އެންމެ ފުރަތަމަ ގަތުލު

ކީރިތި ޤުރްއާނުގެ ފަސް ވަނަ ސޫރަތަކީ އަލްމާއިދަތު ސޫރަތެވެ. އެ ސޫރަތުގައި އެއްބަނޑު އެއްބަފާ ދެބެއިންގެ ވާހަކަ ބަޔާން ކުރައްވައިފައި ވެއެވެ. އެއީ ﷲ އެންމެ ފުރަތަމަ އުފެއްދެވި އިންސާނާ އާދަމް އަލައިހިއްސަލާމްގެ ދެ ދަރިން ކަމުގައިވާ ހާބީލާއި ޤާބީލުގެ ވާހަކައެވެ. މި ދެބެއިންގެ މެދުގައި އަރައިރުންގަނޑެއް ފެށުނެވެ. ވަރުގަދަ ޒުވާބަކަށް ފަހު ޤާބީލް އޭނާގެ އަޚް ހާބީލް ގަތުލު ކުރިއެވެ. އެއީ އިންސާނީ ތާރީޚުގެ އެންމެ ފުރަތަމަ ގަތުލެވެ.

މި ވާހަކަ ބަޔާން ކުރައްވަމުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަލްމާއިދަތު ސޫރަތުގެ 32 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައި ވެއެވެ. "އެ ކަމަށްޓަކައި އިސްރާއީލުގެ ދަރިންގެ މައްޗަށް، ތިމަން ރަސްކަލާނގެ ކަނޑައެޅުއްވީމެވެ. ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދަ އުފައްދައިގެން ނޫން ގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރި ފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވި ފަދައެވެ."

މި އާޔަތުގައި ހަމައެކަނި މީހަކު ގަތުލު ކުރި މީހެއްގެ މައްޗަށް އޮތް ޖަޒާގެ ވާހަކަ ބަޔާން ކުރައްވަނީއެއް ނޫނެވެ. މީގެ އިތުރަށް ހަޔާތުގައި ބޭނުން ހިފަން ޖެހޭ ވަރުގަދަ އުސޫލެއް އަންގަވައިވެސް ދެއްވީއެވެ. އެ އުސޫލަކީ މިއީއެވެ. ޚިޔާލު ތަފާތު ވުމާއި ދޭދޭ މީހުންގެ މެދުގައި ތަފާތު އާދަތަކެއް ހުރުމަކީ ދިރިއުޅުމުގެ ބައެކެވެ. އެއީ މުޅީން ފިލުވައި ލެވޭނޭ ކަމެއް ނޫނެވެ. އެހެންވީމާ މީހަކާ މެދު ތިބާގެ ހިތުގައި ޚިޔާލު ތަފާތު ވުމެއް އުފެދިއްޖެ ނަމަ، ނުވަތަ އެހެން މީހެއްގެ ފަރާތުން ދެކޮޅުވެރިކަމެއް ފެނިއްޖެ ނަމަ، އެކަމާ ކަންބޮޑު ވެގެން ނޫޅޭށެވެ. އެއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭށެވެ. އެ ތަފާތުތަކާއެކު ދިރިއުޅޭން ފަރިތަ ކުރާށެވެ. ޚިޔާލު ތަފާތުވުން ދިރިއުޅުމަށް ފެއްތުމުގެ ހުނަރު ދަސް ކުރާށެވެ. އެއް ގޮތަކީ އެފަދަ ތަފާތުތައް މުޅީން ހަނދާން ނައްތައިލުމެވެ. އަޅާ ނުލައި ދޫކޮށްލުމެވެ. ނުވަތަ ދިރިއުޅުމުގެ ކޮންމްވެސް ކަމަކަށް ބަދަލެއް ގެނެސްގެން އެކަމެއްގެ ތެރޭގައި ދިރިއުޅުން ވޭތުކުރާން ފަރިތަ ކުރުމެވެ.

ކޮންމެ ފަދަ ހާޅަތަެއް މެދުވެރި ވިޔަސް، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ގަބޫލު ކުރާން ޖެހެނީ ދެކޮޅުވެރިކަމާއި، ހަރުކަށި ވެގަތުމަކީ އޮތް ކަމެއް ނޫން ކަމުގައެވެ. އެއީ އެއް ގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫން ކަމުގައެވެ. ކޮންމެވެސް ކަހަލަ ސުލްހަވެރި ހައްލެއް ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަބަދުވެސް ދެކޭށެވެ. ހަރުކަށިކަމާއި ދެކޮޅުވެރިކަމުގެ މަގަށް ނުނުކުންނާން އަޒުމު ކަނޑައަޅާށެވެ.

މީހަކު ގަތުލު ކުރުމުން ހަމައެކަނި އިންސާނަކު ނެތިގެން ދަނީއެއް ނޫނެވެ. އެއީ، ނޭދެވޭ އަމަލަަކަށް ހުޅުވޭ ދޮރެކެވެ. އޭގެ ނަތީޖާ ސީދާާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ފަށްފަށް ވަމުން ދާނެއެވެ. އޭގެ ނުބައި ނަތީޖާ މުޅި އިންސާނީ ދަރިފަސްކޮޅުން ދެކޭނެއެވެ. މި ނަޒަރުން ބަލާއިރު ކޮންމެ ފަރުދީ ކުށަކީ މުޅި ދުނިޔެއަށް ފެތުރިގެން ދާ ބައިނަލްއަގުވާމީ ކުށެއްވެސް މެއެވެ.

ހަރުކަށިކަމާއި އަނިޔާވެރިކަމަކީ މައްސަލައަކަށް އޮންނަ ވިޔާނުދާ ހައްލަކަށް ވެފައި ނިމެނީއަކީއެއް ނޫނެވެ. އެއީ، ދުނިޔޭގެ ސުލޫކީ މިންގަނޑަށް ވެވޭ ޚިޔާނަތެއްވެސް މެއެވެ. ހަރުކަށިކަމާއި އަނިޔާވެރި ކަމަށް ލެނބިގަންނަ މީހާ، ޚުދު ތިމާގެ ނަފުސު ބިނާ ކުރުމުގެ މަސައްކަތުން ރެކި ގަންނަނީއެވެ. އެދެވޭ، އުފެއްދުންތެރި ނަތީޖާއެއް ނުނުކުންނަ ކަމެއްގެ ތެރެއަށް ވަދެ، ތިމާގެ ވަގުތު ނަގައިލަނީއެވެ. ކޮންމެ ދެކޮޅުވެރިކަމެއް ނުވަތަ ހަރުކަށިކަމެއްގެ ނަތީޖާ އަބަދުވެސް ފެންނާނީ ނުބައިކޮށެވެ. އޭގެ ސަބަބުން އެހެން މީހަކަށް ވާ ގެއްލުން ތިބާއަށްވެސް ވާނެކަމީ ގައިމު ކަމެކެވެ.

އަނިޔާވެރިކަމާއި، މީހުން މެރުމުގެ ތެރެއަށް ވަންނަ މީހާ އެކަމެއް އެ ކުރަނީ އަންނަ ރުޅިއެއްގެ ސަބަބުންނެވެ. ރުޅި އައުމާއެކު އިންސާނާގެ ބުއްދީގެ ހާލަތު ބަދަލު ވެއެވެ. ހަމަބުއްދި ފިލައިދެއެވެ. މި ފަދަ ހާލަތެއްގައި ހުރެގެން އެއްވެސް ކަމެއް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ވުމާއެކު ރުޅި އަތުވެއްޖެ ނަމަ، ކެތްތެރި ވާން ދަސް ކުރާށެވެ. ރުޅި މައިތިރި ކުރެވޭތޯ މަސައްކަތް ކުރާށެވެ. ފިޔަވަޅެއް އަޅާނީ ތިމާގެ ބުއްދީގެ ހާލަތު އާދައިގެ ހާލަތަށް ރުޖޫޢަ ވީމައެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.