ނިއުކުލިޔާ އަދި މިސައިލް ޓެސްޓްތައް ހުއްޓާލާފައި އޮތުން ނިމުމަކަށް ގެންނަން އުތުރު ކޮރެޔާއިން ނިންމައިފި

އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން

އުތުރު ކޮރެޔާގެ ނިއުކުލިޔާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށާއި، "އާ ސްޓްރެޓީޖިކް ހަތިޔާރެއް" އުފައްދަން ނިންމާފައިވާކަން އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން މިއަދު ހާމަކުރައްވައިފިއެވެ.

ކިމްއާ ހަވާލާދީ އުތުރު ކޮރެޔާގެ ނިއުސް އެޖެންސީ ކޭސީއެންއޭއިން ބުނި ގޮތުގައި މިއަދުން ފެށިގެން ނިއުކުލިޔާ ޓެސްޓުތަކާއި މިސައިލް ޓެސްޓުތައް އަލުން ފަށަން ނިންމީ އަލުން ވާހަކަތައް ފެށުމަށް އެމެރިކާއަށް ދީފައިވާ މުހުލަތު ފާއިތުވި އަހަރުގެ ނިޔަލަށް ހަމަވިއިރުވެސް އެމެރިކާއިން ވާހަކަތައް ފަށާފައި ނުވާތީއެވެ.

އުތުރު ކޮރެޔާގެ މިނިންމުމާ ގުޅިގެން އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ ޒައީމު ކިމްއަކީ "ބަހުގެ ހިތުބާރު ހިފައްޓަވާ ބޭފުޅަކަށް ވާނެ" ކަމަށް އުއްމީދުކުރައްވާ ކަމުގައެވެ.

"އެކަމަކު އޭނާ (ކިމް) ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައި. ނިއުކުލިޔާ ހަތިޔާރު އުފެއްދުން ނިމުމަކަށް ގެނައުމުގެ ވާހަކަ ހިމެނޭ އެއްބަސްވުމެއްގައި އޭނާ ސޮއިކުރެއްވި. އެކަން ކުރީ ސިންގަޕޫރުގައި. އަހަރެން ގަބޫލުކުރަނީ އޭނާއަކީ ބަހުގެ އިތުބާރު ހިފަހައްޓަވާ ބޭފުޅަކަށް ވާނެކަމަށް. އަހަރުމެން އެކަން ބަލާނަން." ރައީސު ޓްރަމްޕް ވިދާޅުވިއެވެ.

އެންމެ ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ދެކުނު ކޮރެޔާއާ ގުޅިގެން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމާއި، އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުއެޅުން ފަދަ ކަންކަމާއެކު "ގޭންގުތަކުގެ މީހުން އެދޭ ކަހަލަ ކަންކަމަށް" އެމެރިކާއިން އެދެމުން ދާއިރު، ނިއުކުލިޔާ ޓެސްޓުކުރުމާއި، ބައްރުތައް ހުރަސްކޮށް ދަތުރުކުރާ ބެލިސްޓިކް މިސައިލް ޓެސްޓުކުރުމުން އަމިއްލައަށް މަނާވެގެން އުތުރު ކޮރެޔާ އޮންނަންޖެހޭ ސަބަބެއް ނެތް ކަމަށް ޒައީމު ކިމްއާ ހަވާލަދީ ކޭސީއެންއޭއިން ބުނެފައި ވެއެވެ.

ފާއިތުވި ހޮނިހިރު ދުވަހުން ފެށިގެން ކިމް ޖޮންގ އުން ވަނީ އުތުރު ކޮރެޔާގެ ވެރިކަން ކުރާ ޕާޓީ، ވާކާސް ޕާޓީގެ ހިންގާ ކޮމިޓީގެ ހަތަރު ދުވަހުގެ ބައްދަލުވުމެއް ބާއްވަވާފައެވެ. މިއީ ވަރަށް މަދުން ނޫނީ ނުބާއްވާ ބައްދަލުވުމުކެވެ. މި ބައްދަލުވުމަށް ފަހު ކިމް ވިދާޅުވެފައިވަނީ ދުޝްމަނުން ޖެހިލުންވާފަދަ ޒަމާނީ ހަތިޔާރު ތަރައްގީކުރުމާއިގެން އުތުރު ކޮރެޔާ ކުރިއަށް ދާނެ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.