އެމްޓީސީސީ ބަސް ޑްރައިވަރެއްގެ ލައިސަންސް ހިފަހައްޓައިފި

މާލެއާއި ހުޅުމާލެއާ ދެމެދު އެމްޓީސީސީން ދުއްވާބަހެއްގެ ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އޭނާގެ ލައިސަންސް ހިފެހެއްޓީ ބަސް ދުއްވަމުން ފޯނު ބޭނުން ކުރި މައްސަލައެއްގައެވެ. އެ ވީޑިއޯވެސް ސޯޝަލް މީޑިއާގައި މިހާރުވަނީ ޢާއްމުވެފައެވެ.

އެ ވީޑިއޯ އާއްމުކޮށްފައިވާ ފަރާތުން ބުނެފައިވަނީ ޑްރައިވަރު ފުރަތަމަ އިނީ ނިދާފައި ކަމަށެވެ. އެހެން އިންދާ ބަހުގައި އުޅޭ ޓިކެޓު ކަނޑާ މީހާ އޭނާގެ ގައިގައި ކޮއްޓާލުމުން ހޭލެވުނީއެވެ. ހޭލެވުމުން ދެން އޭނާ އުޅެގަތީ ފޯނާގެން ކަމަށް އެމީހާ ބުނެފައިވެއެވެ.

ފުލުހުން ވިދާޅުވީ އެ ޑްރައިވަރު ހޯދައި ފުލުހަށް ހާޒިރުކޮށް އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ލިޔުމުން ނަސޭހަތްވެސް ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ލައިސަންސް ހިފެހެއްޓީ ކިހާދުވަހަކަށް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

އެމްޓީސީސީގެ ބަހަކުން ޖެހި މިހާތަނަށްވަނީ ދެމީހުން މަރުވެފައެވެ. އެއީ އަންހެން ފަތުރުވެރިއަކާއި، 13 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. އެމްޓީސީސީން ގެންދަވަނީ ޑްރައިވަރުން ހޭލުތެރިކުރުމުގެ ގޮތުން ދޭތެރެދޭތެރެއިން އިންހައުސް ޕްރޮގްރާމްތަކެއް ވެސް ހިންގަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.