ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ދުންޔާ މައުމޫނު ހަމަޖައްސަވައިފިއެވެ.
ދުންޔާ އަކީ މިހާރު އޮތް ޔާމީނުގެ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރާއްޖެއަށް ކޮމަން ވެލްތުންނާއި، ބައެއް ގައުމުތަކުން ކުރިމަތި ކުރުވި އެންމެ ދަތި ދުވަސްވަރު ޚާރިޖީ ވަޒީރުކަމުގައި ހުންނެވީ ދުންޔާއެވެ. ދުންޔާ ޚާރިޖީ ވަޒީރު ކަމުން އިސްތިޢުފާ ދެއްވީ ޔާމީނުގެ ސަރުކާރަށް ކުރައްވާ ތާއީދު އަނބުރައި ގެންދެވި ކަމަށް ޕީޕީއެމްގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވުމާއި ގުޅިގެން ފެށުނު ނުތަނަވަސްކަމުގެ ތެރޭގައެވެ. އިސްތިޢުފާ ދެއްވުމަށް ފަހު ސަރުކާރަށް ފާޑު ވިދާޅުވެ ކޮންމްވެސް ވަރަކަށް ވާހަކަފުޅުވެސް ދެއްކެވިއެވެ.
ދުންޔާ އިސްތިއުފާ ދެއްވުމުގެ ކުރިން ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާވެސް ސަރުކާރުން އިސްތިޢުފާ ދެއްވިއެވެ. ދުންޔާއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވުމާ ގުޅިގެން ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅު ވެފައި ވަނީ އެއީ ދުންޔާގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށާއި އޭނާ (ޔުމްނާ) އަދިވެސް ހުންނަވާނީ ރައީސް މައުމޫނުގެ ފަހަތްޕުޅުގައި ހައްގު ގެ މަގުގައި ކަމަށެވެ. އަދި ރައީސް މައުމޫނުވެސް ވަނީ ދުންޔާގެ ނިންމެވުމަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.