ކާބަފައިން ދޫކުރި އެންމެ އަގޮބޮޑު އެއްތަރިކައަކީ އަތްތެރި މަސައްކަތުގެ ހުނަރު: ރައީސް

ދިވެހި އަދަބިއްޔާތާއި ދިވެހި ބަހާ އެކުގައި، ދިވެހި ކާބަފައިން ދިވެހީންނަށް ދޫކުރި އެންމެ އަގުބޮޑު ތަރިކައަކީ، އަތު މަސައްކަތާއި އަތްތެރި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ހުނަރުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ފެށި ފަންނު އެކްސްޕޯ ހުޅުއްވައި ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ އަދުގެޖީލުތަކުގެ ދިވެހިންނާ ހަމައަށް މިއަދު އައިސްފައިވާ ދިވެހި ކޮންމެ އުފެއްދުމަކީ އޭގައި ޚާއްސަ ދިވެހިވަންތަ ސިފަތަކެއް އެކުލެވިގެން އެތައް ޖީލެއް ކަޑައްތުކޮށް އައިސްފައިވާ އުފެއްދުންތަކެއް ކަމަށެވެ.

ކާބަފައިން ފޯރުކޮށްދެއްވައިފައިވާ އުފެއްދުންތެރިކަމުގެ މުއްސަނދިކަން މި މައުރަޒުން ފެނިގެންދާނެކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މިރޭ ހުޅުވި މައުރަޒުގައިވަނީ 78 ގިންތިއަކުން، އުފެއްދުންތައް މިންކޮށް ވަޒަންކުރެވިގެން ވަނަތައް ހޮވައިފައެވެ. އެއީވެސް ކާބަފައިންގެ ފަރާތުން ލިބިފައިވާ ތަރިކައިގެ މުއްސަނދިކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެ "ހުނަރުވެރި ފަންނުވެރި ތަރިކަތައް ދިރުވައި އާލާކުރުމަށް، ދިވެހި މަސައްކަތްތެރީން މިހާރުވެސް އަންނަނީ، މިންނެތް މަސައްކަތްތަކެއް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފަންނު އެކްސްޕޯ ފަދަ މައުރަޒުތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް، އެފަދަ މަސައްކަތްތެރީންނަށް ހިތްވަރުދީ، ދިވެހިންގެ ހުނަރުތައް ދިރުވައި އާލާކުރުމަށް، ވާދަވެރި މާޙައުލެއްގެ ތެރެއިން ފުރުޞަތު ހޯދައި ދެއްވުން ކަމަށެވެ. "ވަކިން ޚާއްޞަ ގޮތެއްގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިކުރާ މީހުންނަށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދިނުމަކީ، ފަންނު އެކްސްޕޯގެ ވަރަށް މުހިންމު މަޤްޞަދެއް،" ރައީސް ވިދާޅުވިއެވެ. ހުނަރުވެރި ދިވެހި ޒުވާނުންގެ އުފެއްދުންތަކަށް ރަނގަޅު އަގު ހޯދައިދިނުމަކީ، މި މައުރަޒުގެ ވަރަށް މުހިންމު މަޤްޞަދެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. "ހަމައެފަދައިން، ގޭގައި ތިބެގެން މަސައްކަތްކުރާ ވަރަށް ގިނަ، ވަރަށް ހުނަރުވެރި ދިވެހި އަންހެނުންތަކެއްވެސް، އިޤްތިޞާދީ ނަފާވެރިކަމުން ހަވާސާވެފައި އެބަތިބި. އެމީހުންގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަކީވެސް މި މައުރަޒުގެ ވަރަށް ބޮޑު ބޭނުމެއް،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.