
ކަރަންޓު ގަތުމާ ބެހޭ އެއްބަސްވުމެއްގައި ފެނަކަ ކޯޕަރޭޝަނާއި ފ. މަގޫދޫ ކައުންސިލާ ދެމެދު މިއަދު ސޮއި ކޮށްފިއެވެ.
ފެނަކައިން ކަރަންޓު ގަންނާނީ އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރު ސިޓީ މެދުވެރިކޮށް މަގޫދޫ ގައި ގާއިމް ކޮށްފައިވާ ސޯލާ ކަރަންޓު ގެ ނިޒާމުން އުފައްދާ ކަރަންޓެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ މިއީ މިފަދަ އެއްބަސްވުމެއްގައި ފެނަކައިން ސޮއިކުރި ފުރަތަމަ ފަހަރުކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ފެނަކައިން ފައިސާ ދައްކަންޖެހޭނީ މަގޫދޫ ކައުންސިލަށެވެ. އެތަނުން އުފައްދާ ސޯލާ ކަރަންޓު ފެނަކަ ގުރިޑާ ގުޅައިގެން ބޭނުން ކުރަން ފެށުމުން ފެނަކައިން ތެލަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
ކުރިމަގުގައި ވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވި ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.