އާއްމު ތަންތަނުގައި ބުރުގާ އެޅުމަކީ އަހަރެން ބެހެން ޖެހޭ ކަމެއް ނޫން: ފްރާންސުގެ ރައީސު މެކްރޯން

ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން 'ޗޫޒް ލާ ރިޔުނިއަން' ފޯރަމުގައި ވާހަކަފުޅުދައްކަވަނީ

މުސްލިމުން އާއްމު މަގުތަކާއި ޕާކުތައް ފަދަ އާއްމު ތަންތަނުގައި ބުރުގާ އަޅައިގެން އުޅުމަކީ އެކަމާ އޭނާ ބެހެންޖެހޭ ކަމެއް ނޫންކަމުގައި ފްރާންސުގެ ރައީސު މެކްރޯން އިމާނުއެލް މެކްރޯން ވިދާޅުވެއްޖެއެވެ.

"(މީހަކު) އާއްމު ތަނެއްގައި ބުރުގާ އެޅުމަކީ ނުވަތަ ނޭޅުމަކީ އަހަރެން ބެހެން ޖެހޭ ކަމެއް ނޫން. (އެހެންނަމަވެސް) އާއްމު ޚިދުމަތްދޭ ތަންތަނާއި، އަހަރުމެންގެ ދަރިން އެތަންތަނުގައި ކިޔަވާ ސްކޫލްތަކުގައި ބުރުގާ އެޅުމަކީ އަހަރެން ބެހެން ޖެހޭ ކަމެއް." ފްރާންސްގެ އިތުރުން އިންޑިޔާ ކަނޑުގެ އެފްރިކާ ބިތުގެ ޖަޒީރާ ގައުމުތަކާއި އިންޑިޔާ ބައިވެރިވާ 'ޗޫޒް ލާ ރިޔުނިއަން' ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސު މެކްރޯން ވިދާޅުވިއެވެ.

"އާއްމު ޚިދުމަތްދޭ ތަންތަނުގައި ވަކިފަރާތަކަށް ނުޖެހުމަކީ އަހަރުމެންގެ ވާޖިބެއް. އަހަރުމެންގެ ދަރިންނަށް ކިޔަވައިދޭއިރު އަހަރުމެން މި ބުނަނީ ލޮލުގައި އަޅައިގަންނަ ގޮތަށް ދީނީ ޝިއާރުތައް ފާޅުނުކުރާށޭ. އެއާ ޚިލާފަށް، އާއްމު ތަންތަނުގައި ހިނގާ ކަންކަމަކީ ދައުލަތުން ނުވަތަ ރައީސު ބެހެން ޖެހޭ ކަމެއް ނޫން." މެކްރޯން އިތުރަށް ވިދާޅުވިއެވެ.

އޭނާ މި މޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ އާއްމު ތަންތަނުގައި ބުރުގާ އެޅުން މަނާކުރަން އެޑިޔުކޭޝަން މިނިސްޓަރު ޖާން މިޝޭލް ބްލާންކަރއާއި ކަނާތު ފިޔައިގެ 'ނޭޝަނަލް ރެލީ' ޕާޓީތެ ލީޑަރު މެރީން ލަ ޕެން ގޮވާލައްވާފައިވާތީ އެ ދެބޭފުޅުންނަށް ރައްދު ދެއްވަމުންނެވެ.

ރައީސު މެކްރޯން އިތުރަށް ވިދާޅުވީ ފްރާންސުގައި އިސްލާމްދީނުގެ މައްސަލައަކީ ހައްލު ހޯދަންޖެހިފައިވާ މައްސަލައެއް ކަމުގައެވެ. "ބައެއް ހާލަތްތަކުގައި، ހިސާބުތަކުގައި، ބައެއް މީހުން އެބަ ބުރުގާ އަޅާ (ފްރާންސުގެ) ޖުމްހޫރިއްޔާއާއި އޭނާ ވަކިވެފައިވާކަން ދެއްކައިދޭ އެއްޗެއްގެ ގޮތުގައި.... އަހަރެންގެ ދީނަށް ތަބާވާތީ، މި ޖުމްހޫރިއްޔަތުގެ އުސޫލުތަކަށް އަހަރެން ތަބާނުވާނަމޭ ބުނާ އަންހެނުންނާ ފިރިހެނުން އެބައުޅޭ. އެއީ އަހަރެންނަށް މައްސަލައެއް." އޭނާ ވިދާޅުވިއެވެ.

މުސްލިމް އަންހެނުން ބުރުގާ އެޅުމުގެ މައްސަލައަކީ ފްރާންސުގައި ބަހުސުކުރެވެމުން ދާތާ އެތައް ދުވަހެއް ވެފައިވާ މައްސަލައެކެވެ. މިހާރު އަނެއްކާވެސް މި މައްސަލައާ މެދު ބަހުސުކުރެވެން މިފެށީ ކަނާތު ފިޔައިގެ ހަރުކަށި ފަރާތްތަކުން ބުރުގާއާ ދެކޮޅަށް ވާހަކަދައްކައި، ގާނޫނުހަދާ މަޖިލީހުގެ މެންބަރުގެންގެ ގޮތުގައި ތިބި ކަނާތު ފިޔައިގެ ބައެއް މީހުން މުސްލިމް އަންހެނުންނާ މަގުމަތިން ދިމާކޮށް ފުރައްސާރަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.