ޤައުމީ ނަޒަރަކުން: ދިވެހީންގެ ޤައުމީ ދުވަހާއި ޤައުމިއްޔަތު

ދުނިޔޭގެ ބައްރު ނުވަތަ ބިމާއި ކަނޑު ހިމެނޭ ގޮތުން މުޅި ދުނިޔެ، ޖުޣުރާފީ ގޮތުން ބެހިފައިވާ ބައިތަކަށް ވެސް ޤައުމު ކިޔައެވެ. މިއީ ކަރަކަރައާއި ވިލާތްވިލާތާއި ރާއްޖެރާއްޖޭގެ މާނައިގައި ވެސް ޤައުމު ބޭނުންކުރެވޭ ގޮތެކެވެ. ދިވެހިރާއްޖޭގެ މާނައިގައި ދިވެހި ޤައުމޭ ވެސް ބުނެ އުޅެނީ މި އުޞޫލުންނެވެ. ޤައުމުގެ ފުރިހަމަ މާނައަކީ ކުރީން ދެންނެވި ފަދައިން ބެހިފައި ހުންނަ ބައިތައް ސިޔާސީ ގޮތުންނާއި ސިޔާދަތީ ގޮތުން ވަކިވެ، މިނިވަންކަމާއި އެކު، އެ ސަރަހައްދެއްގެ އަމިއްލަ ވެރިކަމެއް ހިންގުމުގެ ބާރާއި އެ ތަނެއްގެ ކަންކަން އެ ތަނަކުން ހަމަޖެއްސޭނެ ގޮތްތަކަށް ފަހިވެފައިވާ، އަދި އެ ތަންތަނުގައި ވަކި ސަރުކާރެއް އުފެއްދި ވަކި އިޤްތިޞާދެއް އޮވެ، އެއް ކަހަލަ އުޞޫލުތަކެއް ބަލައިގަންނަ މީސްތަކެއް އެ ތަނެއްގައި ދިރިއުޅޭ ތަންތަނެވެ. މިއީ "ޤައުމު"ގެ ފުރިހަމަ މާނައޭ ދެންނެވީ "ޤައުމު" މި ލަފުޒުގެ މުޅި މަފުހޫމު އޮޅުން ފިލުވައިދެވުނު ކަމަށް ހީކޮށެވެ. ޤައުމުގެ ތަޢާރުފު، ތަފާތު ޢިބާރާތްތަކުން ތަފާތު ބޭފުޅުން ބަޔާންކޮށްފައި ހުރެއެވެ. އެ ހުރިހާ ތަޢުރީފުތަކެއްގެ މަފުހޫމު މި ދަންނަވައިލެވުނީއެވެ. އެންމެ ފުރިހަމަ މާނައެއް އެކަކަށް ވެސް އޮޅުންފިލުވައިދެވޭނެހެނެއް ހިޔެއް ނުވެއެވެ. އަޅުގަނޑުގެ ޤާބިލުކަން ހުރި މިންވަރުން ދަންނަވައިލެވޭނީ މި މިންވަރަށެވެ.

ކޮންމެއަކަސް ޤައުމަކީ ކޮން އެއްޗެއްކަން ކޮންމެވެސް ވަރަކަށް އޮޅުން ފިލުވައިދެވިއްޖެކަމަށް ހީކުރަމެވެ. ދެން އޮތީ ޤައުމިއްޔަތެވެ. އެ މީހަކު ނިސްބަތްވާ ޤައުމަކީ އެ މީހެއްގެ ޤައުމިއްޔަތެވެ. އެ މީހެއްގެ ޤާއުމާމެދު އެ މީހެއްގެ ހިތުގައި އޮންނަ ފަޚުރާއި އެ އިޙުސާސަކީވެސް ޤައުމިއްޔަތެވެ. އަދި އެ މީހެއްގެ ކިބައިގައި ނުވަތަ އެތަނެއްގައި އޮންނަ ޤައުމީ ވަންތަ ކަމަކީ ވެސް ޤައުމިއްޔަތެވެ. ވަންތަ ކަމޭ މި ދެންނެވީ ކުރިން ދަންނަވައިލެވުނު ސިފަތައް ލިބިގެންވާ ލިބިގެންވުމަށެވެ. ވީމާ ކުރިން ދަންނަވައިލެވުނު ސިފަތަކަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މިސާލަކަށް އަޅުގަނޑުމެން ޤަބޫލުކުރާ ޢަޤީދާ (އިސްލާމް ދީން) އާއި އަޅުގަނޑުމެންގެ މާދަރީ ބަހާއި ސަގާފަތާއި އާދަކާދަތައް ހިމެނޭނީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ އުޞޫލުތަކަށެވެ. އަޅުގަނޑުމެންގެ ޤައުމުގެ އަމިއްލަވަންތަކަމާއި މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި މި ހުރިހާ ކަމެއް ހިމެނޭނީ ޤައުމިއްޔަތުގެ ތެރޭގައެވެ. މިއަދުގެ ދުނިޔޭގައި، އިސްލާމް ދީނާ ޚިލާފު ނުވާ ގޮތުގެ މަތީން ބަލައިގަނެވޭ ދީމުޤްރާޠީ އުޞޫލުތަކާއި އިންސާނީ ޙައްޤުތައް ވެސް ހިމެނޭނީ ޤައުމިއްޔަތުގެ ތެރޭގައެވެ. އެހެންކަމުން ޤާއުމާ ބެހޭ އެންމެހާ ޝަރަފެއް ޤައުމިއްޔަތުގެ ތެރޭގައި ހިމެނޭނެއެވެ.

މިހާރު ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ދިވެހީންގެ ޤައުމީ ދުވަހެއް، ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ޤައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން އައިސްފައެއް ނުވެއެވެ. މިހެނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ. އެމަތިވެރި ފަޚުރު ދިވެހީންނަށް ޙާޞިލްކޮށްދެއްވުމަށްޓަކައި މާތް ﷲ މެދުވެރިކޮށްދެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނުގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޣާޒީ ބަންޑާރައިންނެވެ. އުތީމު މަހާރަދުންނެވެ. އެންމެ ޢާއްމު ބަހުރުވައިންނަމަ ބޮޑުތަކުރުފާނެވެ.

ޤައުމީ ދުވަސް އެކި ދައުރުގައި އެކި ގޮތްގޮތަށް ރާއްޖޭގައި ފާހަގަ ކުރަމުން އައިސްފައިވެއެވެ. މިހެން މިދެންނެވީ "ޤައުމީ ދުވަސް" މި ނަމުގެ ބަދަލުގައި ރަބީޢުލްއައްވަލު 1 ވަނަ ދުވަހަކީ "ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީ ކަމުގެ ހަނދާން" މި ނަމުގައި ފާހަގަކުރާ ދުވަހެއް ކަމުގައި ދައުލަތުން ހަމަޖެއްސެވި ދުވަސްވަރެއްވެސް އައެވެ. ފަހުން، ޤައުމީ ދުވަސް ހަމަޖެހުނީ ސިޔާސީ ގޮތުން ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެއް ކަމުގައެވެ. އެހެންކަމުން އެ ދުވަސް ބަދަލުވެގެން ދިޔައީ ޖުލައި 26 އަށެވެ. ހިޖުރީ ގޮތުން 1368 ވަނައަހަރުން ފެށިގެން 1398 ވަނަ އަހަރާއި ހަމައަށް ރަބީޢުލްއައްވަލް މަހު ފުރަތަމަ ދުވަސް ފާހަގަކުރަމުން އައީ "ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވި ދުވަސް" ގެ ގޮތުގައެވެ. މިކަން މިގޮތުގެމަތިން ހަމަޖައްސައި އޭރުގެ ވަޒީރުލްއަޢުޒަމްގެ އޮފީހުން 21 ޖޫން 1966 ގައި ނެރުއްވި އިޢުލާނެއްގައިވަނީ ކުރީގެ ޤައުމީ ދުވަސް (1 ރަބީޢުލްއައްވަލް) އަކީ، ރަސްމީ ބަންދު ދުވަހެއް ކަމަށާއި، އެދުވަހު އޮންނާނީ ދީނީ ކަންތައްތައް ކުރުން ކަމަށާއި، އެއީ، ފޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްވީކަމުގެ ހަނދާނުގައި ކަމަށެވެ. އަދި ޤައުމީ ދުވަހުގެ ޖަލްސާތަކާއި، ޕްރޮގްރާމްތައް އޮންނާނީ (26 ޖުލައި) މިނިވަންދުވަހު ކަމަށާއި، އެއީ، އިނގިރޭސިންގެ އަތްދަށުން ރާއްޖެ ފުރިހަމައަށް މިނިވަންވީ ދުވަސް ކަމަށެވެ. އަދި މިހެންކަމުން ޤައުމީ ދުވަހުގެ ގޮތުގައި މީލާދީން 1966 ވަނަ އަހަރުން ފެށިގެން ފާހަގަކުރެވޭނީ ޖުލައި 26 ވަނަ ދުވަހު ކަމުގައިވެސް މި އިޢުލާނުގައި ލިޔުއްވާފައިވެއެވެ.

މިހާ ހިސާބުން 1 ރަބީޢުލްއައްވަލް ފާހަގަ ކުރަމުން އައިގޮތުގެ ޕްރޮގްރާމްތަކަށްވެސް ބަދަލުތަކެއް ގެނެވުނެވެ. ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުކުރުމިސްކިތު ހަރުގޭގައި ޞަލަވާތް ކިޔެވުމާއި، ކޮންމެވެސް ބޭފުޅެއްގެ ވާހަކަފުޅު ދެއްކެވުން ބޭއްވެމުން އައިސްފައިވެއެވެ.

މިގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު 1978 ވަނަ އަހަރު ސަރުކާރުން އިޢުލާން ކުރެއްވީ މާޗް މަހުގެ 29 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ "މިނިވަން ޤައުމީ ދުވަސް" ކަމުގައެވެ. ސަބަބަކީ މާޗް 29 އަކީ އައްޑުއަތޮޅު ގަމުން އިނގިރޭސިން ފޭބި ދުވަސް ކަމުގައިވާތީއެވެ. ވީމާ، އެ ދުވަހަކީ ސިޔާސީގޮތުން ފުރިހަމަ މިނިވަން ލިބުނު ދުވަސްކަމުގައި އޭރުގެ ސަރުކާރަށް ފެނިވަޑައިގަތީއެވެ. ނަމަވެސް މި ދެންނެވި "މިނިވަން ޤައުމީ ދުވަސް" ފާހަގަ ކުރެވުނީ ހަމައެކަނި 1978 ވަނަ އަހަރުއެވެ. އެ އަހަރު ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ.) ގެ ވެރިކަން ނިމި، 11 ނޮވެމްބަރ 1978 ގައި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ޙަވާލުވެ ވަޑައިގަތުމަށްފަހު ސަރުކާރުގެ ސިޔާސަތަށާއި ޤާނޫނުތަކަށް ގެންނެވި ބަދަލުތަކުގެ ނަތީޖާ އަކަށްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތަކެއް ފާސްވީއިރު ދިވެހިރާއްޖޭގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވާ ދެ ދުވަހުގެ ތެރެއިން އެއްދުވަސް ކަމުގައި ޤައުމީ ދުވަސް ހިމެނިގެން ދިޔުމެވެ. އެ ޤާނޫނުގައި ބުނަނީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. އަދި ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެހެން ކަމުން ދިވެހީންގެ ޤައުމީ ދުވަސް ކަމުގައި 1 ރަބީޢުލްއައްވަލް އަނެއްކާވެސް ހަމަޖެހުނީއެވެ.

ކޮންމެއަކަސް ހިޖުރައިން 1400 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ ކަންތައްތައް ބަލަހައްޓަވާ އޮފީހަކީ ދިވެހިބަހާ ޘަޤާފަތަށް ޚިދުމަތްކުރާ މަޖްލިސް ކަމުގައި ދައުލަތުން ހަމަޖެއްސެވިއެވެ. މި މަޖަލިސްގެ ނަން އެކި ދުވަސްވަރު އެކިގޮތްގޮތަށް ބަދަލުވަމުން އައިސްފައިވެއެވެ. މިގޮތަށް 18 ވަރަކަށް އަހަރު ވޭތުވުމަށްފަހު 1997 ވަނަ އަހަރު ނޮވެމްބަރ 6 ވަނަ ދުވަހު ނެރުއްވައި، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޤައުމީ ދުވަސް" ކަނޑައެޅިގެން ބަޔާންކޮށްފައިވެއެވެ.

އެދުވަހަކީ ރަބީޢުލްއައްވަލް 1 ވަނަ ދުވަހެވެ. މި ނޫން މިފަދަ އެހެން އެއްވެސް ދުވަހެއްގެ ވާހަކަ ޤާނޫނު އަސާސީގައި ބަޔާންކުރެވިގެންނެއް ނުވެއެވެ. ކޮންމެއަކަސް ޤައުމީ ދުވަސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންވުމާއެކު، މިދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުވެސް ފުޅާވެ ފުރިހަމަ ވެގެން ދިޔައެވެ. އަދި 1998 ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަސް ފާހަގަކުރުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސަވާ އޮފީހަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ. އަދި އެއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޤައުމީ ދުވަހަށް ވަކި ޚާއްޞަ ޝިޢާރެއް ކަނޑައެޅެމުން އައެވެ.

1998ވަނަ އަހަރުން ފެށިގެން ޤައުމީ ދުވަހުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރާގޮތަށް ހަމަޖެއްސެވުމާ ގުޅިގެން މި ރަސްމިއްޔާތު ކޮންމެ ދެއަހަރުން އެއްއަހަރު ރާއްޖޭގެ ކޮންމެވެސް ދެ ރަށެއްގައި އަދި އަނެއް އަހަރު މާލޭގައި ބާއްވާގޮތަށްވެސް ސަރުކާރުން ހަމަޖެއްސެވިއެވެ.

މިއަދު ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ރާއްޖޭގައި "ފާހަގަކުރާ އިރު" ޤައުމިއްޔަތާމެދު މިވަނީ ސުވާލު އުފެދިފައެވެ. ދިވެހި ޤައުމިއްޔަތުގެ ބިންގާކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް ތަޙައްދީކޮށް ފުރައްސާރަކުރާ މީހުން މި ލޮބުވެތި ފަސްގަނޑުން ފާޅުވެ، އިސްއުފުލައިގެން އުޅޭކަމީ "ލަދުވެތި ނަމަވެސް" ހަގީގަތެވެ. އަދި މިފަދަ މީހުންގެ ޙިމާޔަތުގައި ދިވެހީންގެ ތެރެއިން "ބަޔަކު" ތެދުވެ ބަސްބުނާކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. ދީނުގެ ޙިމާޔަތުގައި ބަސްބުނާ މީހުންނަކީ ނިރުބަވެރީންކަމުގައި ބަލައި އަދަބު ދެވި އިސްލާމް ދީނަށް ފުރައްސާރަކޮށް ޤުރުއާނަށް އިންކާރުކުރާ މީހުންނަކީ "ނަފްސާނީ ބަލި މީހުން" ކަމަށް ހަދައި އެމީހުންނަށް ހޭހަންކުރާ "ބަޔަކު" އުޅޭކަމީ އަދި މިޔަށްވުރެ ބޮޑު ހަގީގަތެކެވެ. މި ފަޚުރުވެރި ޤައުމީ ދުވަހު އަޅުގަނޑުމެން "ދިވެހީން" އަމިއްލަ ފަސްގަނޑުގައި މި ތިބޭންޖެހެނީ ލަދާއި ހިތާމައިން އިސްޖަހައިލައިގެންނެވެ.

އަނެއްކޮޅުން ދިވެހި ޤައުމިއްޔަތާއި މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ދިވެހި ދިދައާ ބެހޭ ގަވާއިދާއި އުޞޫލު މިއަހަރު ފެބްރުއަރީމަހުގެ ތެރޭގައި އުވައިލައިފައެވެ. އެ ގަވާއިދުގައި އެއްވެސް ރަށެއްގައި ގައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުހަށް ނުނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ގައުމީ ދިދައަށް އިޙުތިރާމްކުރުމުގެ ގޮތުން ޢަމަލުކުރާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހިމަނުއްވައިފައިވެއެވެ.

ކޮންމެއަކަސް މިއަހަރު އަޅުގަނޑުމެން ޤައުމީ ދުވަސް މި ފާހަގަކުރަނީ އުފާވެރި މާޙައުލެއްގައެއް ނޫނެވެ. މިއަދު ދިވެހި ޤައުމިއްޔަތަށް މިވަނީ ނުރައްކާތެރި ޙަމަލާތަކެއް އަމާޒުވެފައެވެ. ޤައުމިއްޔަތުގެ ބިންގަލަށް ވަނީ ނުރައްކާވެފައެވެ. ޤައުމީ ދިދައަށްކުރާ އިޙުތިރާމަށް ވަނީ އިހުމާލުވެވިފައެވެ.

މިކަންކަމާމެދު ފުންކޮށް ވިސްނައި އަޅުގަނޑުމެންގެ ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ ޢަޒުމު އާކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެހެވެ. ޤައުމީ ޝަރަފު ކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެކެވެ. ޤައުމިއްޔަތުގެ އެއް ބަހާ ކަމުގައިވާ ދިވެހިބަހާއި ދިވެހީންގެ ރީތި ސަގާފަތް ދިރުވައި އާލާކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ދިވެހި ޤައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަމްޒުކަމަށްވާ ދިދައިގެ ޙުރުމަތްދެމެހެއްޓުމަކީ އަޅުގަނޑުމެންނަށް ލާޒިމުކަމެކެވެ. "އަހުރެންގެ މޭ ޤައުމަށްޓަކައި އަށްޑަނައަކަށް ދިއްކޮށްލުމީ، ފަހު ނޭވައަށް ދަންދެން މޮޓޯކަމުގައި" ހެދުމުގެ ޢަޒުމު އާކުރާން މިއަދަކީ އެންމެ އެކަށީގެންވާ ދުވަހެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާވަށު އަޒީ)
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ދިވެހި ލިޔުންތެރިކަމުގެ އުދަރެހުގައި ވިދާ ތަރިއެކެވެ. ރާއްޖޭގެ އެކި ނޫސް މަޖައްލާތަކަށް ގިނަ އަދަދެއްގެ ލިޔުން ލިޔުއްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. އަދި ހަމަ އެހެންމެ ތާރީޚު ދިރާސާ ކުރައްވާ ޤާނޫނީ ވަކީލެއްވެސް މެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.