
މަސްތުވެފައި ތިބޭ ކުދީން ނުވަތަ ޒުވާނުންގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ޢާއްމު ނުކުރުމަށް ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު އަނީލް ގޮވާކައްވައިފިއެވެ. އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ ވީޑިއޯތައް ސޯޝަލް މީޑިއާއަށްލައި ފަޟީޙަތް ކުރުމަކީ ޝައިޠާނާއަށް ވެދެވޭ އެހީއެއް ކަމަށެވެ.
އެފަދަ ކުދިން ފެނުނަމީ ހިތާމަހުރި ކަމެއް ކަމަށާއި އެހެންނަމަވެސް އެކުދިންގެ ވޯޑިއޯ ސޯޝަލް މީޑިއާއަށް ލައި ޝެއަރކޮށް އެކުދިން ބޭޒާރު ނުކުރުމަށްވެސް ޝައިޚްވަނީ ނަސޭހަތެރިވެފައެވެ. އެކުދިން ބޭޒާރު ކުރުމުގެ ބަދަލުގައި އެވަބާއިން އެކުދިން ސަލާމާތް އެންމެން ވެސް މަސައްކަތް ޝައިޚްވަނީ އެދިވަޑައިގެންފައެވެ.
"މިހާރަކަށް އައިސް، މީސްމީޑިއާގައި، މަގުމަތީގައި މަސްތުވެފައިތިބޭ ޒުވާނުންގެ ވީޑިއޯ ޝެއަރ ކުރާ މަންޒަރު ފެންނަކަމީ ހިތާމަ ހުރި ކަމެއް. އެފަދަ ކުދިން ބޭޒާރު ނުކޮށް، އެވަބާއިން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމާ ހިނގާ! އެކުދިން ފަޟީޙަތް ކުރުމަކީ ޝައިޠާނާއަށް ވެދެވޭ އެހީއެއް،" މިއީ އަނީލް ޓުވީޓެވެ.
މަސްތުވެފައި ކަމަށް ބެލެވޭ ޒުވާނުންގެ ވީޑިއޯޓައް ރެކޯޑުކޮށް މިފަހަކަށް އައިސް ބައެއް މީހުން ދަނީ ސޯޝަލް މީޑިއާއަށް ލަމުންނެވެ. މުޖުތަމަޢު އިސްލާހު ކުރުމަށްޓަކައި އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އެއްވެސް ބަޔަކު ބޭޒާރު ނުކޮށް ނަސޭހަތްދީގެން ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުން ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.