ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ކޮންޓްރޯލްކުރާނެ ގޮތްތައް ދަސްކޮށްދީފި

ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ކޮންޓްރޯލްކުރާނެ ގޮތްތަކަށް އަހުލުވެރިކޮށް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް މިމަހު 14 އިން 20 އަށް ބާއްވައިފިއެވެ.

އެއީ ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކެޓަސް) އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ގުޅިގެން ހިންގި ޚާއްސަ ޕްރޮގްރާމެކެވެ. އޭގައި ވަނީ 1999 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފުވި ކޮކޮނަޓް ހިސްޕިޑް ބީޓްލްއާ ބެހޭ މަޢުލޫމާތު ވެސް ދީފައެވެ. އެބަލިވަނީ ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ފެތުރި ގިނަ ރަށްތަކެއްގެ ރުއްތަކަށް ގެއްލުން ލިބިފައެވެ. އެހެންކަމުން ކޮކޮނަޓް ހިސްޕިޑް ބީޓްލްގެ މައްސަލަ އިތުރަށް ދިރާސާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިމަޑި ކޮންޓްރޯލުކުރުމަށްޓަކައި، ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކެޓަސް) އާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާ ގުޅިގެން ވަނީ ދިރާސާކޮށްފައެވެ. އެއާ ބެހޭ މަޢުލޫމާތު ދީފައިވަނީ ދިރާސާއަށްފަހުގައެވެ.

މިޕްރޮގުރާމުގެ ތެރޭގައި ރާއްޖޭގެ ހަތަރު ސަރަޙައްދެއްގައި ހުރި ރުއްތަކުގެ ހާލަތުބަލައި، ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވަނީ ދިރާސާކޮށްފައެވެ. މިގޮތުން ތިލަދުންމައްޗާއި، މާޅޮސްމަޑުލު ދެކުނުބުރިއާއި، ހައްދުންމަތީގެ 9 ރަށެއްގެ ރުއްތައް ބަލައިފާސްކޮށް، ލިބިފައިވާ ގެއްލުން ދިރާސާ ކޮށްފައިވާކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.  އަދި މިމަޑި ކޮންޓްރޯލުކުރާނެ ގޮތްތަކާއި، ރާއްޖޭގެ އެހެން ރަށްތަކަށް މިމަޑި ފެތުރުނަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވަނީ މަޢުލޫތު ދީފައެވެ.

އޭގެ އިތުރުން، މިނިސްޓްރީގެ ޓީމުން ވަނީ އަމިއްލަފުށި ރިސޯޓަށް ޒިޔާރަތްކޮށް ހިސްޕިޑް ބީޓްލް ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ދިރާސާކޮށްފައެވެ. މިދަތުރުގައި ދިރާސާ ކުރެވުނު ހުރިހާ ރަށެއްގެ ތެރެއިން ހިސްޕިޑް ބީޓްލް އެންމެ ބޮޑަށް ފެތުރިފައިވަނީ އަމިއްލަފުށީގައިކަންވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އަމިއްލަފުށީގައި މިމަޑި ފެތުރުން ކޮންޓްރޯލްކުރުމަށް ކެޓަސްގެ އެހީގައި ޕެސްޓިސޮއިޑްސް ތަޢާރަފްކޮށް، އެއާ ބެހޭ މަޢުލޫމާތު ވާނީ އަމިއްލަފުށީގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދެވިފައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މިދަރުތުގައި ދިރާސާކުރެވުނު ރަށްތަކަކީ، ލ. މާންދޫ، ލ. ފޮނަދޫ، ލ. ގަން، ބ. ދަރަވަންދޫ، ބ. ކިހާދޫ، ބ. ކިހާދުއްފަރު، ބ. އަމިއްލަފުށި، ހދ. ހަނިމާދޫ، އަދި ހއ. މާފައްސެވެ.

ޚަބަރާއި ފޯޓޯ ފިޝަރީޒް-

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.