
ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރޖެނެރަލްގެ މަޤާމަށް އަލްއުސްތާޒު ޙުސައިން ޝަމީމް މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ޝަމީމް އެމަޤާމަށް އައްޔަން ކުރައްވައިފައިވަނީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔަތެއްގައެވެ. މަޤާމުގެ ލިޔުން އެމަނިކުފާނާ ޙަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެއެވެ.
ޕީޖީގެ މަޤާމަށް އައު ބޭފުޅަކު ހަމަޖެއްސެވީ ކުރިން އެމަޤާމުގައި އިންނެވި ޢާއިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވައިފައިވަނީ ހުސްވި ނޮވެމްބަރުމަހު 28 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމުން އިސްތިއުފާ ދެއްވީ އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ތައްޔާރުވަމުން ގެންދަވަނިކޮށްނެވެ. ރައީސް ވަނީ އޭނާގެ އިސްތިއުފާ ޤަބޫލުކުރައްވައި އުފާވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.
ޕީޖީކަމަށް މިއަދު އައްޔަން ކުރެއްވި ޝަމީމަކ ކުރީން ޑެޕިޔުޓީ ޕީޖީއެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ ކިޔަވައި ވިދާޅުވީ މިސްރުގެ އަޒުހަރުން ޔުނިވަރސިޓީންނާއި، އިނގިރޭސިވިލާތުންނެވެ. އެމަނިކުފާނު ވަނީ މަސްޓަރސް ހައްފަވައިފައެވެ.