ފަތުރުވެރިކަމާ ގުޅޭ ވިހި ގަވާއިދެއް އަންނަ އަހަރު އިސްލާހު ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރޭ ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެގަވާއިދުތައް މުތާލިއާކޮށް އިސްލާހު ކުރުމަށް ނިންމެވީ މިހާރަށް ނުފެތޭތީ ކަމަށެވެ. ގަވާއިދުތައް އިސްލާހުށް ރައްޔިތުންނަށް ދެމުންގެންގާ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ރަނގަޅު ކުރުމަކީ މިނިސްޓްރީގެ އުންމީދު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދާއިރާގައި އިންވެސްޓް ކުރުމަށްފަހު ތަފާތު ސަބަބުތައް ދިމާވެ ކުރިއަށް ނުދެވިފައިތިބި ފަރާތްތަކަށް އެހީވެ އެމީހުންގެ އަތުގައި ހިފައިގެން ތެދުވުމަކީ މިނިސްޓްރީން ކުރައްވާނެ ކަމެއްކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް އެ މަސައްކަތުގައި ދެމިތިބި މީހުންނަށް އަބަދުވެސް އެހީތެރިކަމާއި ހިތްވަރު ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެމިނިސްޓްރީން މިއަހަރަށް ކަނޑައެޅި އެއް ލަނޑުދަނޑިއަކީ ދޮޅުމިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ. އެކަން މިހާރުވަނީ ވެފައި ކަމަށާއި އެކަން މިހާރު އައުކޮށް އަންނަނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިސަރުކާރުގެ ވެރިންނަކީ ރައްޔިތުން ކަމަށާއި ސަރުކާރު ހަވާލުކޮށްފައި ވެރިން ބުނެފައިވަނީ ގައުމު ހިންގައި ދިނުމަށް ކަމުން އެކަން އެންމެ ރަނގަޅު ގޮތުގައި ވެރީންނަށް ކޮށްދެއްވުމަކީ މިސަރުކާރުގެ މައިގަނޑު މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.