
މި ސަރުކާރުގެ ފުރަތަމަ އަހަރު ނިމިގެންދާއިރު 60 ގައިދީންނަށް އަދަބު ލުއިކޮށްދީފައިވާ ކަމަށް އެޓާނީޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ 60 މީހުންގެ އަދަބު ލުއިކޮށްދިނުމުގެ އިތުރަށް 49 މީހައްގެ އަދަބު ލުކުރުމަށް ވެސް އަދި މަޢާފުދިނުމަށް ވެސް ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.
މީހަކަށް މަޢާފުކޮށްދިނުމާއި އަދަބުލުއޮކޮށްދެވޭ ކުށްތަކާއި އަދަބު ލުއިނުކުރެވޭ ކުށްތައް ވެސް ބަޔާންވެފައިވެއެވެ. އަދަބު ލުއިކުރުމާއި މާފުދިނުން އޮންނަނީ ކުލެމެންސީ ބޯޑުން ރައީސަށް އެކަމަށް ލަފާ ދެއްވުމުން ރައީސަށް ފެނިވަޑައިގަންނަވާ ބަޔަކަށެވެ.
މީހުންމެރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުޑަކުދިންނާއެކު ޖިންސީ ޢަމަލު ހިންގުމާއި ޓެރަރިޒަމްގެ ކުށްތަކަށް މާފުދިނުމާއި އަދަބު ލުއިކޮށްނުދެވޭނެއެވެ.
ކްލެމެންސީ ބޯޑުގެ ރައީސަކީ އެޓަރނީ ޖެނެރަލްއެވެ. އެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތައް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދެނީ އެޓަރނީ ޖެނެރަލްގެ އޮފީހުން ކަމަށް ޓުވީޓުގައި ވިދާޅުވެފައިވެއެވެ.