ސަންސްކްރީން މަނާކުރި ފުރަތަމަ ގައުމަކަށް ޕަލާއު

ޕަލާއުގެ މަންޒަރެއް

ޕެސިފިކްގެ ކުޑަ ގައުމެއް ކަމުގައިވާ ޕަލާއުގައި 2020 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 'ފަރުތަކަށް ވިހައެއް' ކަމުގައިވާ ސަންސްކްރީން ބޭނުންކުރުން މަނާކޮށްފިއެވެ. މިއާއެކު ޕަލާއު ވެފައި ވަނީ ސަންސްކްރީން މަނާކުރި ފުރަތަމަ ގައުމަށެވެ. ސަންސްކްރީން މަނާކުރުމަކީ ތިމާވެށި ހިމާޔަތްްކުރުމަށް ޕަލާއުއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ދުނިޔޭގެ އެެންމެ ބޮޑު އެއް މެރިން ރިވާޒް ގާއިމުކުރުން ހިމެނެއެެވެ.

"އަހަރުމެން މި ވެށީގައި އުޅޭއިރު ތިމާވެއްޓަށް އިހުތިރާމުކުރަން ޖެހޭ. ތިމާވެެއްޓަކީ ހަޔާތުގެ ހާލި. އެއާ ނުލާ ޕަލާއުގައި އެއްވެސް މީހަކަށް ދިރިނުހުރެވޭނެ." މި ނިންމުމަށް އަމަލުކުރަން ފެށުމާ ގުޅިގެން ޕަލާއުގެ ރައީސު ޓޮމީ ރެެމެންގެސާއު ވިދާޅުވިއެވެ.

ޕަލާއުން ފަރުތަކަށް ގެއްލުންދޭ ސަންސްރީނާއި ހަންގަނޑުގައި ލުމަށް ބޭނުންކުރާ ބައެއް ބާވަތުގެ އުފެެއްދުން މަނާކޮަށްފައި ވަނީ މިއަދު، 1 ޖަނަވަރީ 2020 އިން ފެށިގެން އަމަލުކުރަން ފެށި 'ރެސްޕޮންސިބްލް ޓޫރިޒަމް އެޑިޔުކޭޝަން އެކްޓް' ގެ ދަށުންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ސަންސްކްރީން ވިއްކާ ފިހާރަތައް -/1000 އެމެރިކާ ޑޮލަރުން ޖުރުމާނާ ކުރެވޭނެއެވެ. އަދި ޕަލާއުއަށް އެތެރެވާ މީހުން ގެންނަ ސަންސްްކްރީން ކަސްޓަމަސްއިން އަތުލާނެއެވެ.

ޕަލާއުއަކީ ސަންސްކްރީން މަނާކުރި ފުރަތަމަ ގައުމަށް ވިޔަސް، އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ހަވާއީން ވަނީ ފަރުތަަކަށް ގެއްލުންދޭ ދެ ކެމިކަލް ކަމުގައިވާ އޮކްސީބެންޒޯންއާއި، އޮކްޓިނޮކްސޭޓް ހިމެނޭ ސަންސްކްރީން އެ ސްޓޭޓުގައި ބޭނުންކުރުން ފާއިތުވި 2019 ވަނަ އަހަރުގެ މޭ މަހުން ފެށިގެން މަނާކޮށްފައެވެ.

ޕަލާއުއަކީ ފިލިޕީންސްގެ އިރުން އަދި އިންޑޮނޭޝިޔާގެ އުތުރުން ޕެސިފިކް ކަނޑުގައި އޮންނަ، ގާތްގަނޑަކަށް 340 ރަށުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެކެވެ. މިބުގެ ބޮޑުމިނުގައި 466 އަކަކިލޯމީޓަރު ހުންނަ މި ގައުމުގެ އާބާދީއަކީ 17 ހާހެވެ. 2018 ވަނަ އަަހަރު 1 ލައްކަ 15 ހާސް ފަތުރުވެރިން ވަނީ ޕަލާއުއަށް ޒިޔާރަތްކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.