
އައްޑޫ ސިޓީ މަރަދޫފޭދޫ ބަނދަރުގެ ކީވޯލް ޝީޓްޕައިލް ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށައިފިއެވެ.
މި މަސައްކަތް އިފްތިތާހުކޮށްދެއްވީ ސ. މީދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ރޮޒައިނާ އާދަމެވެ. މި މަސައްކަތް އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތޫ ބާއްވާފައިވަނީ މިއަދު ހަވީރު މަރަދޫ ބަނދަރު ސަރަހައްދުގައެވެ.
މި މަސައްކަތަކީ މަރަދޫފޭދޫ ބަނދަރު ހެދުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ އާއި، ހެވީފޯސް ޕްރައިވެޓު ލިމިޓެޑާ ދެމެދު ވެވިފައިވާ އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ.
ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަގަކީ 31.68 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 420 ދުވަހެވެ. މި މަޝްރޫޢު އެކުންފުންޏާ ޙަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫންމަހު 24 ވަނަ ދުވަހުއެވެ.
ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުން ވަނީ މަރަދޫފޭދޫ ބަދަރުގައި އާޓިފިޝަލް ބީޗެއް ތަރައްގީ ކުރުމަށްވެސް އެއްބަސްވެފައެވެ. މިއީ ސީއެސްއާރުގެ ދަށުން އެކުންފުނިންކޮށްދޭ ކަމެކެވެ.