
ސޫރިޔާގެ ވާދީ ބަރާދާ ހިފުމަށް ސަރުކާރު ސިފައިންނާއި އިދިކޮޅު ހަގުރާމަވެރިން ކުރަމުން ގެންދާ ހަގުރާމައިގެ ސަބަބުން ވެރިރަށް ދިމިޝްޤަށް ފެންފޯރުކޮށްދޭ މަގުތައް ބަންދުވުމާއިގުޅިގެން ދިމިޝްޤްގެ އެތައް މިލިއަން ރައްޔިތުން ފެނަށް ޖެހިފައިވާކަމަށް ޚަބަރުލިބެއެވެ.
ދިމިޝްޤަށް އެންމެ ގިނައިން ފެން ފޮނުވާދެނީ ހުޅަގު އުތުރުގައި އޮންނަ ބަރާދާ ކޯރުން ކަމަށްވާއިރު ވާދީ ބަރާދާ ގައި ހަގުރާމަ ދިގުދެމިގެން ދިއުމާއިއެކު ވޯޓަރ ސަޕްލައި ފެސިލިޓީތަކަށް ބޮޑެތިގެއްލުން ލިބި ފެނުގެ ޚިދުމަތް މެދުކެޑިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ފެން ލިބުން ދަތިވެފައިވުމާއިއެކު ދިމިޝްޤްގެ ރައްޔިތުން ، މިވަގުތު އެހިސާބަށް ކުރިމަތިވެފައިވާ ގަދަފިނީގައި ފެންހޯދުމަށް ވަގުތީ ޕޮއިންޓް ތަކުގައި ކިއުޖެހެން ވަނީ ޖެހިފައެވެ. ފާއިތުވި ވިއްސަކަށް ދުވަހު ގެތެރޭގައި ދިމިޝްގެ ފެނުގެ ހާލަތު ވަރަށް ގޯސްވެފައިވާކަމަށާ ، އިމާރާތްތަކުގެ އެންމެތިރީގައި ތިބޭ މީހުންނަށް ކޮންމެވެސް ވަރަކަށް ފެން ލިބުނު ނަމަވެސް މަތީ ފަންގިފިލާތަކަށް އެއްވެސް ވަރަކަށް ފެން ނުލިބޭ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ދިމިޝްޤްގެ ފެނުގެ ހާލަތު ގޯސްވަމުން ދިއުމާއިއެކު އާންމު ސާފުތާހިރުކަން ކުޑަވުމުގެ ސަބަބުން ޒާތްޒާތުގެ ބަލިތައް ފެތުރިގެން ހިގައިދާނެ ކަމުގެ އިންޒާރު އދގެ ކަމާބެހޭ އިދާރާތަކުންވެސް ވަނީ ދީފައެވެ. ސޫރިޔާގެ މިސަރަހައްދުގެ ފެނުގެ ހާލަތު ރަގަޅު ކުރުމަށް ފެންކުންފުނިތަކުންވެސް އިމަރޖެންސީ ފިޔަވަޅު އަޅަމުންގެންދާކަމަށް ޚަބަރުލިބެއެވެ.