
ހައްދުން މަތީ ފޮނަދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ޔުނިޓްތައް ލިބިފައިވާ ފަރާތްތަކާ އެ ތަންތަން ހަވާލުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދަނީ ހައުސިންގ ޔުނިޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތުގައި ހައުސިންގ މިނިސްޓްރީގެ ބޭފުޅުން އިއްޔެއިން ފެށިގެން ގެންދަނީ އެރަށަށް ވަޑައިގެން އެ މަސައްކަތް ފަށްޓަވައިފައެވެ.
މިއެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިމަހުގެ 7 ވަނަ ދުވާހާ ހަމައަށް ކުރިއަށް ދާނެއެވެ.
ހައުސިންގް ޔުނިޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގައެވެ. ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ލ. ފޮނަދޫގައި ވަނީ 50 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައެވެ.