
ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ލަންކާގެ 7 މަސް ބޯޓު ރޭ ހުޅުމާލެއަށް ގެނެސްފިއެވެ.
މި ހަތް ބޯޓު ފެނިފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު ކަމުގެ މަޢުލޫމާތު މިމަހުގެ 21 ވަނަ ދުވަހުގެ ފަތިހު "އަސުރުމާ – 3" ނަމަކަށްކިޔާ މަސްދޯންޏަކުން އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އާއި ހިއްސާކުރުމުން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝނުގައި އެބޯޓުފަހަރު އަތުލައިގެންފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ އެވެ.
ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި މި ބޯޓުތައް ހިފަހައްޓާފައި ވަނީ މާލޭގެ އިރުން 175 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި މި ބޯޓުތަކުގެ ތެރެއިން ދެބޯޓެއް ހިފަހައްޓާފައި ވަނީ ދާއަޅައިގެން މަސްވެރިކަން ކުރަމުންދަނިކޮށެވެ.
ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކާ ގުޅިގެން މި މައްސަލަ ދަނީ އިތުރަށް ތަހުޤީޤު ކުރަމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.