ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ޖަނަވަރީން ފެށިގެން ފެންނާނެ: ޢީސަ

ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫޢުތައް އަންނަ ޖެނުއަރީމަހުން ފެށިގެން ލޮލުގައި އަޅައިގަންނަވަރަށް ފެންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު ޢީސާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ މިހެން ވިދާޅުވީ މިސަރުކާރުން ހިންގަން ނިންމާފައިވާ އެއްވެސް މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ނުފެންނަ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.

ޢީސަ ވިދާޅުވީ އެއްވެސް މަޝްރޫޢަކީ ވަގުތުން ފެށޭނެ ކަމެއް ނޫންކަމަށެވެ. ފުރަތަމަ އެކަމަށް ބޭނުންވާ ފައިސާއާއި ވަސީލަތް ހަމަޖައްސަން ޖެހެއެވެ. އެއަށްފަހު ބިޑަށްލައިގެން އެކަންކޮށްދޭނެ ބަޔަކު ހޯދަންޖެހެއެވެ. އެއަށްފަހު އީއައިއޭ ހެދުމާއި ޕްލޭންކުރުމާއި މިހެންގޮސް އެތައް ކަމެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބައެއް ފަހަރަށް އެފަދަ ކަންކަމަށް ހައެއްކަ މަސް ހޭދަވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮންމެ މަޝްރޫޢެއްވެސް އަވަސް ކުރަން ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން ވެސް އެބައެއްގެ ދާއިރާއާ ގުޅޭ ކަމަކަށް ވަރަށް ބޮޑު އެހީއެއްދެއްވާ. އެމަސައްކަތެއް އަވަސް ކުރުމަށް ކުރެވެންއޮތްހާ ކަމެއްވެސް ކޮށްދެއްވާ. އެހެންނަމަވެސް ހުރިހާ ކަމެއް ފައިނަލްވެ މަސައްކަތް ފެށުން ލަސްވަނީ އެކަންކަމުގައ ކުރަންޖެހޭ ކަންކަން ގިނަކަމުން. މިސާލަކަށް އަހަރުގެ މެދުތެރޭގައި އިޢުލާން ކުރާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށޭވަރުވާނީ ޖެހިގެން އަންނަ އަހަރު ކުރީކޮޅު،" ޢީސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށްއޮތް އަރަކީ ތަރައްގީގެ ގޮތުން ރާއްޖެއަށް ކުރިއެރުމާއި މަންފާ ލިބޭނެ އަހަރެއް ކަމަށް އުންމީދު ކުރެވޭ ކަމަށެވެ. އަދި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާނެ އަހަރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.