އަބޫބަކްރު އަލްބަޣުދާދީ ވަނީ މަރުވެފައި: ރައީސު ޓްރަމްޕް

ސީރިޔާގެ އިދްލިބް ޕްރޮވިންސުގެ ބަރީޝާ އަވަށުގައި ރޭގެ ވަގުތެއްގައި އެމެރިކާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިޔާ (އައިސިސް ނުވަތަ އިސްލާމިކް ސްޓޭޓް) ގެ ވެރިޔާ އަބޫބަކްރު އަލްބަޣުދާދީ މަރުވެފައިވާ ކަމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

މިހާރު ވައިޓްހައުސްގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސު ޓްރަމްޕް ވިދާޅުވީއެމެރިކާގެ ސްޕެޝަލް ފޯސަސް ވަނީ ވަރަށް ހިތްވަރުގަދަ އޮޕަރޭޝަނެއް ހިންގާފައިކަމަށާއި، އެމެރިކާ ސިފައިންގެ އެެެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ. އަދި އައިސިސްގެ ގިނަ ބަޔަކު މަރުވެެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި 11 ކުޑަކުދިން ވަނީ އެތަނުން ސަލާމަތްކުރެވިފައެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އަލްބަޣުދާދީ މަރުވީ އޭނާގެ ތިން ކުދިންނާ ވެސް އެކުގައެވެ.

އެމެރިކާއިން ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ބަޣުދާދީ މަރުވީ ބިންގަރަހެއެްގެ ތެރޭގައި އޭނާ އަމިއްލައަށް ގޮއްވާލައިގެންނެވެ. އޭނާގެ އުނަގަނޑުގައި އަޅާފައި އޮތް ގޮވާތަކެތީގެ ބެލްޓު ގޮއްވާލީ ކަމަށް ރައީސު ޓްރަމްޕް ވިދާޅުވިއެވެ. އޭނާގެ ދެ އަނބިންވެސް ވަނީ އެގޮތަށް އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މަރުވެފައެވެ.

ތުރުކީގެ ސަރަހައްދީ ރޮނގާ ކައިރި މި އަވަށުގައި އަލްބަޣްދާދީ ހުރި އިމާރާތަށް އެމެރިކާގެ އަސްކަރިއްޔާގެ ޚާއްސަ ފައުޖެއް ކަމުގައިވާ 'ޑެލްޓާ ފޯސް ހަމަލާ ދިނީ ތުރުކީ އިންޗަލިކް ވައިގެ މަރުކަޒުން ފުރައިގެން އައި އަށް ހެލިކޮޕްޓަރާއި، އެފް-16 ހަނގުރާ މަތީ މަތިންދާބޯޓުތަކުންނެވެ. އުތުރު ސީރިޔާގައި ހަރަކާތްތެރިވާ ނޫސްވެރިން ޚަބަރުދޭ ގޮތުގައި އަލްބަޣުދާދީއަށް އަމާޒުކޮށްގެން ހިންގި އަސްކަރީ އޮޕަރޭޝަން 4 ގަޑިއިރަށް ދެމިގެން ގޮސްފައި ވެއެވެ. އެމެރިކާއިން މި އޮޕަރޭޝަން ވިލަރެސްކޮށްފައިވަނީ ތުރުކީއާއި ސީރިޔާގެ ކުރުދީ ހަނގުރާމަވެރިންނާ އެކުގައެވެ.

އަލްބަޣުދާދީ މަރުވި ޚަބަރު ރަސްމީކޮށް ހާމަނުކޮށް ލަސްކުރީ އޭނާގެ ޑީއެންއޭ ޓެސްޓު ހަދައި އެއީ އޭނާކަން ޔަގީންކޮށްފައި އިއުލާންކުރަން ވެގެންނެވެ.

އީރާނާއި އިރާގުގެ މަސްދަރުތަކުންވެސް ވަނީ އަލްބަޣުދާދީ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އިރާގުގެ ޖާސޫސީ މަސްދަރަކުން ބޭރުގެ ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކަށް މައުލޫމާތުދިން ގޮތުގައި، އަލްބަޣުދާދީއަށް ފާރަލަމުން ދިޔަ އިރާގުގެ ޖާސޫސުން ވަނީ އަލްބަޣުދާދީ މަރުވެފައިވާކަން ޔަގީންކޮށްދީފައެވެ. އަދި އީރާނުގެ ދެ މަސްއޫލުވެރިއަކުވެސް ވަނީ އަލްބަޣުދާދީ މަރުވެފައިވާކަން ސީރިޔާގެ މަސްދަރުތަކުން އީރާނަށް ޔަގީންކޮށްދީފައިވާ ކަމަށް ބުނެފައެވެ.

އިރާގު ސާމައްރާ ކައިރީގައި ދިރިއުޅޭ އަލްބޫބަދްރީ ގަބީލާއަށް 1971 ވަނަ އަހަރު އުފަންވީ ކަމަށް ބެލެވޭ އަލްބަޣުދާދީގެ އަސްލު ނަމަކީ އިބްރާހީމް ޢައްވާދު އިބްރާހީމް ޢަލީ މުޙައްމަދު އަލްބަދްރީ އައްސާމައްރާއީއެވެ. އެމެރިކާ ސިފައިން 2003 ވަނަ އަހަރު އިރާގަށް އެރިއިރު ފައްލޫޖާއިން އަލްބަޣުދާދީ ހައްޔަރުކޮށް އަބޫޣަރީބު ޖަލަށްލިއެވެ. އެހެން ނަމަވެސް 2004 ވަނަ ނުރައްކާތެރިކަން ކުޑަ ގައިދީއެއް ކަމައި ބަލައި 8 ޑިސެންބަރު 2004 ގައި އޭނާ ދޫކޮށްލިއެވެ.

އަބަދުވެސް ހަރުކަށި ފިކުރަށް ތާއީދުކުރާ އަލްބަޣުދާދީ ވަނީ 2014  ވަނަ އަހަރު ގިނަ އަދަދެއްގެ ހަނގުރާމަވެރިންނާއެކު އައިސިސް އުފައްދައި އިރާގާއި ސީރިޔާގެ ބޮޑު ބައެއްގައި "އިސްލާމީ ޚިލާފަތު" އިއުލާންކޮށް "ޚަލީފާ"އެއް ގޮތުގައި ދުވަސްތަކަކަށް ވެރިކަން ހިންގާފައެވެ. ނަމަވެސް ފަހުން އޭނާގެ ޖަމާއަތް ބަލިކަށިވަމުން އައިސް އެންމެ ފަހަކަށް އެމީހުންގެ އަތްދަށުގައި އޮތް ބިންކޮޅުވެސް ވަނީ މިއަހަރުގެ މާރިޗު މަހު އެމީހުން އަތުން ބީވެގެން ގޮސްފައެވެ. އެއީ ސީރިޔާގެ ބާޣޫޒެވެ.

އަލްބަޣުދާދީ މަސްރަހުން ގެއްލުމަކީ އައިސިސްގެ ހަނގުރާމަވެރިން ވިއްސިވިހާލިވެ އިތުރަށް ބަލިކަށިވާނެ ކަމެއް ކަމުގައި ބެލެވެއެވެ. އެހެންނަމަވެސް، އެމީހުންގެ ނުރައްކާ އަދިވެސް އޮތް ކަމަށް އެމެރިކާއާއި އެހެން ގައުމުތަކުން ގަބޫލުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.