
އައްޑޫސިޓީ މަރަދޫ ސްކޫލަށް 12 ކުލާސް ރޫމް އިތުރުކުރުމަށް ނިންމަވައި އެމަސައްކަތް ކުރުމަށް ކުންފުންޏަކާ މިއަދު ޙަވާލަކުރައްވައިފިއެވެ.
ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ޙަވާލު ކުރައްވައިފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތުގެ އަގެއް ކަމަށް އެ ކުންފުނީން ހުށަހަޅާފައިވަނީ، އަށް މިލިއަން ފަސްލައްކަ ދިހަ ހާސް އެއްސަތޭކަ ފަސްދޮޅަސްއަށް ރުފިޔާ ސާޅީސް ތިން ލާރިއެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 364 ދުވަހެވެ. "އެހެންކަމުން އަޅުގަނޑުމެން އުއްމީދުކުރަނީ 2020 ވަނަ އަހަރު ޑިސެންބަރު މަހު މި މަސައްކަތް މުޅިން ނިމި، އަޅުގަނޑުމެންނާ ހަވާލު ކުރެވޭނެ ކަމަށް،" އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މިމަސައްކަތް އެކުންފުންޏާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފައިނޭންސް އެގްޒެކްޓިވް ނައުޝާދު އިބްރާހީމެވެ. އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޝިހާދު އިބްރާހީމެވެ.