
ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭން، މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.
ހޮޓެލްޖެންގައި މިއަދު ހެނދުނު ބޭއްވި ޖަލްސާއެއްގައި މި އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
މިއީ މި އެކްޝަން ޕްލޭން އިފްތިތާޙްކުރުމާއި ޤައުމީ މާމަ، ކާފަ ދުވަސް އިޢުލާންކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެކެވެ. ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ އެކްޝަން ޕްލޭނަކީ ދޮށީ އުމުރުގެ މީހުންނާބެހޭ ޤައުމީ ސިޔާސަތުގައި އެކުލެވޭ ކަންކަން ތަންފިޒުކުރުމަށްޓަކައި އެކުލަވާލެވުނު އެކްޝަން ޕްލޭނެކެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްއިން އިންތިޒާމުކޮށްގެން ބޭއްވި މި ޖަލްސާގައި އެވުޒާރާއިން ވަނީ ޤައުމީ މާމަ، ކާފައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަސްކަމުގައި އިޢުލާނުކުރައްވައިފައެވެ. އެމިނިސްޓްރީން ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުމަހު އެކަކުން ފެށިގެން އެދުވަސް ފާހަގަކުރަމުން ގެންދަވާނެކަމަށް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ޤައުމީ މާމަ، ކާފައިންގެ ދުވަހެއް ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދޮށީ އުމުރުގެ މީހުން ޤައުމަށާއި އެމީހުންގެ އާއިލާއަށް ކޮށްދެއްވާ ޚިދުމަތްތައް ފާހަގަކޮށް އެމީހުންގެ އަގު ވަޒަންކުރުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.