ސައުވީސް މިލިއަން ރުފިޔާ ޚަޒާނާއަށް ޖަމާކޮށްފިން: ޢަލީ ވަޙީދު

ޓޫރިޒަމް މިނިސްޓަރ ޢަލި ވަހީދު: ފޮޓޯ ޓުއަރިޒަމް މިނިސްޓްރީ

ފާއިތުރުވި އެއް އަހަރުތެރޭގައި ސީއެސްއާރުގެ ގޮތުގައި ރައްޔިތުންގެ ޚަޒާނާއަށް 24 މިލިއަން ރުފިޔާ ޖާމާކޮށްފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިކަން ހާމަކުރައްވައިފައިވަނީ މިއަދު ބޭއްވި ކައުންސިލަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެއީ ޓްރަސްޓް ފަންޑުގެ ތެރެއިން ޖަމާކުރި އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީއާ ޙަވާލުވެ ވަޑައިގެންނެވިއިރު ޓްރަސްޓް ފަންޑުގައިހުރީ އެންމެ 1.6 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރުގެ ބަހުރުވައިންނަމަ އެއީ ކޮރަކައްޔެއްގެ ސައިޒެވެ. "މިއޮންނަ ޓްރަސްޓް ފަންޑް އަޅުގަނޑުމެން އައިއިރު އެ ފަންޑުގައިހުރީ 1.6 މިލިއަންރުފިޔާ. އަޅުގަނޑުމެން މިކިޔަނީ އެއީ ކޮރަކައްޔެއް ވަރުގެ ސައިޒެކޭ. މިއަދު އަޅުގަނޑުމެން އުފަލާއެއްކޮށް މިތިބީ 24 މިލިއަން ދިވެހިރުފިޔާ ރައްޔިތުންގެ ޚަޒާނާއަށް (ސީއެސްއާރުގެ ގޮތުގައި) ޖަމާކޮށް ބޮޑުމަހެއްހާ ވަރަށް ބޮޑުވެލައިގެން އެ ޓްރަސްޓްފަންޑް،" މިނިސްޓަރ ވިދާޅުވިއެވެ. އެއީ  ކޮރަޕްޝަން ނައްތާލައި ޒަމާނީ ތަރައްގީއާ އެއްކޮށް ޒަމާނީ ރަނގަޅު އުސޫލުތަކާ އެއްގޮތަށް ސަރުކާރުގެ މިނިސްޓްރީތައް ހިންގަން ފެށުމުން ރައްޔިތުންނަށް ލިބިގެންދާ ފައިދާ ނުވަތަ ހެޔޮ ބަދަލުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީއަކީ ކޮރަޕްޝަންގެ އިންގިލިތައް އެންމެ ގިނައިން އަމާޒުވެފައިވާ މިނިސްޓްރީ ކަމަށެވެ. އެހެންނަމަވެސް  ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފުރަތަމަ އަހަރު ނިމިގެންދިޔައިރު އެމިނިސްޓްރީއާ ދިމާއަށް އެފަދަ އެންމެ އިނގިއްޔެއް ވެސް ދިއްކުރެވިފައިނުވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީއަކީ މީގެކުރިން އެންމެބޮޑަށް ކޮރަޕްޝަންގެ ތުހުމަތުގެ އިނގިލި ދިއްކުރެވިފައިއޮތް މިނިސްޓްރީ. އެހެންނަމަވެސް އުފަލާއެކު މިސްޓޭޖުގައި ހުއްޓިހުރެ ދަންނަވާލަން ބޭނުންވަނީ ސަރުކާރުގެ ފުރަތަމަ އަހަރު ނިމުނުއިރު ކޮރަޕްޝަންގެ ތުހުމަތު އެންމެ އިނގިއްޔެއްވެސް މިނިސްޓްރީއޮފްޓޫރިޒަމާ ދިމާއަށް ދިއްކުރެވިފައެއް ނޯންނާނެޔޭ، އެއީ ޖަޒީރާ ރާއްޖޭގައި އަޅުގަނޑުމެން ހޯދި އެންމެ ބޮޑޫ އެއްކާމިޔާބޭ،" މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.