
އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި "އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގ 1-2019" ކާމިޔާބުކަމާ އެކު ނިންމާލައިފި ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.
މިއީ މިމަހު 25 އިން 27 އަށް ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި ފަރިތަކުރުންތަކުގައި، "ދަ އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޕޮލިޔުޝަން ފްރޮމް ޝިޕްސް (މާޕޯލް)" އާ ބެހޭގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، ކަނޑަށް އެޅޭ ތެލުގެ ބާވަތްތަކާއި، ކަނޑަށް ތެޔޮ އެޅުމުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، ކަނޑަށް އެޅޭ ތެޔޮ ކޮންޓެއިންމެންޓް ކުރާނެ ގޮތާއި، ރިކަވަރ ކުރާނެ ގޮތްތަކާއި، ރައްކާތެރިކަމާއެކު އެތެޔޮ ނައްތާލުމަށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން ވެސް ވަނީ މަޢުލޫމާތު ދީފައެވެ.
މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ފަރިތަކުރުންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، މެރިންކޯގެ ސިފައިން ބައިވެރިވިއެވެ. މި ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ، އެ ދާއިރާއިން ތަމްރީނު ލިބިފައިތިބި ސިފައިންނެވެ.
މި އެކްސަސައިޒްގެ އޮބްޒާވަރުންގެ ގޮތުގައި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި، މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ. މި ފަރިތަކުރުންތަކުގެ ފައިނަލް އެކްސަސައިޒް ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު ހުޅުމާލޭގައެވެ.
އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤްގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމާއި، ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.
އެމްއެންޑީއެފް ހުޅުމާލޭ ޕޯސްޓްގައި މިއަދު ހެނދުނު ބޭއްވި މި އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ. މި ރަސްމިއްޔާތުގައި، އެކްސަސައިޒްގައި ބައިވެރިވި ސިފައިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.