ޓައިވާނުގެ ސިފައިންގެ ވެރިޔާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަވެއްޖެ

ޓައިވާނުގެ ޗީފް އޮފް ޖެނެރަލް ސްޓާފް އެއާފޯސް ޖެނެރަލް ޝެން ޔީ-މިންގ

ޓައިވާނުގެ ސިފައިންގެ ވެރިޔާ، ޗީފް އޮފް ޖެނެރަލް ސްޓާފް އެއާފޯސް ޖެނެރަލް ޝެން ޔީ-މިންގ ދަތުކުރުކުރެއްވި އަސްކަރީ ހެލިކޮޕްޓަރު ވެއްޓި އެއިން ދަތުރުކުރި 8 މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ސިފައިންގެ ވެރިޔާވެސް ހިމެނިވަޑައިގަންނަވާކަން ޓައިވާނުގެ ޑިފެންސް މިނިސްޓްރީން މިހާރުވަނީ ކަަށަަވަރުކޮށްދީފައެވެ. އޭނާގެ އިތުރަށް މޭޖާ ޖެނެރަލް ދަރަޖައިގެ ދެ އޮފިސަރުންނާއި، އިތުރު އެހެން އޮފިސަރުން މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.

ފުރަތަމަ ލިބުނު ޚަބަރުތައް ބުނި ގޮތުގައި ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު ބްލެކްހޯކް މަރުކާގެ ހެލިކޮޕްޓަރުން ދަތުރުކުރި މީހުންގެ ތެރެއިން 11 މީހުން މަރުނުވެ ސަލާމަތްވިއެެެވެ. އެހެންނަމަވެސް ޗައިނާ ޑެއިލީން ފަހުން ބުނެފައި ވަނީ ސަލާމަތްވީ 5 މީހުން ކަމުގައެވެ.

މިއަދު ހެނދުނު 7:45 ގައި (ރާއްޖޭ ގަޑިން ފަތިހު 4:45) ގައި ޓައިޕޭގެ ސޮންގްޝާން އެއާޕޯޓުން 13 މީހުންނާއެކު ފުރި ހެލިކޮޕްޓަރުގައި ޖެނެރަލް ޝެން ވަޑައިގަތީ އިރުމަތީ ތައިވާނުގެ ޑޮންގާއޯގައި ތިބި ސިފައިންނަށް ޒިޔާރަތްކުރެއްވުމަށެވެ. ހެލިކޮޕްޓަރު ފުރިތާ 13 މިނިޓު ތެރޭގައި އަސްކަރީ މަރުކަޒާ ހެލިކޮޕްޓަރާ ގުޅުން ކެނޑުނެވެ. ފަހުން އެނގުނު ގޮތުގައި ހެލިކޮޕްޓަަރު ވަނީ ވެރިރަށް ޓައިޕޭ ކައިރީ ފަރުބަދަމަތީ ހިސާބަކަށް ވެއްޓިފައެވެ.

ކުރީގެ އެއާފޯސް ކޮމާޑަރެއްގެ ގޮތުގައި ހުންނެވި ޖެނެރަލް ޝެން ޗީފް އޮފް ޖެނެރަލް ސްޓާފްގެ މަގާމާ ހަވާލުވެވަޑައިގަތީ ފާއިތުވި ޖުލައި މަހުގައެވެ.

މިއީ ބްލެކްހޯކް މަރުކާގެ ހެލިކޮޕްޓަރެއް ޓައިވާނުގައި ވެއްޓުުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ޓައިވާނު ސިފައިންގެ ބްލެކްހޯކް ހެލިކޮޕްޓަރެެއް ވެއްޓި 6 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.