
މާލޭ ފުރުޤާން މިސްކިތް ކައިރީގައި އޮތް ކަފިހި ހުރަހެއް ހުރަސްކޮށް އެ މިސްކިތަށް ދާން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި އެމީހާ ވައްޓާލުމަށްފަހު ސައިކަލު ދުއްވި މީހާ ސައިކަލުގައި ފިލައިފިއެވެ.
މިރޭ އިރާކޮޅު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ވިދާޅުވީ ސައިކަލުން ޖައްސައި އެމީހާ ވައްޓާލުމުން ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. މިހާރު އޭނާ ވަނީ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ފުލުހުންވަނީ ސީސީޓީވީ ފުޓޭޖު ބަލައިގެން އެމީހާ ދުއްވި ސައިކަލް ހޯދުމަށްފަހު ޓޯ ކޮށްފައެވެ. އަދި ސައިކަލް ދުއްވި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.