
ރާއްޖޭގެ އަމާންކަން ފޭލި ވެއްޖެ ކަމަށް ބުނެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ގެ އިސްތިއުފާއަށް ޑީއާރުޕީން ގޮވާލައިފިއެވެ.
ޑީއާރުޕީގެ ޓުވިޓަރ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ފޭރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައި ކަމަށެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން ވެސް ބިރު ގަންނަ ޙާލަތަށް މިހާރުވަނީ ޤައުމު ގޮސްފައި ކަމަށް އެ ޓުވީޓުގައި ބުނެފައެވެ.
"ރައްޔިތުންނަށް އަމާންކަން ޔަގީން ކޮށްދިނުމުގައި ހޯމް މިނިސްޓަރ ޢިމްރާން ފޭލި ވެއްޖެ ކަމަށް ޤަބޫލުކޮށް ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލަން،" އެ ޓުވީޓުގައި ބުނެފައިވެއެވެ.
ހުޅުމާލޭގައި ރޭ ވެސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ތުރުކީ މީހަކަށް ހަމަލާދީ ޒަޚަމްކޮށްފައެވެ. އޭނާގެ ކޮލަށައި މެއަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފައެވެ. މިޙާދިސާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަން ރޭ އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައެވެ.
މިޙާދިސާގެ އިތުރުން ބިދޭސީ ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މަރާމާރީއެއްގައި ވެސް ރޭ ވަނީ މީހަކު ޒަޚަމް ކޮށްފައެވެ. އޭގެ އިތުރުންވެސް ފޭރުމާއި ވައްކަންކުރުމާއި މާރާމާރީގެ މައްސަލަތައް ވަނީ ހިނގައިފައެވެ.