
ބާވީސް ފަތުރުވެރިންނާއި 12 ފަޅުވެރީނާއެކު ޖުމްލަ 34 މީހުންނާއެކު ދަތުރުކުރި "އިރުވައި" ސަފާރީ ފުންކޮށްފިއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ ސަފާރީ ފުންކޮށްފައިވަނީ ރޭ ދަންވަރު 2:30 ގައި ކަމަށެވެ. ފުންކޮށްފައިވަނީ ސަފާރީގެ ވެރިފަރާތުން ހަމަޖެއްސި އެހެން އުޅަނދެއްގެ އެހީގައި ކަމަށްވެސް ޢާޒިމް ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ. އަދި އުޅަނދަށް ވެސް ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ސަފާރީ އެރީ އދ. މޫފުށީ އިރު ދެކުނުން 4.7 ނޯޓިކަލް ބޭރުގައި އޮތް ގިރިއަކަށެވެ. މިހާދިސާގެ މަޢުލޫމާތު އިއްޔެ ހަވީރު 4.35 ގައި ލިބުމާއެކު އެމްއެންޑީއެފުން ވަނީ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.