ފާއިތުވި އަހަރު ރާއްޖެ ވަނީ ސިޔާސީ ހަލަބޮލިކަމުން އަރައިގަނެ ހަމަޖެހުން ޤާއިމް ކުރެވިފައި ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ ފާއިތުވި 7 ވަރަކަށް އަހަރު ރާއްޖެ އޮތީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ވެރިކަމަށް ވަޑައިގެން ފައިތުވި އެއް އަހަރުތެރޭގައި ވަނީ ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެންނަވާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
“ފާއިތުވި ހަތް ވަރަކަށް އަހަރު ރާއްޖެ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި އޮވެފައި ވަރަށް ގިނަދުވަސް ފަހުން ރާއްޖެއަށް މިއޮތީ ހަމަޖެހުން ގެނެވިފައި. ރާއްޖެއަކީ ޑިމޮކްރަޓިކް ވެރިކަމެއް ހިނގާ ގައުމެކޭ ވަރަށް އުފަލާއެކު ވަރަށް ފަޚުރުވެރިކަމާއެކު މިހާރު ބުނެވޭނެ. މުއައްސަސާތައް އެބަ ހިނގާ މިހާރު. ސަރުކާރަކުން އެމުއައްސަސާތަކަށް އަތްބާނައެއް ނުހަދާ،" ހޫދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ވެސް މިހާރު ވަރަށް ފުރިހަމައަށް ހިނގަމުންދާ ކަމަށެވެ. މީގެ ކުރީގެ އެއްވެސް ދައުރެއްގައި ވަޒީރުން މަޖިލީހަށް ހާޒިރު ނުކުރާ ވަރަށް މިއަހަރު ވަނީ ހާޒިރު ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެބޭފުޅުންވަނީ މަޖިލީހުގައި ޖަވާބުދާރީވެ ވަޑައިގެންފައި ކަމަށް ހޫދު ވިދާޅުވިއެވެ. ގާތްގަނޑަކަށް މަހަކު ދެވަޒީރުން ވަނީ މަޖިލީހަށް ވަޑައިގެން އެބޭފުޅުންނާ ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްވެގެން ދިޔުމުން ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އެފަދަ އެހެން ކަންކަމަށް ސަމާލުކަން ދިނުމަށް ފުރުސަތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ޕީޖީ އެބައޮތް ވިދާޅުވެފައި ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާ މައްސަލަ ވެސް ކޮންމެވެސް ރަނގަޅު ގޮތަކަށް ނިންމާނެ ކަމަށް،" ހޫދު ވިދާޅުވިއެވެ.
ރާއްޖެއަށް އައިސްފައިވާ ސިޔާސީ ހަމަޖެހުމާއެކު ކުށްކުރާ މިންވަރުވެސް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުށްކުރާ ރޭޓު ވަނީ 50 ޕަސެންޓު ދަށް ކުރެވިފައި ކަމަށް ވިދާޅުވިއެވެ. ކުށްކުރުން މުޅިން ނުހުއްޓުވުނަސް އެއީ ވަރަށްބޮޑު ކުރިއެރުމެކެވެ.
ސީރިއާގައި ދިރިއުޅެމުންދާ ދިވެހީން ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމީހުންނަކީ ހަނގުރާމައެއްގެ ތެރޭގައި އުޅެފައިވާ ބަޔަކަށްވުމުން ރާއްޖެ ގެންނަގޮތަށް މުޖުތަމައުގެ ތެރެއަށް ދޫނުކުރެވޭނެ ކަމަށް ހޫދު ވިދާޅުވިއެވެ. އެހެން ކަމުން އެމީހުން ގެނައުމުގެ ކުރިން އެމީހުން ބައިތިއްބާނެ އިންތިޒާމާއި ރިހެބިލިޓޭޓު ކުރެވޭނެ އިންތިޒާމް ހަޖައްސަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ސީރިއާގައި ތިބި ދިވެހީން ކުރިއަށްއޮތް ހަތްވަރަކަށް މަސްތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ބެލެވެއެވެ.