
ކ. މާފުށީން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ހޭނެތިފައި އޮއްވައި އެކުއްޖާ ފެނިޖެއެވެ. އޭނާއަށް މިހާރު ގެންދަނީ އެރަށުގެ ސިއްޙީމަރުކަޒުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެރަށު ސްކޫލުގެ ގްރޭޑް 8 ގައި ކިޔަވަމުންދާ އެއްކުއްޖާ ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 5:43 ގައެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ރައްޔިތުންނާއި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވެސް ބައިވެރިވެފައިވެއެވެ.
ފުލުހުން ވިދާޅުވީ އެކުއްޖާ ފެނިފައިވަނީ ޢާއްމުންގެ މީހަކަށް ކަމަށެވެ. އޭނާ ފެނިފައިވަނީ މާފުށީ ޕްރީސްކޫލާއި ސްޓެލްކޯއާ ދެމެދުހުރި ގުދަނެއްގެ ތެރެއިން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.އެހެންނަމަވެސް އެކުއްޖާއަށް ވީގޮތެއް އަދި ސާފެއްނުވެއެވެ.