
ގެއްލިގެން ހޯދަމުންދިޔަ ސްރީލަންކާގެ މަސްބޯޓު، ހަތަރު މީހުންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ފެނިއްޖެއެވެ.
ސްރީލަންކާގެ މަސްބޯޓެއް ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް ސްރީލަންކާއިން އެދުމާ ގުޅިގެން މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން އެ މަސްބޯޓު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ ކުރަމުންނެވެ. މި މަސައްކަތް ކުރަމުން ދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް މި މަސްބޯޓު ފެނިފައިވަނީ ރޭ ދަންވަރު 3 ޖަހާކަންހާއިރު ހދ.މަކުނުދޫގެ ހުޅަނގުން 153 ނޯޓިކަލް މޭލު ބޭރުުން އޮޔާދަނިކޮށެވެ. މި ބޯޓު ފެނުނުއިރު އޭގައި ހަތަރު މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ދެރަ ނަމަވެސް، ދެން ތިބި ތިން މީހުންގެ ޙާލު ރަނގަޅެވެ.
އެ މަސްބޯޓު ހދ.ކުޅުދުއްފުއްޓަށް ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ދަނީ މިހާރު ދަތުރުކުރަމުންނެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ކުޅުދުއްފުށީ ބަނދަރަށް ވަދެވޭވަރު ވާނެކަމަށް ލަފާކުރެވެނީ މިރޭ 11 ޖަހާކަންހާއިރު އެވެ.