
މިދިޔަ ހުކުރު ދުވަހުގެ ރޭ ސިނަމާލެ ބްރިޖް މަތިން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޖިޕްދުއްވި ޑްރައިވަރުގެ ލައިސަންސް ބާތިލް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގިއިރު ޖިޕް ދުއްވަން އިނީ ބަނގަލަދޭޝްގެ ޒުވާނެކެވެ. ޢުމުރުން 27 އަހަރުގެ އެމީހާގެ ލައިސަން ބާތިލްކޮށްފައިވަނީ އިއްޔެ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ އަލުން ލައިސަންސް ނަގަން ބޭނުންވިޔަސް ދެން ލިބޭނީ ދެއަހަރު ފަހުން ކަމަށް ޓްރާންޕޯޓު އޮތޯރިޓީން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހުކުރުދުވަހުގެރޭ ދަންވަރު 1:30 ގައި މިއެކްސިޑެންޓް ހިނގާފައިވަނީ ރިންގް ރޯޑު ބްރިޖް ޓްރެފިކް ލައިޓުގައި ވެހިކަލްތައް މަޑުކޮށްގެން ތިއްބައި ބަނގްލަދޭޝް މީހާ ދުއްވި ޖިޕް ކޮންޓްރޯލް ނުވެ އައިސް އެ އުޅަނދުފަހަރުގައި ފަހަތުން ޖެހުމުންނެވެ.
އެކުސިޑެންޓުގައި ތިންކާރަކާއި ދެ ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ. އަދި ޖިޕް ދުއްވި މީހާއަށާއި އިތުރު ބަޔަކަށް ވަނީ އަނިޔާވެފައެވެ. އެމީހުންނަށްވަނީ އޭޑީކޭ ހޮސްޕިޓަލުން ފަރުވާދީފައެވެ. އެންމެފަހުން ހޮސްޕިޓަލުން ދޫކޮށްލީވެސް ޖިޕް ދުއްވި މީހާއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެއެވެ.