ސްރީލަންކާގެ ބޮޑުވަޒީރު ކަމާ މަހިންދަ ރާޖަޕަކްސާ މާދަމާ ހަވާލުވެވަޑައިގަންނަވާނެ

މިއަދު ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވި ރަނިލް ވިކްރަމަސިންހަ (ކ) އަދި މާދަމާ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ މަހިންދަ ރާޖަޕަކްސާ (ވ)

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިއަދު އިސްތިއުފާދެއްވުމާ ގުޅިގެން ކުރީގެ ރައީސު އަދި މިހާރުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސާ މާދަމާ އެގައުމުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެވެ.

އިތުބާރުހުރި މަސްދަރަކާ ހަވާލާދީ ސްރީލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މަހިންދަ ރާޖަޕަކްސާ މާދަމާ މެންދުރުފަހުގެ ވަގުތެއްގައި ބޮޑުވަޒީރުކަމުގެ ހުވައިކުރައްވާނެއެވެ.

ބޮޑުވަޒީރު ރަނިލްގެ ޕާޓީ، ޔުނައިޓެޑް ޕާޓީ (ޔޫއެންޕީ) އަށް ރިޔާސީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިންގެ އޭނާ ވަނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރައްވާ ކަމަށާ، ރައީސު ގޮތާބޭ ރާޖަޕަކްސާއަށް އާ ސަރުކާރެއް އެކުލަވާލެއްވުމުގެ ފުރުސަތު ދެއްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އެެހެންކަމުން އޭނާ ވަނީ މިއަދު ރައީސު ގޮތާބޭ ރާޖަޕަކްސާއަށް މާދަމާ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ.

"ގާނޫނުހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތުމާ އެކުވެސް އަހަރުމެން ނިންމީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ގޮތާބޭ ރާޖަޕަކްސާއަށް އާ ސަރުކާރެއް އެކުލަވާލެއްވުމުގެ ފުރަސަތު ދިނުމަށް." ރަނިލް ވިދާޅުވިއެވެ.

"އަހަރުމެން ކުރި ހުރިހާ މަސައްކަތަކަށް މުސްތަގުބަލުގެ (ޖީލުތަކުން) އިންސާފުކުރާނެ." އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުން ޚަަބަރުދޭ ގޮތުގައި މަހިންދަ ރާޖަޕަކްސާ ބޮޑުވަޒީރެއްގެ ގޮތުގައި މާދަމާ އައްޔަންކުރައްވާއިރު، ރައީސު ގޮތާބޭ ރާޖަޕަކްސާ 15 ވަޒީރުންގެ މައްޗަށް އެކުލެވޭ ވަގުތީ ވަޒީރުންގެ މަޖިލީހެއްވެސް އިއުލާންކުރައްވާނެއެވެ. އަންނަ އަހަރުގެ މާރިޗު މަހުގައި އާއްމު އިންތިޚާބެއް ބާއްވައި އައު ގާނޫ ހަދާ މަޖިލީހެއް އިންތިޚާބުވަންދެން، މަހިންދަ ރާޖަޕަކްސާގެ ވަޒީރުންގެ މަޖިލިސް މަސައްކަތްކުރާނީ ވަގުތީ ހައިސިއްޔަތުންނެވެ.

ސްރީލަންކާގެ ގާނޫނު އަސާސީ ބުނާގޮތުން ގާނޫނުހަދާ މަޖިލިސް އުވާލެވޭނީ އެ މަޖިލީސް އިންތިޚާބުވީ ފަހުން މަދުވެގެން 4 އަހަރާ ބައި ވުމަށް ފަހުއެވެ. މިހާރު އޮތް ގާނޫނުހަދާ މަޖިލިސް އިންތިޚާބުވެފައި ވަނީ 2105 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށް ވާއިރު، އެ މަޖިލީހަށް 4 އަހަރާ ބައި ވާނީ އަންނަ ފެބުރުވަރީ މަހުގައެވެ. އެހެެންނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެ މަޖިލިސް އުވާލަން ފާސްކޮށްފިނަމަ، 4 އަހަރާ ބައި ނުވިޔަސް ގާނޫނުހަދާ މަޖިލިސް އުވާލެވިދާނެެއެވެ.

އާ ރައީސު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ހުރިހާ ޕްރޮވިންސެއްގެ ގަވަރުނަރުން އިސްތިއުފާދެއްވުމަށް ރައީސު އޮފީހުން މިއަދު ވަނީ އަންގަވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.