ނިމިގެންދިޔަ 2019 ވަނަ އަހަރަކީ ވެސް ފާހަގަކޮށްލެވޭ އެތައް ކަމެއް ރާއްޖޭގައި ހިނގައިދިޔަ އަހަރެކެވެ. ސިޔާ ކަންކަމާއި ދީނީ ކަންކަމާއި އިޖުތިމާއީ އެތައް ކަމެއް 2019 ވަނަ އަހަރު ހިނގާފައިވެއެވެ. އެންމެ ހަލަބޮލިކޮށް ހިނގައިދާނެ ކަމަށް ހީކުރެވުނީ ސިޔާސީ ދާއިރާގެ އެކިކަންކަމެވެ. އެހެންނަމަވެސް ނަގާހާ ވިލާއަކުން ފެނެއް ނުވެހޭނެޔޭ ބުނާ ބީދައިން ސިޔާސީ ކަންކަން ދިޔައީ އެބެމުން މައިތިރިވަމުންނެވެ.
ނިމިގެން ދިޔަ އަހަރު އެންމެ ބޮޑު އެއްކަމަކަށް ހިނގާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އޭގެ އިތުރަށް ރައީސް ޔާމީނަށް ހުކުމް ކުރެއްވުމާއި ދީނީ ހަރުކަށި ފިކުރު އާއްމު އެންމެފަހުން ފަޅައިގެންދިޔައެވެ. ހަމައެއާއެކު ސަރުކާރުން އެކަންކަމަށް ފިޔަވަޅު އަޅަން ފެށިއެވެ.
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް ބޯމަތިވެގެން އައިއިރު ވެރިކަން ކުރަމުން އައީ ކޯލިޝަނަކުންނެވެ. އިސްކޮށް އޮތީ އެމްޑީޕީއެވެ. ބައިވެރިންނަކީ އެމްއާރުއެމް އާއި އަދާލަތު ޕާޓީއާއި، ޖުމްހޫރީ ޕާޓީއެވެ. ކޯލިޝަނުން ބޭނުންވީ މަޖިލީހުގެ މެޖޯރިޓީ ނަގާށެވެ. އެގޮތުން މަޖިލީހުގެ 87 ގޮނޑި އަށް ވާދަކުރަން ޖެހުނު ހިސާބުން ޚިޔާލު ތަފާތުވިއެވެ. އެމްޑީޕީ ބޭނުންވީ ހުރިހާ ގޮނޑިތަކަށް ވާދަކުރާށެވެ. ކޯލިޝަންގެ ބައިވެރިން ބޭނުންވީ ރިޔާސީ އިންތިޚާބުގެ އެއްބަސްވުމާ އެއްގޮތަށް މަޖިލިސް އިންތިޚާބުގައި ވެސް ޢަމަލު ކުރާށެވެ. އެހެންނަމަވެސް އެންމެފަހުން ނިމިގެންދިޔައީ އެބަޔަކާއިއެބަޔަކު ބޭނުންވާ ދާއިރާއަކަށް ބޭނުންވާ ޢަދަދަކަށް ކެންޑިޑޭޓުން ނެރުމަށެވެ. މަޖިލީސް އިންތިޚާބު ބާއްވައި ނަތީޖާ އިޢުލާނުކުރި އިރު އެމްޑީޕީއަށް ވަނީ 65 ގޮނޑި ލިބިފައެވެ. އެއީ މިހާތަނަށް އެއްޕާޓީއަކަށް އެންމެގިނަ ގޮނޑި ލިބުނު ފަހަރެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ކެތްތެރިކަން
މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުން އައި ދުވަސްވަރާއި އިންތިޚާބުގެ ތެރޭގައި ވެސް ކޯލީޝަންގައި މައްސަލަތައް ހުއްޓެވެ. ބަހުގެ ހަމަލާތައް އެއްބަޔަކު އަނެއްބަޔަކަށް ބަދަލު ކުރަމުންދިޔައިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މަސައްކަތް ކުރެއްވީ އެކަންކަން ހައްލުކުރައްވައި ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ވަޑައިގަތުމަށެވެ. އެންމެ ބޮޑަށް މައްސަލަ ޖެހިފައިއޮތީ ޖޭޕީއާ އެމްޑީޕީއާ ދެމެދުއެވެ. އެހެންނަމަވެސް އެމްޑީޕީގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ރައީސް އިބްރާހީމް ވަނީ ކެތްތެރިކަން ދައްކަވައިފިއެވެ. ވިސްނުން ކުރިއަށް ނެރުއްވައި މަޝްވަރާ ކުރައްވައިފައެވެ.
ޖޭޕީގެ ބަސްމަގާއި އަމަލުތައް ހުރިގޮތުން އެޕާޓީ ކޯލިޝަނުން ވަކިކުރަން ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލަމުން ދިޔައެވެ. އެހެންނަމަވެސް އެފަދަ ގޮވާލެއްވުންތަކަށް ކެތްތެރި ކަމާއެކު ކުރިމަތިލައްވައި ގައުމު އަމާން މިސްރާބަކަށް ގެންދަވަން ރައިސް ވަނީ އެތައް މަސައްކަތެއް ކުރައްވައިފައެވެ. އެހެންނަމަވެސް އެމްޑީގެ ރައީސް ރައީސް މުޙައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރ ގާސިމާ ދެބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުން ދިޔައެވެ. މައުލޫމާތު ލިބޭ ގޮތުގައި ކޯލިޝަން މިހާރުވެސް އުވާނުލެވި އޮތީ ރައީސް އިބްރާހީމްގެ ކެތްތެރިކަމާއި ދުރުވިސްނެވުމާއި ވައުދު ފުއްދެވުމަށް ކުރައްވާ މަސައްކަތްޕުޅު ތަކުގެ ސަބަބުންނެވެ. އެހެންކަމުން އެމަނިކުފާނު ފާހަގަ ކުރެވިފައިވަނީ ގިނަ މީހުން ގޮވައިގެން އުޅުއްވަން އެނގިވަޑައިގަންނަވާ ކެތްތެރި ބޭފުޅެއްގެ ގޮތުގައެވެ.
މަޖިލިސް އިންތިޚާބު
ނިމިގެން ދިޔަ އަހަރުގައި އިންތިޚާބު ކުރި 19 ވަނަ މަޖިލީހުގެ 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރިއެވެ. އޭގެތެރެއިން 9 ސިޔާސީ ޕާޓީއަކުން ވަނީ 196 ކެންޑިޑޭޓުން ވާދަކުރައްވައިފައެވެ. އަމިއްލަ ގޮތުން ވާދަކުރެއްވީ 190 ކެންޑިޑޭޓުންނެވެ.
މިހާރު ހިނގަމުން މިދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު 6 ވަނަ ދުވަހުއެވެ. އަދި 19 މަޖިލީހުގެ ފުރަތަމަ ދައުރު (އަހަރުގެ ދެވަނަ ދައުރު)ގެ ޖަލްސާތައް ފެށީ މެއި މަހު 28 ގައެވެ. މަޖިލީސް ފެބުރުއަރީ 7 ގައި ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހެވެ.
މަޖިލީހުގެ ރައީސް އިންތިޚާބުކުރުން
ޚިޔާލު ތަފާތުވުންތަކާއި ހިތްހަމަނުޖެހުންތަކުގެ ތެރެއިން މަޖިލީހުގެ ރައީސަކަށް ވަޑައިގެންނެވީ ރައީސް ނަޝީދެވެ. ނާއިބަކަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ދެބެއިންގެ ދެދަރި ކޮއްކޮ އީވާ ޢަބްދުﷲ އެވެ.
އެދެ ބޭފުޅުން ހޮވިވަޑައިގެންނެވިޔަސް ކޯލިޝަން އެއްބަސްވުމުގައި އޮތީ މަޖިލިސް ރައީސްކަން ލިބިވަޑައިގަންނަވަން ޖެހޭނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ކަމަށް އެޕާޓީން ދިޔައީ ވަކާލާތު ކުރަމުންނެވެ. އެހެންނަމަވެސް ކަން ނިމިގެން ދިޔައީ އެމްޑީޕީންބޭނުވި ގޮތަކަށެވެ. މަޖިލީހުގެ ރައީސް ކަމަށް ޤާސިމް ވެސް ވާދަކުރެއްވިއެވެ.
ފާހަގަކުރަންޖެހޭ ކަމަކީ އެންމެ ފަހުވަގުތާ ހަމައަށް ވެސް ރައީސް ނަޝީދު މަޖިލީހަށް ކުރިމަތި ނުލައްވާކަމެވެ. އެހެންނަމަވެސް އެމަނިކުފާނު ގެންދެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް މަޖިލީހުގެ ރައީސަކަށް ގެންނަވަން ކެމްޕޭން ކުރައްވަމުންނެވެ. ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ގެންދެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ހޮވުމަށް މަސައްކަތް ކުރައްވަމުންނެވެ. އެހެންނަމަވެސް އެންމެފަހު ވަގުތު އަސްލަމާއި އަފީފު ވެސް ނަން އަނބުރާ ގެންގޮސް މަޖިލީހަށް ރައީސް ނަޝީދު ގެންނަވަން އަސް ލަމް ހުށަހެޅުއްވިއެވެ. އެއަށް ތާއިދު ކުރެއްވީ އަފީފެއެވެ. އެންމެފަހުން ރައީސް ނަޝީދު މަޖިލީހުގެ ރައީސަކަށް ވަޑައިގެންނެވީއެވެ.
ޕީއެންސީ އާއި އެމްއާރު އެމްއާއި ވުޖޫދުވުން
ރައީސް މައުމޫން ޕީޕީއެމުން ވަކިކުރައްވައި ދުރަށް ލެއްވުމުން އެމަނިކުފާނު ވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ނަމުގައި ޕާޓީއެއް އުފައްދަވައިފައެވެ. އޭރު ޕީއެންސީ އުފައްދައިފައެވެ. ބައެއް މީހުން ބުނާ ގޮތުގައި ޕީއެންސީ އުފެއްދީ ޕީޕީއެމް، ރައީސް ޔާމީން އަތުން އަތުލާފައި ރައީސް މައުމޫނާ ހަވާލުކޮށްފާނެ ކަމުގެ ބިރު އޮތުމުން ރައްކާތެރި ކަމެއްގެ ގޮތުގައެވެ. ޕީޕީއެމްގެ ރައީސަކީ ރައީސް ޔާމީނެވެ. ޕީއެންސީގެ ރައީސަކީ ޢަބްދުއްރަހީމް އަބްދުﷲ އެވެ. މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މިދެޕާޓީން (ޕީޕީއެމް/ޕީއެންސީ) ކެންޑިޑޭޓުން ނެރުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ ނަމުގައެވެ.
މީގެ އިތުރަށް މިދިޔަ އަހަރު ފާހަގަ ކޮށްލެވުނު އެއްކަމަކީ ޑީއާރުޕީގެ ލީޑަރޝިޕް ދޫކުރައްވައި ކާނަލް މުޙައްމަދު ނަޝީދު ޕީޕީއެމަށް ބަދަލުވެވަޑައި ގެންނެވުމެއެވެ. އަދި ޑީއާރުޕިގެ ލީޑަރޝިޕާ ޔޮޓްޓުއާސްގެ ޗެއާމަން އަދި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދު ﷲ ޖާބިރު ހަވާލުވެ ވަޑައިގަތުމެވެ. މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޑީއާރުޕީން ވާދަކުރައްވާނެ ކަމަށް ޖާބިރުވަނީ ވިދާޅުވެފައެވެ. އަދި ސަތޭކަ މިލިއަން ރުފިޔާ ޚަރަދުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ފަސް އަހަށް ޖަލަށް ލުން
މަނީ ލޯންޑަރިންގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ އަމަނިކުފާނު 5 އަހަރަށް ޖަލަށް ލެއްވުމަށް ކުރިމިނަލްކޯޓުން ހުކުމް ކުރެއްވީ ހުސްވި އަހަރުގެ ނޮވެމްބަރު 28 ގައެވެ. ފަސް ގާޒީންގެ މައްޗަށް އެކުލަވާލެވުނު ބެންޗަކުން ހުކުމް ކުރެއްވީ ފަސް އަހަރަށް ޔާމީން ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރެއްވުމަށެވެ. ރައީސް ޔާމީންގެ ފަރާތުން މިހާރުވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ކޯޓުން ވަނީ އެމައްސަލަ ބަލައިގެންފައެވެ.
ރައީސް ޔާމީނަށް ހުކުމް އިއްވުމުން ޕީޕީއެމް/ޕީއެންސީ އާއި ޔާމީންގެ ސަޕޯޓަރުން ގެންދަނީ އެއީ ނާއިންސާފުން ކޮށްފައިވާ ޙުކުމެއް ކަމަށް ބުނެ އަޑު އުފުލަމުންނެވެ. އެގޮތުން އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލައި ކޮންމެރެއަކުހެން ގެންދަނީ ޖަލްސާތައް ބާއްވަމުންނެވެ.
ރައީސް ޔާމީން ޖަލަށް ލެއްވުމުން އެންމެބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ޕީޕީއެމްގެ އިސް ސަފުގައި ތިބި ބައެއް ބޭފުޅުން އެޕާޓީ ދޫކޮށް ޖޭޕީއާ ގުޅުމެވެ. އޭގެ ތެރޭގައި ޢަލީ އާރިފް، މުހައްމަދު ނިހާން ހުސައިންމަނިކު ފަދަ ބޭފުޅުން ހިމެނެއެވެ. އޭގެއިތުރުން ކުރީގެ މިނިސްޓަރުން ކަމަށްވާ އަހުމަދު އަޒުލީނާއި، އިރުތިޝާމް އާދަމް ވެސް ވަނީ ވެރިކަން ގެއްލުމާއެކު ޖޭޕިއަށް ސޮއި ކޮށްފައެވެ. އޭގެ އިތުރަށް ވެސް ޕީޕީއެމްގެ އެތައް ބަޔަކު ވަނީ ޖޭޕީއަށް ސޮއި ކޮށްފައެވެ.
އެމްޑީއެންގެ ރިޕޯޓު
ނިމިދިޔަ އަހަރުގައި އެންމެބޮޑު އެއްކަމަކަށް ފާހަގަކޮށްލަންޖެހެނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކް (އެމްޑީއެން) ގެ މައްސަލައެވެ. 2015 ވަނަ އަހަރު އެ ޖަމިއްޔާއިން އެކުލަވާލި ރިޕޯޓެއް މިދިޔައަހަރު އެމީހުން ހާމަކުރިއިރު އޭގައި ވަނީ މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ކުޑައިމީސް ބަސް ބުނެފައެވެ. އެކަމާ ދަންނަ ބޭކަލުން ތެދުވެ ވަޑައިގެން ސޯޝަލް މީޑިއާގެ ކެމްޕޭނެއް ހިންގެވިއެވެ. ބޭން އެމްޑީއެންގެ ނަމުގައި ހިންގި އެ ކެމްޕޭނުގައި ވަރަށްގިނަ މީހުން ބައިވެރިވެފައިވެއެވެ. އެތައް ރަށެއްގެ ކައުންސިލަތަކުން ވަނީ އެ ޖަމިއްޔާ އުވާލަން ގޮވާލައި ނޫސްބަޔާން ނެރެފައެވެ.
އެމްޑީއެން އިން ނެރުނު ބަޔާނުގައި އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރެވިފައިވާ ކަމަށް ސީދާ އެމްޑީއެންއިން ވެސް އެއްބަސްވިއެވެ. އަދި އެކަމަށް މައާފަށް އެދި އެމީހުންގެ ވެބްސައިޓުން އެ ރިޕޯޓު ނެގިއެވެ. އަދި އަލުން އަރުވާނީ ދަންނަ ބޭކަލުންނާ ވާހަކަ ދައްކައިގެން ރިޕޯޓު އިސްލާހު ކުރުމަށް ފަހު ކަމަށް ވެސް ބުންޏެވެ. އެހެންނަމަވެސް ދިވެހިން ތިބީ އެވަރުން ރުހޭގޮތަކަށް ނޫނެވެ. އެންމެފަހުން ސަރުކާރުން ވަނީ އުސޫލުގެ ތެރެއިން 2019 ވަނަ އަހަރު ޑިސެމްބަރ 19 ވަނަ ދުވަހު އެޖަމިއްޔާ އުވާލައިފައެވެ. އެހެންނަމަވެސް އަހަރު ނިމުނު އިރުވެސް އިދިކޮޅު ފަރާތްތަކުން ގޮވަމުންދިޔައީ އެ ރިޕޯޓު ލިޔުނު މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ. އެހެންނަމަވެސް އަދި އެކަން ކުރެވިފައެއް ނުވެއެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަލަފްވެސް އެމްޑީއެން ވެސް އުވާލަން އެމަނިކުފާނު ތާއިދު ނުކުރައްވާ ކަމަށެވެ. އޭގެ ބަދަލުގައި ގޯސްކޮށް ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަން ތާއިދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ދީނީ ހަރުކަށި ފިކުރު
ޒަމާނުއްސުރެ ރާއްޖޭގައި ދީނީހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ދެކެވުމުން ދިޔަ ވާހަކަތައް ހުޅުފަޅައި ބޭރަށް ނުކުތީ ކުއްލިއަކަށެވެ. އެހިސާބުން ސިފައިންނާއި ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން މަސައްކަތްތަކެއް ފެށިއެވެ. އަދި ރ. މަޑުއްވަރީގައި ޚާއްސަ އޮޕަރޭޝަނެއް ހިންގިއެވެ. އެއީ އެރަށުގައި ތިބި ދީނީ ހަރުކަށި ފިކުރުގެ މީހުން ބަންދު ކުރުމަށް ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި ވަނީ ތިން ފިރިހެނަކު ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވީ އެމީހުންގެ މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަޑުއްވަރީގެ ބައެއް މީހުން ވަނީ ހަރުކަށި ފިކުރު އިސްކޮށް އެފިކުރު ފަތުރަން މަސައްކަތް ކޮށްފައެވެ. އަދި ވަކިވެގަނެ ރާއްޖޭގެ ދައުލަތް ގަބޫލު ކުރުމާއެމީހުން ވަނީ ދެކޮޅު ހަދައިފައެވެ. މި ބިމަކީ ކުފުރުގެ ބިމެއް ކަމަށްވެސް އެމީހުން ދިޔައީ ބުނަމުންނެވެ. ރާއްޖޭގައި ކަނޑައަޅާފައިވާ އާއްމު އުސޫލުން ބޭރުވެ އެމީހުން ގަބޫލުނުކުރާ މީހުންގެ މަރު ހުއްދަކުރަމުން ގެންދިޔައެވެ. އަދި މުދަލަށް އަރައިގަތުން ވެސް ހުއްދަ ކަމަށް އެމީހުން ނިންމިއެވެ. އޭގެ އިތުރަށް އަންހެނުންނާއި ކުޑަކުދިންނަށް ލިބެންވާ ހައްގުތަކުން އެމީހުން މަހުރޫމްކޮށް ގޭގައި ބަންދުކޮށްގެން ގެންގުޅެފައިވެއެވެ. އަދި ކުދިންނަށް ވެކްސިން ދިނުމާއި ކިޔަވައިދިނުމަކީ ކުރަން ޖެހޭ ކަމެއް ނޫންކަމަށް ބުނެ އެކަންކަމާ މުޅިންދުރުވިއެވެ. އަދި ކޯޓުން ބޭރުން ކުޑަކުދިން މީހުންނާ ދެވުމަކީ ވެސް އެމީހުން ހުއްދަކޮށްގެން ކުރަމުންދިޔަ ކަމެކެވެ. އެފަދަ މައްސަލައެއްގައި އުކުޅަހުން ވެސް މީހަކު ވަނީ ބަންދުކޮށްފައެވެ. އަދިކޯޓުން ބޭރުން މީހަކާ ކައިވެނި ކުރުވާފައިވާ ކަމަށް ބުނާ 13 އަހަރުގެ ކުޑަ ކުއްޖަކު ބަނޑު ބޮޑުވި މައްސަލާގައި އޭނާގެ މަންމަގެ މައްޗަށް 4 ދައުވާއެއް އަދި ބައްޕަގެ މައްޗަށް ދައުވާއެއް ޕީޖީވަނީ 2019 ވަނަ އަހަރު ޑިސެމްބަރު 31 ގައި އުފުލައިފައެވެ.
މާލޭ ޓީޖެޓީ ސަރަހައްދުގައި އަލިފާން ރޯވުން
މާލޭ ޓީޖެޓީ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ސެޕްޓެމްބަރ 30 ވަނަ ދުވަހުއެވެ. ހާދިސާ ހިނގީ ތެޔޮބައުޒަރަކުން ލޯންޗަކަށް ތެޔޮއެޅުމުގެ ތެރޭގައެވެ. ޙާދިސާ ހިނގީ މީހަކު ބޮއެފައި އެއްލާލި ސިގިރެޓު ބުރިއަކުން ކަމަށް ވެސް ވާހަކަ ދެކެވެ. އެ ހާދިސާގައި ލޯންޗާއި 4 ތެޔޮބައުޒަރުވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެންގޮސްފައެވެ. އެދުވަހުގެ ހާދިސާ ކާރިސާއަކަށް ބަދަލުނުވީ ސިފައިން އެތަނަށް ހާޒިރުވިލެއް އަވަސް ކަމުން ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. މިހާދިސާގައި ހަ މީހަކަށް އެކިވަރުގެ އަނިޔާވެފައިވެއެވެ.
އެދުވަހު ތެޔޮބައުޒަރުތައް ވަގުތީގޮތުން ހުޅުމާލެއަށް ބަދަކުރިއެވެ. ޚާއްސަކޮށް އެފްއެމްސީގެ ބައުޒަރުތައް ވަނީ ވަގުތުން ހުޅުމާލެ އަށް ބަދަލުކޮށްފައެވެ. އެހާދިސާގައި އެކުންފުނީގެ ބައުޒަރަކަށް ގެއްލުމެއް ނުވެއެވެ.
ހެންވޭރުގެ ބޮޑު އަލިފާން
މިދިޔައަހަރު ސެޕްޓެމްބަރު މަހު ހެންވޭރުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި އެކަކުވަނި ފިހިގެން މަރުވެފައިވެއެވެ. އެތައް އިމާރާތަކަށް ވަނީ ގެއްލުންވެފައެވެ. ގެއްލުންވުމުގެ ސަބަބުން 9 ޢިމާރާތް ތަޅާލަން ޖެހުނެވެ. ތަޅާލި 9 ޢިމާރާތުގެ ތެރޭގައި ހިމެނެނީ މީހުން ދިރިއުޅުނު ތިން ޢިމާރާތާއި ހަ ގުދަނެވެ. މީހުން ދިރިއުޅުނު ޢިމާރާތްތަކުގެ ތެރޭގައި ހ. ކިޔެވް އާއި ހ. ނެއިބަރ އާއި ހ. ނިގާރަން ހިމެނެއެވެ. ގުދަންތަކުގެ ތެރޭގައި ކަޅުހުރާގޭގައި ހުރި ދެ ގުދަނާއި ތިލަފުށީގޭ ގުދަނާއި މާޓިން ގޭ ގުދަނާއި އަހްމީންގޭ ގުދަނާއި އަލިހުރާ ގުދަން ހިމެނެއެވެ.
ހެންވޭރު ބޮޑު އަލީފާނުގެ ހާދިސާގެ ގެއްލުމުގެ ސަބަބުން 6 ޢިމާރާތް ދިރިނޫޅެވޭވަރަށް ހަލާކުވިއެވެ. ފަސް ޢިމާރާތެއް ދިރިއުޅުމަށް ރައްކާތެރި ނަމަވެސް ބައެއް މަރާމާތު ކުރަންޖެހުނެވެ. އަލިފާނުގެ ޙާދިސާގެ ސަބަބުން ވަގުތީ ގޮތުން 11 ގެއަކަށް މީހުން ބަދަލުކުރިއެވެ. ދިރިނޫޅެވޭވަރަށް ހަލާކުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކުރައްވައިފައިވާ ހަ ގެއަކީ ހ. އިވާއު އާއި ހ.ރަދުވާނިޔާގެ އާއި ހ. އީރާނުގެއާއި ހ. ކަޅުހުރާގާރޑަން އާއި ހ. ކަޅުހުރާ އާއި ހ. އަލްފާއެވެ. މަރާމާތު ކުރަންޖެހޭކަމަށް އެމްޑީއެމްއޭ އިން ހާމަކޮށްފައިވާ ގެތަކުގެ ތެރޭގައި ހުމެނެނީ ހ. އަދޫ އާއި ހ. ނިޝާން ފްލާޒާއާއި ހ. ކީލް އާއި ހ. އިމޯޝަނާއި ހ. ގަސްވާއެވެ.
މި ޙާދިސާގައި 31 ގޭބިސީއަށް ގެންލުންވިއެވެ. އޭތެރެއިން 25 ގޭ ބިސީއަކީ ކުއްޔަށް އުޅޭ ގޭބިސީތަކެވެ. އޭގެތެރެއިން އެންމެ ގިނަ ގޭބިސީ އުޅުނީ ހ. ކަޅުހުރާ ގޭގައެވެ. އެގޭގައި 11 ގޭބިސީއެއް ކުއްޔަށް އުޅެމުން ދިޔައެވެ. ދެން އެންމެ ގިނަ ގޭބިސީ އުޅެމުންދިޔައީ ހ. ރަދުވާނިޔާ އާއި ހ.އަދޫ ގައެވެ. އެ ދެގޭގެ ވެރިފަރާތުގެ އިތުރުން ކޮންމެ ގެއެއްގައި ކުއްޔަށް އުޅުނީ ފަސް ގޭބިސީއެކެވެ. މީހުން ދިރިއުޅުނުގެތަކުގެ ތެރެއިން ހ. އިވާއުގައި ފަސް ގޭބިސީ އުޅުނު އިރު ހަތަރު ގޭބިސީ އަކީ ކުއްޔަށް އުޅުނު ގޭބިސީތަކެވެ. ހ. ނިގާރަން އާއި ނެއިބަރ ގައި އުޅުނީ ހަމައެކަނި އެދެގޭގެ ވެރިފަރާތުންނެވެ. އެދެގެ ވަނީ އަލިފާނުގެ ޙާދިސާގައި އެއްކޮށް ހަލާކުވެގެން ގޮސްފައެވެ.
20 ސެޕްޓެމްބަރ 2019ގައި ހެންވޭރުގައި ހިނގި އަލިފާނުގެ ޙާދިސާގައި 26 ގެއަކުން މީހުން ހުސްކުރެވުނެވެ. އެއީ 87 ގޭ ބިސީއެވެ.
Adheebu filun kahala aiydhashun dhoovi kanthahves himanaalinama ithurah fakkaavees noonthoa.
Adhi "Aharuge feylivun", mi surukhee ah liyumeh genesdheyn veenu
Shamrathu gadha in'gey. Aafathihuga hurihaa dhuvahegge hurihaa dhimaalegga Shamrathu