
ކ. މާފުށިން ގެއްލިގެން އިއްޔެ ހޯދަމުންދިޔަ 14 އަހަރުގެ ކުއްޖާ ފެނުނުއިރު ހޭނެތިފައިވަނީ ރުޅިގަދަވެގެން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ އެކުއްޖާއަކީ ރުޅިދަވާ ވަގުތު ނޭވާ ހިއްލާ ކުއްޖެއް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުންނާއި، ޢާއްމުންނާއި، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގުޅިގެން އެކުއްޖާ ހޯދަމުންދަނީކޮށް އިއްޔެ އޭނާ ފަނިފައިވަނީ މާފުށީ ޕްރީސްކޫލާއި ސްޓެލްކޯއާ ދެމެދުހުރި ގުދަނެއްގެ ތެރެއިންނެވެ. އޭނާ ފެނިފައިވަނީ އާންމުންގެ މީހަކަށެވެ. ފެނުނުއިރު ވެސް އޮތީ ހޭނެތިފައެވެ.
އިޒުމިއާ ވިދާޅުވީ އެ ކުއްޖާ އެތަނަށް ގޮސްފައިވަނީ އަމިއްލައަށް ކަމަށެވެ. "އެކުއްޖާ ރުޅިގަދަވެގެން ގޮސް ހޭނެތުނީ ކަމަށްވަނީ. އެކުއްޖާއަކީ ރުޅިގަދަވާ ގަޑީގައި ނޭވާ ހިއްލައި ހޭނެތުމުގެ ހިސްޓްރީއެއް އޮންނަ ކުއްޖެއް ކަމަށްވަނީ. އެކުއްޖާ ބުނަނީ އޭނާ އެތަނަށް ދިޔައީ އެކަނިކަމަށް،" އިޒުމިއާ ވިދާޅުވިއެވެ.