އެމްޑީޕީގެ އިންތިޚާބު: މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓުފޮށި ބަހައްޓާނެ

ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވޯޓު ދެއްވަނީ: ފޮޓޯ ސޯޝަލް މީޑިއާ

އަންނަ ނޮވެމްބަރު 22 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

މާލޭގައި ދިރިއުޅޭ އައްޑޫސިޓީ މީހުންނާއި ފުވައްމުލައްސިޓީ މީހުންނާއި، މާލޭގައި ދިރިއުޅޭ އެހެން އަތޮޅުތަކުގެ އެމްޑީޕީ މެމްބަރުން ވޯޓުލުމަށް މާލޭގައި ވޯޓުފޮށި ބެހެއްޓިފައި ހުންނާނެ ކަމަށްވެސް އެޕާޓީން ބުންޏެވެ. މިއިންތިޚާބުގައި  ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ އަވަށްޓެރި ސްރީލަންކާގެ ކޮލޮމްބޯގައި އެކަންޏެވެ.
ސްރީލަންކާގެ ކޮލޮމްބޯގައި ވޯޓު ރީރަޖިސްޓްރީ ކުރުން އިއްޔެއިން ފެށިގެންވަނީ ހުޅުވާލެވިފައެވެ. ކޮލޮމްބޯ އިން ރީރަޖިސްޓްރީ ކުރައްވަން ބޭނުންވާ އެމްޑީޕީގެ މެމްބަރުން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ނޮވެމްބަރު 3 ގެ 12:00 ގެ ކުރިން އެޕާޓީގެ އިންތިޚާބާއިބެހޭ ކޮމިޓީގެ އީމެއިލް elections@mdp.org.mv  އަށް އީމެއިލް ކުރުމަށް ވެސް އެމްޑީޕން ވަނީ އެދިފައެވެ.

މިއީ އެމްޑީޕީގެ ލީޑަރޝިޕްގެ އެންމެ އިސް ދެ މަގާމު ކަމަށްވާ ރައީސާއި ނާއިބު ރައީސްގެ މަގާމު ހުސްވެފައިވާތީ އެ ދެމަގާމަށް ބޭފުޅުން ހޮވުމަށް ބާއްވާ އިންތިޚާބެކެވެ.

ރައީސް ކަމަށް ކުރިމަތި ލައްވައިފައިވަނީ އެންމެފަހުން ވެސް އެމަގާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ނާއިބު ރައީސް ކަމަށް ކުރިމަތި ލައްވާފައިވަނީ އެންމެ ފަހުން އެމަގާމުގައި ހުންނެވި މުޙައްމަދު ޝިފާޒާއި، ހިތަދޫ އުތުރުދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.