އިނގިރޭސިވިލާތުގައި ކޮންޓޭނާ ލޮރީއެއްގައި މަރުވެފައި ތިއްބާ ފެނުނު އެންމެންނަކީ ޗައިނާ މީހުން

39 މީހުން މަރުވެފައި ތިއްބާ ފެނުނު ފްރިޖް ކޮންޓޭނާ ލޮރީ

އިރު ދެކުނު އިނގިރޭސިވާލުގެ އެސެކްސްގައި ކޮންޓޭނާ ލޮރީގައެއްގައި މަރުވެފައި ތިއްބާ ބުދަ ދުވަހު ފެނުނު 39 މީހުންނަކީ ޗައިނާ މީހުން ކަން ޔަގީންވެއްޖެކަމަށް އިނގިރޭސިވިލާތުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

ނަން ހާމަނުކޮށް، ފުލުހުންގެ މަސްދަރަކާ ހަވާލާދީ ބީބީސީ، އައިޓީވީ، ސްކައި ނިއުސް އަދި ގާޑިޔަން ނޫހުންވެސް ވަނީ މިޚަބަރު ގެނެސްދީފައެވެ.

މި ޚަބަރުތަކާ ގުޅިގެން އެސެކްސް ފުލުހުން ވަނީ އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައެވެ. އަދި ޗައިނާގެ ފޮރިން މިނިސްޓްރީންވެސް، ލަންޑަނުގައި ހުންނަ ޗައިނާ އެންބަސީންވެސް އަދި ވަކި އެއްޗެއް ނުބުނެއެވެ.

އެސެކްސްގެ ގްރޭސް އަވަށުގައި އޮއްވާ ފެނުނު ފްރިޖް ކޮންޓާނާގައި އަންހެނުންނާއި ފިރިހެނުންވެސް ތިބި ކަމަށް ވެއެވެ. އެމީހުންގެ ތެރޭގައި 20 އަހަރު ނުފުރޭ ޒުވާނަކުވެސް ހިމެނެއެވެ.

ލޮރީގެ ޑްރައިވަރު، އުމުރުން 25 އަހަރުގެ މޯ ރޮބިންސަންއާ ފުލުހުން ސުވާލުކުރަމުންދާއިރު، އުތުރު އަޔަލޭންޑުގެ ފުލުހުން ވަނީ އެ ސަރަހައްދުގެ ދެ ގެއެއް ބަލައި ފާސްކޮށްފައެވެ. ނޭޝަނަލް ކްރައިމް އެޖެންސީން ބުނި ގޮތުގައި ގެތައް ފާސްކުރީ "މި ކަމުގައި ދައުރެއް އަދާކޮށްފައިވާ ކަމަށް ބެލެވޭ، ޖަރީމާތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ ޖަމާއަތްތައް" ދެނެގަތުމަށެވެ.

ފްރިޖް ކޮންޓޭނާ ބެލްޖިއަމްގެ ޒީބްރަގްއިން އައިސްފައި ވަނީ ޓޭމްސް ކޯރުގެ އައްސޭރީގައި އޮންނަ ޕާފްލީޓަށެވެ. އުތުރު އަޔަލޭންޑުން ދަތުރުކޮށްފައި އައި ކޮންޓޭނާ އުފުލާ ލޮރީއަށް ކޮންޓޭނާ ނަގާފައި ވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 1:05 (ރާއްޖޭ ގަޑިން ފަތިހު 5:05) ގައެވެ.

ގްރޭސްގެ އިންޑަސްޓްރިއަލް ޕާކްގައި މަޑުކޮށްފައި އޮތް ކޮންޓޭނާ ލޮރީން އެންބިއުލެންސް ޚިދުމަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް 39 މީހުންގެ ހަށިގަނޑު ފެނިފައިވަނި އެ ރޭ ދަންވަރު 1:30 ގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.