ރައީސް މައުމޫން އިޢުލާން ކުރެއްވި އިސްލާހީ އެޖެންޑާ ތަންފީޒު ކުރުމުގައި އެންމެ އިސްދައުރެއް އަދާ ކުރެއްވި އެއްބޭފުޅަކީ ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލީދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ކަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ.
މާމިގިލީގައި ޖޭޕީން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޤާނޫނުއަސާސީއަކީ ރައީސް މައުމޫނު އޭރު އިޢުލާން ކުރެއްވި އެޖެންޑާގެ ތެރެއިން ވުޖޫދުވި އެއްޗެއް ކަމަށެވެ. ޤާނޫނު އަސާސީ އިސްލާހުކުރުމަށް އެއްކޮށްލި ޚާއްސަމަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މުޅި ޤާނޫނުޢަސާސީ އިސްލާހުކޮށް ނިންމެވި މޭސްތިރިއަކީ ވެސް ޤާސިމް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީއެއް ތަޢާރަފް ވެގެން އައީވެސް އެ އެޖެންޑާގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު ރާއްޖޭގައި މިހާރު ކުރަމުދާ ވެރިކަމަކީ ތިންބާރު ވަކިވެފައިވާ ވެރިކަމެއް ކަމަށް ވެސް އާރިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ތިންބާރު އެކެއްގެ އަތްމައްޗަށް އަރައިފި ކަމަށްވާނަމަ ދިވެހިރައްޔިތުންގެ އެއްވެސް އަގެއް ނުހުންނާނެ ކަމަށެވެ.
މި ސަބަބާހެދި ކުރިއަށްއޮތް ލޯކަލްކައުންސިލްގެ އިންތިޚާބުގައި އެންމެން ނުކުމެ އެންމެ ރަނގަޅު ކެންޑިޑޭޓުން ކައުންސިލްތަކަށް އިންތިޚާބުކޮށް ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ޑިމޮކްރަސީއެއްގައި ބަސްބުނުމަށް ރައްޔިތުންނަށް ލިބޭ އެންމެ ރަނގަޅު ފުރުސަތަކީ ވެސް މިފަދަ އިންތިޚާބުތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެއްވެސް ސަބަބަކާހެދި ވޯޓުނުދީފި ކަމަށްވާނަމަ ކަމެއް ގޯސްވެގެންދާއިރުވެސް އަދި ރަނގަޅަށްދާއިރު ވެސް އެމީހަކަށް ޑިމޮކްރަސީން ލިބިދީފައިވާ ބަސް ބުނުމުގެ ފުރުސަތު ގެއްލުނީ ކަމަށް އޭނާ ވިދާޅުވިއެވެ.