ލީބިޔާގެ ޓްރިޕޮލީ (ޠަރާބުލުސް) ގައި ގާއިވެފައިވާ އަދި އދ.ން ލީބިޔާގެ ގާނޫނީ ސަރުކާރުގެ ގޮތުގައި ބަލައިގެންފައިވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު (ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް- ގީއެންއޭ) ގެ ދިފާއުގައި އެ ގައުމަށް ތުރުކީ ސިފައިން ފޮނުވަން ތުރުކީގެ ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފިއެވެ.
ތުރުކީގެ ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާނާއި ޖީއެންއޭ ގެ ބޮޑުވަޒީރު ފާއިޒު އައްސައްރާޖު ވަނީ އަސްކަރީ އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ފާއިތުވި ޑިސެންބަރު މަހުސޮއިކުރައްވާފައެވެ. މި އެއްބަސްވުމުގެ ދަށުން ޖީއެންއޭގެ އެދުމަށް އިޖާބަދިނުމުގެ ގޮތުން ރައީސު އެރްދޮޣާން ވަނީ ލީބިޔާއަށް ސިފައިން ފޮނުވުމަށް ނިންމަވާފައެވެ.
މި މިންމެވުމާ މެދު މިއަދު ތުރުކީގެ ގާނޫނުހަދާ މަޖިލިސް، ދަ ޓާކިޝް ގްރޭންޑް ނޭޝަނަލް އެސްމްބްލީ (ޓީބީއެމްއެމް) ގައި ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 509 މެންބަރުންގެ ތެރެއިން 325 މެންބަރުން ވަނީ ލީބިޔާއަށް ސިފައިން ފޮނުވުމަށް ތާއީދުކުރައްވާފައެވެ. ދެކޮޅަށް ވޯޓުދެއްވީ 184 މެންބަރުންނެވެ.
ލީބިޔާގެ ހުޅަނގުބިތުގެ ރަށްތަކުގެ ތާއީދު ލިބިފައިވާ ޖީއެންއޭ ސަރުކާރުން ދަނީ، ލީބިޔަން ނޭޝަނަލް އާމީގެ ނަމުގައި އަމިއްލަ ލަޝްކަރެއް ހަދައިގެން ހަނގުރާމަކުރަމުންދާ ހަނގުރާމަވެރި ލީޑަރު، ފީލްޑް މާޝަލް (ރިޓާޔަޑް) ޚަލީފާ ޙަފްތަރުގެ ލަޝްކަރުން ޓްރިޕޮލީ ހިފަން ދެމުންދާ ހަމަލާތަކުން އެރަށް ދިފާއުކުރުމުގެ މަސައްކަތްކުރަމުންނެވެ.
ނުފޫޒުގަދަ އަރަބި ދެ ގައުމެއް ކަމުގައިވާ މިސްރާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ދަނީ ޙަފްތަރަށް ފާޅުގައި ހަތިޔާރުގެ ގޮތުން އެހީވަމުންނެވެ. ސައޫދީ އަރަބިއްޔާއިންވެސް ނުސީދާ ގޮތުގައި ޙަފްތަރަށް އެހީވާ ކަމުގައި ވެއެވެ. އަދި ރަޝިޔާގެ ކުލީ ސިފައިންވެސް ދަނީ ޙަފްތަރާއެކު ހަނގުރާމަކުރަމުންނެވެ. އެހެންކަމުން ތުރުކީން ނިންމާފައި ވަނީ ލީބިޔާގެ ގާނޫނީ ސަރުކާރު ދިފާއުކުރުމަށް އަސްކަރީ އެހީވުމަށް ނިންމާފައެވެ.
ހުޅަނގުގެ އަސްކަރީ އެހީތެރިކަމާއެކު ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުން ނުކުމެ 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކާނަލް ގައްޒާފީގެ ސަރުކާރު ވައްޓާލި ފަހުން ލީބިޔާގައި ވަނީ ދެ ސަރުކާރެއް ގާއިމުވެފައެވެ. އިރުމަތީ ބިތުގެ ޠުބްރުޤްގައި ލީބިޔަން ހައުސް އޮފް ރެޕްރެޒްންޓެޓިވްސްއިން ވަކި ސަރުކާރެއް ޤާއިމުކޮށްފައި ވާއިރު، ހުޅަނގު ބިތުގައި އޮންނަ ވެރިރަށް ޓްރިޕޮލީގައި އޮތް ޖީއެންއޭއަކީ ގާނޫނީ ސަރުކާރު ކަމަށް އދ.ން ބަލައިގެންފައިވާ ސަރުކާރެވެ.
ޚަލީފާ ޙަފްތަރު ހަނގުރާމަކުރަމުން ދަނީ ޓްރިޕޮލީ ހިފައި، ޠުބްރުޤް ސަރުކާރުގެ ބާރުގެ ދަށަށް ޓްރިޕޮލީ ގެނައުމުގެ މަގުސަދުގައެވެ.