ސަގާފީ ތަރިކަ ކަމަށް ބެލެވޭ ތަނެއް ފެނިއްޖެނަމަ އަމަލުކުރާނެގޮތް ހާމަކޮށްފި

ސަގާފީ ތަރިކަ ކަމަށް ބެލެވިދާނެ އެއްޗެއް ނުވަތަ ތަނެއް ފެނިއްކެ ކަމަށްވާނަމަ ޢަމަލުކުރާންވީ ގޮތް ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒުން ހާމަކުރައްވައިފިއެވެ.

އެމަރުކަޒުން ޢާއްމު ކުރައްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެފަދަ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެނަމަ އެ ފެނުނު ކޮންމެ ފަރާތަކުން އެ އެއްޗެއް ނުވަތަ އެ ތަނެއް ފެނުނުތާ 48 ގަޑިއިރުގެ ތެރޭގައި އެކަން ރަށު ކައުންސިލްގެ އިދާރާއަށް އަންގަންވާނެއެވެ. އަދި އެފަދަ އެއްޗެއް ނުވަތަ ތަނެއް ފެނުނު ސަރަޙައްދެއް އަލުން ހޯދޭފަދަ ގޮތަކަށް ފާހަގަކުރަންވާނެ ކަމަށެވެ.

އެ ފެނުނުތަނެއް ނުވަތަ އެއްޗެއްގެ މަޢުލޫމާތު ރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއަށް ލިބުމުން، ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި އެ އިދާރާތަކުން އެކަން  ސަގާފީ ތަރިކަ ރައްކާކުރާ ގައުމީ މަރުކަޒަށް އަންގަންވާނެ ކަމަށްވެސް އޭގައި ވިދާޅުވެފައިވެއެވެ.

އޭގެ އިތުރަށް ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެއްވެސް ތަނެއް ކޮންނަނިކޮށް ދިވެހިރާއްޖޭގެ ސަގާފީ ތަރިކަކަމަށް ބެލެވޭ އެއްޗެއް ނުވަތަ ތަނެއް ފެނިއްޖެނަމަ އެ ކުރަމުންދާ މަސައްކަތެއް ވަގުތުން ހުއްޓާލައި، އެ ކަމުގެ މަޢުލޫމާތު ލަސްނުކޮށް އެމަރުކަޒަށް އަންގަންވާނެ ކަމަށާއި އަދި އެ މަސައްކަތެއް އިތުރަށް ކުރިއަށް ގެންދަންވާނީ މަރުކަޒުން އަންގާ ގޮތެއްގެ މަތިން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ސަގާފީ ތަރިކަކަމަށް ބެލެވޭ އެއްޗެއް ހުރިކަމަށް ލަފާކުރެވޭ ތަނަކުން އެފަދަ އެއްޗެއް ހޯދުމަށް ނުވަތަ އެފަދަ އެއްޗަކާގުޅޭ ތަޙްޤީޤެއްކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރަންވާނީ، ނުވަތަ އެފަދަ އެއްޗެއް ހުރިތަނަކުން ނަގައި އެހެން ތަނަކަށް ބަދަލުކުރަންވާނީ، ނުވަތަ ސަގާފީ ތަރިކައާގުޅޭ އެ ނޫންވެސް މަސައްކަތްތައް ކުރަންވާނީ ވެސް އެ މަރުކަޒުގެ ހުއްދަ, ލިޔުމުން ހޯދައިގެން ކަމަށާއި އެ މަރުކަޒުގެ ހުއްދަ ނެތި، ސަގާފީ އަގެއް ހުރި އެއްޗެއް ހޯދުމުގެ ބޭނުމުގައި ތަންތަން ކޮނުމަކީ މި ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ)ގެ 4 ގައި ބަޔާންކޮށްފައިވާ ޤާނޫނީ ކުށެވެ.

ޤާނޫނުގައި އެގޮތަށް އޮތަސް ފަހަކަށް އައިސް ބައެއް ފަރާތްތަކުން، ޤާނޫނާ ޚިލާފަށް ސަގާފީ ތަރިކަތައް ހޯދުމަށާއި އާންމުކުރުމަށާއި އެނޫން ވެސް ބޭނުންތަކުގައި ތަންތަން ކޮނެހަދާކަން ފާހަގަކުރެވިފައިވާ ކަމަށް އެތަނުން ވިދާޅުވެފައިވެއެވ. "ޤާނޫނީ ގޮތުން ހުއްދަލިބިފައިވާ ފަރާތަކުން ވެސް މިފަދަ ތަންތަން ކޮންނަންވާނީ، ކޮނުމަށާއި ކޮނުމަށްފަހު އަމަލުކުރާނޭގޮތުގެ ތަފުސީލުތައް ޕްލޭންކޮށް އެކަމަށް ނަގަންޖެހޭ ހުއްދަތައް ނަގައިގެން ޤާނޫނުގައި ބަޔާންވެގެންވާ ގޮތުގެމަތިން، ކަނޑައެޅޭ ސައިންޓިފިކް ހަމަތަކާއި، އެކަމަށް ޚާއްސަކުރެވިފައިވާ ތަކެތި ބޭނުންކޮށްގެންނެވެ. އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތްތައް ނުހޯދައި، ބަލަހައްޓާނެ ގޮތުގެ ތަސައްވުރެއް ނެތި ކޮނުމަކީ ދެވޭ ގެއްލުމެކެވެ. އަދި މިފަދަ ތަންތަން ކޮނުމަށް ބޭނުންކުރާ އާލަތްތައް ބޭނުން ނުކޮށް ކޮނުމަކީ ކަނޑައެޅިގެން އާސާރީ އަދި ތާރީޚީ އެއްޗަކަށް ގެއްލުން ލިބިދާނެ ކަމެކެވެ." އެމަރުކަޒުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.