންވީމާ އަހަރެން ތިންފަށް ފިލުވުމަށްވެސް އެހައި ބޮޑަށް ނަފުރަތު ކުރަން. ދެން އަހަންނަށް ކުރެވުނީ އެހެން ބުއްދިއެއް. ހިތަށް އެރީ އެކަމުންވެސް ފައިދާއެއް ލިބިގަނެވިދާނެއޭ. އަހަރެން ވަގުތުން މަސައްކަތް ފަށައިފިން. މީހަކު އޭނާގެ އަނބިމީހާ ތިން ފަހަރަށް ވަރިކޮށްފި. ތިންފަށް ވެއްޖެ. އެކަމަކު ފަހުން އެކަމާ ހިތާމަ ކުރާން ފަށައިފި. އެކަމުން މިންޖު ވެގަންނާނޭ މަގު އަހަރެން އޭނާއަށް ދައްކައި ދީފިން. އަހަރެންގެ ވަސްވާހުގެ ސަބަބުން އޭނާ އޭނާގެ އެކުވެރިއެއްގެ ފަރާތުން މަދަދަށް އެދިއްޖެ. އޭނާ ވަރިކުރި ކަނބުލޭގެޔާ އިނދެފައި ރޭނުކޮށް ވަރި ކުރާން އެ އެކުވެރިޔާ އެއްބަސް ވެއްޖެ."

"ދެންވީ ކިހިނެއްކަން އެނގޭތަ؟ ވަރި ކުރުމުގެ ނިޔަތް ގަނެގެން ކުރާ ކާވެންޏަކީ ސައްހަ ކާވެންޏަކަށް ނުވާނެ. އެހެންވީމާ ތިންފަށް ފިލީ ކަމަކަށްވެސް ނުވާނެ. ބަލާބެލުމަށް އެ ވަރިއަކީވެސް ސައްހަ ވަރިއެއް. އެކަމަކު އޭގެ ފަހުން އެ އަންހެންމީހާ ކުރާ ކާވެނިވެސް ސައްހައެއް ނުވާނެ. އެކަމަކު ދެމަފިރިން ތިބެނީ ހުރިހައި ކަމެއް ރަނގަޅަށް ވެއްޖެ ކަމަށް ބަލައި ހިތްހަމަ ޖައްސައިގެން. އެއްވެސް ފިކުރެއް ނެތި ޒަވާޖީ ހަޔާތް ވޭތު ކުރަމުން ދަނީ. ދެން ބުނެބަލަ، ހަގީގަތަކީ ކޮބާ؟"

"އެމީހުން މުޅި ދިރިއުޅުން ވޭތުކުރަނީ ހަރާންކަމުގެ ތެރޭގައި." އެތައް ދަރިވަރަކު އެއް ފަހަރާ ބުންޏެވެ.

"އެ ކާވެނިން ލިބޭ ދަރީންނަށް ވާނީ ކިހިނެއް؟"

"އެއީ ހައްތަހާވެސް ނާޖާއިޒު ދަރީން. ހަރާން ދަރީން."

"މި މައިދާނުގައި ކާމިޔާބީ ހާސިލު ކުރުމަށް ފަހު އަހަރެން އިތުރަށް ވިސްނައި ފިކުރު ކުރިން. ކާވެނި ކުރުން ހަލާކު ކޮށްލެވޭނޭ ގޮތެއް ހޯދުމަކީވެސް މުހިއްމު ކަމެކޭ އަހަރެންގެ ހިތަށް އެރި. އެކަމުގައި އެދެވޭ ކާމިޔާބީއެއް ހޯދިއްޖެއްޔާ މުޅި މުޖުތަމައު ހަލާކު ކޮށްލެވިދާނެ."

"އެންމެ ފަހުން އެކަންވެސް ކޮށްފިން. ވަރި ގިނަވެ އަންހެނުން ބިކަ ހާލުގައި ޖެހޭތީ ސަރުކާރުން އެކަކަށް ވުރެ ގިނަ މީހުނާ އިނުން ފިރިހެނުންގެ މައްޗަށް މަނާ ކޮށްފި. ގާނޫނެއް ހަދައިގެން އެކަން ހިފެހެއްޓީ. އެޔާއެކު ފާފައިގެ އެހެން ދޮރެއް ހުޅުވިގެން ހިނގައްޖެ. އަދި އެހެން ކަމެއްވެސް ވެއްޖެ. ބައެއް ގައުމުތަކުގައި ކާވެނީގެ މައްސަލަތައް ބަލައި ހައްލުކުރުން ކައުންސެލަރުންގެ ކަމަކަށް ހަދައިފި. އެކަމެއް އެ ކުރަނީ ހެޔޮ ނިޔަތާއެކު ކަމުގައި ވިޔަސް ޝަރީއަތުގެ މަގުސަދާ ދުރަށް ދާން ފަށައިފި. ކައުންސެލަރުން ބުނާ ގޮތުގައި އެމީހުން މަސައްކަތް ކުރަނީ ގޭގެ ސަލާމަތް ކުރާން. އާއިލާތައް ބަދަހި ކުރާން. އެކަމަކު ނޭނގި ނަމަވެސް ކުރެވޭ ކަމަކީ ހަރާން ކަންތައްތަކަށް މަގު ފަހި ކުރުން. ނަތީޖާއަކީ މުޅި މުޖުތަމައު ހަލާކު ވުން. މި ވާހަކަ ތަންކޮޅެއް ތަފުސީލުކޮށް ކިޔައިދޭނަން."

"ކޮންމެވެސް ގެއެއްގައި އަރައިރުމެއް ފެށިއްޖެ. ރުޅި ގަދަ ވެގެން ގޮސް  ފިރިހެންމީހާ އޭނާގެ އަނބި ވަރިކޮށްފި. މި މައްސަލަ ދެން ދަނީ ދީން ދަންނަ މީހަކާ ހަމަޔަަކަށް ނޫން. ކޮންމެވެސް ކައުންސެލަރަކާ ހަމައަށް. އޭނާއަކަށް އިސްލާމީ ޝަރީއަތުގެ އަލިފުބާވެސް ނޭނގޭ. އޭނާ ދައްކަނީ ކޮން ވާހަކައެއް. ބުނަނީ ތިޔަހެން ނުހަދާށޭ، ދަރިންނަށް އޭގެ ދެރަ ލިބޭނެއޭ، ކަލޭމެން ދެމީހުންނަކަށްވެސް އުފަލެއް ނުލިބޭނެއޭ. އެންމެ ފަހުން ދެމީހުން އެއްބަސް ވެގެން ގެއަށް އަންނަނީ. ވަރި ނުވާ ކަމަށް ހަދައިގެން. އެހައިތަނުން ﷲ ގެ ގާނޫނަށް ބަލާނަމަ ފާފައަށް ފެށުނީ. ދެމީހުން އެކީގައި އުޅެ އިތުރު ދަރިންވެސް ހޯދާ. އަހަރެން މި ދެއްކި ވާހަކައަށް ފުންކޮށް ވިސްނައިލާ. ސޫދު، ކާވެނި، ވަރި މިއީ އާދަމުގެ ދަރީން ވަރަށް ލުއި ކަންކަން ކަމުގައި ހަދައިގެން އުޅޭ ކަންތައްތައް. އެމީހުންނަށް އެމަގު ފަހިކޮށް ދެނީ އަހަރެން. ނަތީޖާ ކަލޭމެންގެ ލޯ މަތީން މި ފެންނަނީ. މުޖުތަމައުގެ ބަރަކާތް ކެނޑިއްޖެ. ރަޙުމަތެއް ބާވައެއް ނުލައްވާ. އަހަރެންގެ ކާމިޔާބީއަކީ އެއީ."

* * *

ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. ސުލައިމާން ގަލަން މޭޒުމަތީގައި ބޭއްވުމަށް ފަހު އާފާޤާ ދިމާއަށް ބަަލައިލިއެވެ. އާފާޤް ފޯނު ނަގައިގެން ވާހަކަ ދައްކާން ފަށައިފިއެވެ. ފޯނެއް އައުމާއެކު ސުލައިމާން އުއްމީދު ކޮށްގެން ހުންނަނީ އޭނާއަށް ގޮވައިލާނޭ ކަމަށެވެ. ކަލެއަށް އައި ފޯނެކޭ އާފާޤް ބުނާނޭ ކަމަށެވެ. އެކަމަކު މިހައިތަނަކަށް އެހެންނެއް ނުވެއެވެ.

ކީއްވެގެން ކަމެއް ނޭނގެއެވެ. ފަރްޒާނާ ފޯނު ކުރާނޭ ކަމަށް އޭނާ ހުންނަނީ އުއްމީދު ކޮށްގެންނެވެ. ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތަށް އަންނަނީ އެންމެ ޖަވާބެކެވެ. ފަރްޒާނާގެ އަތުގައި އޭނާގެ އޮފީހުގެ ފޯނު ނަންބަރު އޮންނާނެއެވެ. ފަރްޒާނާއާ ގުޅޭނޭ ނަންބަރު އޭނާގެ އަތުގައިވެސް އެބައޮތެވެ. އެހެންވީމާ އޭނާއަށްވެސް ފޯނު ކުރެވިދާނެއެވެ. އެކަމަކު އެއީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.

އޭނާއަށް މިހާރު ގަބޫލު ކުރެވޭ ގޮތުގައި ފަރްޒާނާ މިހާރު ހުންނަނީ ވަރިހަމަ ކޮށްލައިގެންނެވެ. އޭނާގެ މައްޗަށް ފަރްޒާނާގެ ހިތުގައި އޮތް ޝައުގުވެރިކަން ފުހެވިގެން ހިނގައްޖެއެވެ. އެއީ ކުރީގެ ހާލަތު ނަމަ ވެގެން އުޅޭ ގޮތް އޭނާއަށް އެނގުނީހެވެ. ފަރްޒާނާގެ ފިކުރު ކުރެވެނީ ކޮން ބޭނުމެއްގައިކަން އޭނާއަށް ރަނގަޅަށް ވިސްނުނީހެވެ. އެކަމަކު މި ދުވަސްކޮޅު އޭނާ ހުންނަނީ ވަރަށް ބޮޑަށް ހާސްވެފައެވެ. ކަންބޮޑުވެފައެވެ. މިސްކިތްތަކަށް ހަމަލާދޭން ފެށުމާއެކު އޭނާވެސް ބަދަލުވާން ފަށައިފިއެވެ. އޭނާގެ އުޅުންވެސް ކޮންމެވެސް ވަރަކަށް ބަދަލުވާން ފަށައިފިއެވެ. ޢިޝާ ނަމާދު ވަގުތާއި ފަތިސް ނަމާދު ވަގުތު އަވަށުގެ ދެތިން ކުދިންނާއެކު މިސްކިތުގައި ފޯރި މަރަން އޭނާވެސް ހުރެއެވެ. މިސްކިތުގައި މީހުން ނަމާދު ކުރެއެވެ.

އެ މަސައްކަތް އޭނާ ފެއްޓީ އަމިއްލައަށް އެދިގެންނެވެ. "އަހަރެން ނަމާދެއް ނުކުރަން. މިކަހަލަ ކަންތައް ކުރާން އެންމެ ރަނގަޅީ އަހަރެން ކަހަލަ މީހުން." މިސްކިތު ކޮމިޓީގެ މެންބަރަކު ގާތު އޭނާ ބުންޏެވެ.

އެހެން ހުރިހައި ކަމެއް އޮތީ ހަމަ ކުރީންވެސް އޮތް ގޮތަށެވެ. މިހައިތަނަށް އޭނާ އަދި އެންމެ ރޯދައެއްވެސް ނުހިފައެވެ. އެކަމަކު މިސްކިތުގައި ނަމާދުކުރާ މީހަކަށް އަނިޔާއެއް  ވެދާނެތީ އޭނާ ފިކުރު ކުރެއެވެ.

ހުކުރު ދުވަހުވެސް އޭނާ ހުރީ މިސްކިތުގެ ބޭރުގައި ފޯރި މަރާށެވެ. ރިޟްވާން އެ ދުވަހަކު ހުކުރަކަށް ނާދެއެވެ. އެއީ ސުލައިމާން ހައިރާންވީ ކަމެކެވެ. އަދި ދެރަވެސްވީ ކަމެކެވެ. ރިޟްވާންގެ ގެއަށް ގޮސް އެ ވާހަކަ ދައްކާނީ ބާވައޭ ނުވަތަ އަޅާނުލާނީ ބާވައޭ އޭނާގެ ހިތަށް އެރިއެވެ. ކާމިޔާބީ ހޯދީ އޭނާގެ ޒަމާންވީ އާދައެވެ. އޭނާ އަމިއްލައަށް އުފައްދައިފައި އޮތް އުސޫލެވެ. އެއީ ރޯދަމަހު ރިޟްވާނާ ބައްދަލު ނުކުރުމުގެ އުސޫލެވެ. ރިޟްވާންގެ އަޅުކަމުގެ ތެރެއަށް ވަނުމަކީ އޭނާ ކުރާން ބޭނުން ކަމެއް ނޫނެވެ.

އެކަމަކު އޭނާ ހީކުރި ވަރަށްވުރެ ފަސޭހައިން މައްސަލަ ހައްލު ވެއްޖެއެވެ.

އޭނާ ގެއަށް އައިތާ މާ ގިނަ އިރެއް ނުވެ ރިޟްވާން އޭނާގެ ގެއަށް އަތުވެއްޖެއެވެ. އޭނާ ހައިރާން ވެފައި އަހައިލިއެވެ. "ކިހިނެއްވީ؟ ކަލޭގެ ހާލު ރަނގަޅުތަ؟ މިއީ ރޯދަމަހު ކަލޭ އަހަންނާ ބައްދަލު ކުރާ ދެވަނަ ފަހަރު. ﷲ ގެ ލަޝްކަރުގެ މީހަކު އަމިއްލައަށް ޝައިތާނާގެ ގާތަށް އައި ދެވަނަ ފަހަރު."

"ކަމެއް ނުވޭ. ކަލެޔާ ބައްދަލުކޮށްލާ ހިތްވީ" ރިޟްވާން ބުންޏެވެ.

އޭނާ ރިޟްވާނާ ދިމާއަށް ވަރަށް ފުން ނަޒަރަކުން ބަލައިލިއެވެ. އޮފީހުގައި މަސައްކަތް ކުރާއިރުވެސް އޭނާ ރިޟްވާން އުޅޭނޫޅޭ ގޮތް ބަލައެއް ނުހަދައެވެ. އޭނާ ހައިރާންވިއެވެ. ރިޟްވާންގެ މޫނު ހުރީ ހުދު ވެފައެވެ. ލޮލަކުން ދިރުމެއް ނުފެނެއެވެ. މީގެ ކުރީން ރޯދަމަހު ރިޟްވާންގެ މޫނުމަތީންނާއި ލޮލުން ބާވަތެއްގެ ވިދުވަރެއް ފައުޅުވެއެވެ. "ކިހިނެއްވީ ރިޟްވާން. ހާލު ރަނގަޅުތަ؟"

"ރަނގަޅު."

"ރަނގަޅު ހެންނެއް ހިޔެއް ނުވޭ. ކަމަކާ ހާސްވެފައިތަ؟"

"އާނ. ހާސް އެބަވޭ. އެކަމަކު އެއީ އެހައި ބޮޑު ކަމެއް ނޫން."

ކުއްލިއަކަށް އޭނާއަށް ހުކުރު ނަމާދުގެ މަތީން ހަނދާން ވެއްޖެއެވެ. "މިއަދު ކަލޭ ހުކުރަކަށް ނުދަމެއްނު؟"

"އަހަރެން ދިޔައީ އެހެން މިސްކިތަކަށް."

ސުލައިމާން އޭނާޔާ ދިމާއަށް އަނެއްކާވެސް ފުންކޮށް ބަލައިލިއެވެ. "ކަމުނުދާ ކަހަލަ ކޮންމެވެސް ކަމެއް ވެއްޖެ. މި އަހަރު ކަލޭ ތަރާވީހެއްވެސް ނުކުރަމު. މިހާރު ތިޔަ ބުނަނީ ހުކުރަށްވެސް ދަނީ އެހެން މިސްކިތަކަށޭ. ދޮގު ނުހަދައި ތެދަށް ބުނޭ. ކިހިނެއްވީ؟ ނުރައްކަލެއް މެދުވެރިވީތަ؟"

"އާނ. މި ހިސާބުގައި ހަރުކަށި ވިސްނުމުގެ ކުދިބަޔަކު އެބައުޅޭ. އެމީހުން ގެންދަނީ އަހަންނަށް ފާރަލަމުން. އަހަރެން މި އުޅެނީ އެކަމާ ބިރުން."

ސުލައިމާން ސިހުނެވެ. "ކީއްވެގެން؟ އެމީހުން ފާރަލާ ސަބަބެއް އޮންނާނެއެއްނު؟"

"ކޮން ސަބަބެއް. އެއްވެސް ކަމަކާ ނުލައި އަހަރެންގެ އަޖަލު ޖެހުނީނު؟"

"އަހަންނަށް ރަނގަޅަށް ކިޔައިދީ. އެއްވެސް ކަމެއް ފޮރުވައިގެން ނުވާނެ. އެހެންނޫނީ ތަޅައިގަތްގަތީނުން މިތަނަށް ތިރިކޮށްލާނަން." ސުލައިމާންގެ ރާގު ބަދަލުވެއްޖެއެވެ. މި ދުވަސްވަރަކީ އޭނާގެ ނާރުތަކަށްވެސް ވާންވެފައި ހުންނަ ދުވަސްވަރެކެވެ.

"ކޮން ކަމެއް ފޮރުވާންވީ؟ އެއްވެސް ކަމެއް ނުވޭ." ރިޟްވާން އިސް ދަށަށް ޖަހައިލިއެވެ. "އަހަރެން މި އައީ މި ގޭގައި އަހަންނަށް ދުވަސްކޮޅަކު ހުރެވިދާނޭތޯ އަހައިލަން. އެކަނި ހުންނާންވީމާ ހިތްބިރު ގަންނަނީ."

އެ ވާހަކައަކީ އަދި މާ ބޮޑަށްވެސް އާދަޔާ ޚިލާފު ވާހަކައެކެވެ. މީގެ ކުރީން ދުވަހަކުވެސް ރިޟްވާން ދެއްކި ކަހަލަ ވާހަކައެއް ނޫނެވެ. ރިޟްވާން ހުރީ ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑަށް ބިރުގެންފައި ކަމުގައި އޭނާއަށް އިހުސާސް ކުރެވުނެވެ. "މާނައަކީ ކަލޭ ތިޔަ އުޅެނީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް ވަދެގެންނޭ. އެހެން ނޫންނަމަ ހަރަމްފުޅުގެ މީހަކު ބުދުޚާނާއަކަށް ވަންނާކަށް ނޫޅޭނެ."

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.