ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފަތުހުﷲ ޖަމީލް

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވައިފައިވާ ފަތުޙުﷲ ޖަމީލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު އައްޔަން ކުރައްވައިފިއެވެ.

އޭނާގެ އިތުރަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީޢު ވެސް ރައީސް މިއަދުވަނީ އަޔަން ކުރައްވައި މަޤާމުގެ ލިޔުން ޙަވާލުކުރައްވައިފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ފަތުޙުﷲ ޖަމީލަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2003 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފަތުޙުﷲ ޖަމީލް އެންމެ ފަހުން އަދާކުރައްވާފައިވަނީ ދިރާގުގެ މެނޭޖަރ ޓެކްސް، ރިސްކް އެންޑް ކޮމްޕްލަޔަންސްގެ މަޤާމެވެ. އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވަރސިޓީގައި އެޕްލައިޑް އެކައުންޓިންގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާޞިލްކުރައްވާފައެވެ. މީގެ އިތުރުން ފަތުޙުﷲ ޖަމީލަކީ ފެލޯ ޗާޓަރޑް ސަރޓިފައިޑް އެކައުންޓަންޓްސް (އެފް.ސީ.ސީ.އޭ)ގެ އިތުރުން އެސޯސިއޭޝަން އޮފް ޗާޓަރޑް އެކައުންޓަންޓްސް (އޭ.ސީ.ސީ.އޭ)ގެ މެމްބަރެކެވެ.

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އަސްމާ ޝަފީޢު އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވަނީ: ފޯޓޮ ރައީސް އޮފީސް

ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިއަދު ޢައްޔަން ކުރެއްވި އަސްމާ ޝަފީޢު ވަނީ 1999 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އޮޑިޓާއި އެކައުންޓިންއާއި ގުޅޭ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައެވެ. މިގޮތުން އަސްމާ އެންމެ ފަހުން އަދާކުރައްވާފައިވަނީ މީރާގެ ޑިރެކްޓަރ ޖެނެރަލް، ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓުގެ މަޤާމެވެ. އޭނާ ވަނީ އޮކްސްފޮޑް ބްރޫކްސް ޔުނިވަރސިޓީގައި އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާޞިލްކުރައްވާފައެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރައްވާފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ތަޞްދީޤު ކުރެއްވުމާ ގުޅިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.