
ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލްގެ މަޖިލީހުން ބަލައިގެންފިއެވެ. މި ބިލް ބަލައިގަތުމަށް މަޖިލީހުން ފާސްކުރެއްވީ 82 މެމްބަރުންގެ ޢިއްތިފާޤުންނެވެ.
ބިލް ބަލައިގަތުމަށްފަހު ބިލް ފޮނުވާނެ ކޮމެޓީއަކާ މެދު ވަނީ ޚިޔާލުތަފާތު ވެފައެވެ. މަޖިލީހުގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލް ފޮނުވާނެ ވަކި ކޮކޮމެޓީއެއް ނޯވެއެވެ. އެހެން ކަމުން މަޖިލީހުގެ ރައީސް ނިންމެވީ މުޅި މަޖިލީހުގެ ކޮމެޓީއަކަށް ޤާނޫނު އަސާސީ އިޞްލާޙު ކުރުމުގެ ބިލް ފޮނުވުމަށެވެ. އަދި ދިރާސާ ކުރުމަށް ވަކި ސަބް ކޮމެޓީއެއް މުޅި މަޖިލީހުގެ ކޮމެޓީން ނަގައިގެން މަސައްކަތް ކުރިއަށް ގެންދެވުމަށެވެ. މިބިލް ސަރުކާރުފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމެވެ.
ޤާނޫނު އަސާސީ އިޞްލާޙު ކުރުމަށް، ހުށަހަޅައިފައި ވަނީ ޤާނޫނު އަސާސީގެ އަށްވަނަ ބާބެވެ. އެއީ ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ބާބެވެ. ހުށަހަޅައިފައިވާ އިޞްލާޙްތަކުގެ ތެރޭގައި ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން 5 އަހަރަށް އިތުރުކުރުން ހިމެނެވެ.
ބިލް ހުށަހަޅުއްވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމް ވިދާޅުވީ ތިން އަހަރުން ތިން އަހަރުން އިންތިޚާބެއް ބޭވުމަކީވެސް ބޮޑު ކަމެއްކަމުގައެވެ. އަދި ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވާލައި ހިންގުމަށް ތިން އަހަރަކީ ކުރުމުއްދަތެއް ކަމަށް ކައުންސިލްގެ މަސައްކަތްތަކުން ފާހަގަކުރެއްވިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ބިލުގައި ފަސް އަހަރުގެ މުއްދަތެއް ކައުންސިލްތަކަށް ދެވިފައި ވަނީ އެސަބަބަށްޓަކައިކަމަށް ވިދާޅުވިއެވެ. މިގެނެވޭ އިޞްލާޙުތަކުގެ ސަބަބުން ކައުސިލްތަކުގެ ދައުރު ފުޅާވެ، ދެވޭ ޚިދުމަތްތައް އުތުރުވެ ކައުންސިލްތައް އިތުރަށް ބާރުވެރިވެގެންދާނެކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ގެނެވޭ އިޞަލާޙުތަކުގެ ތެރޭގައި ކޮންމެ ރަށެއްގެ ރަށު ކައުންސިލްތަކުގެ ރައީސުން އެ އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މެމްބަރުންކަމުގައި ކަނޑައެޅުން ހިމެނެއެވެ. އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނާއިބް ރައީސުން އިންތިޚާބުކުރާނީ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމަށް ކަނޑައެޅުން ވެސް އެބާބަށް ގެންނަ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.