ގެމަނަފުށީގައި ދުއްވާ އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލައިފި

ހުވަދުއޮތޮޅު އުތުރުބުރީ ގެމަނަފުށީގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލައި، އެ މަޢުލޫމާތު އެރަށު ކައުންސިލާ ރަސްމީކޮށް ޙިއްސާ ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާއިން ވިދާޅުވީ އެ މަސައްކަތަކީ ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ. އެ މަސައްކަތަށް ދެ ހަފްތާވަނީ ހޭދަވެފައެވެ. މަސައްކަތް ފެށީ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުއެވެ.

މިޕްރޮގްރާމްގައި، ވަނީ އެރަށުގެ ހުރިހާ ގޭބިސީއަކަށް ޒިޔާރަތްކޮށް އެރަށުގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދުތަކުގެ މަޢުލޫމާތުތައް އެއްކޮށްފައެވެ. އެގޮތުން އެއްގަމު އުޅަނދުފަހަރުގެ އިންޖީނު ނަންބަރުތަކާއި ވެރިފަރާތުގެ މަޢުލޫމާތާއި  ދޯންޏާއި، ޑިންގީ، ފެރީ އަދި މަސްވެރިކަން ކުރާ އުޅަނދުފަހަރުގެ މަޢުލޫމާތާއި ވެރިފަރާތްތަކުގެ މަޢުލޫމާތުތައް ހޯދާފައިވެއެވެ.

އުޅަނދު ދުއްވުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބެލުމުގެ މަސައްކަތް ވެސް ވަނީކޮށްފައެވެ.  އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ހުންނަޖެހޭ އަހަރީ ފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކާ ގުޅުންހުރި އެހެން މައްސަލަތައް ބަލައި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އެރަށުގައި ދުއްވާ ދޯނި، ޑިންގީ، ފެރީ އަދި މަސްވެރިކަން ކުރާ ދޯނި ފަހަރުގައި ހުންނަޖެހޭ ސީވާދިނަސް ހުއްދައާއި އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ބަލައިފާސްކޮށްފައިވެއެވެ. އަދި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މިޕްރޮގްރާމުގައި ވަނީ އެއްގަމުގައި ދުއްވާ 360 އުޅަނދާއި ކަނޑުގައި ދުއްވާ 80 އުޅަނދުގެ މަޢުލޫމާތު އެއްކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.