
ސްރީލަންކާގައި އުފެދުނު އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އެގައުމަށް ވަޑައިގެންފިއެވެ.
ރޭގެ ވަގުތެއްގައި މިނިސްޓަރު ޝާހިދު ލަންކާއަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގައި އެގައުމުގެ އާ ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މި މަޝްވަރާތަކުގައި ބާރު އަޅުއްވާނެ ކަމަށް ވެއެވެ.
މިއީ ލަންކާގެ އާ ސަރުކާރު އުފެދުނު ފަހުން ދިވެހި ސަރުކާރުގެ އިސްބޭފުޅަކު އެގައުމަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ހިޖުރަކޮށްގެން ދިރިއުޅެމުން އަންނަ ރާއްޖެއާ އެންމެ އަވައްޓެރި ގައުމެވެ.
ލަންކާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި އެ ގައުމުގެ އާ ރައީސަކަށް ވެވަޑައިގެންފައި ވަނީ ގޮތާބޭ ރާޖަޕަކްސާއެވެ. އަދި އާ ބޮޑުވަޒީރަކަށް ވެވަޑައިގެންފައި ވަނީ ގޮތާބޭގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއެވެ.