2017 ވަނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 2017 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމެވި ގޮތަށް 60 މެންބަރުންގެ ވޯޓުން ފާސް ކޮށްފިއެވެ. ބަޖެޓް ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް 15 މެންބަރުން ވޯޓް ދެއްވާފައިވެއެވެ. 2 މެންބަރުންވަނީ ވަކިފަރާތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާ ކަމަށް ވޯޓްދެއްވާފައެވެ.

 ފާސްކުރި ބަޖެޓުގެ ޖުމްލަ އަދަދަކީ 26.8 ބިލިައން ރުފިޔާއެވެ. މިއީ ސަރުކާރުން ހުށަހަޅައި ބަޖެޓު ކޮމިޓީން ފާސްކުރި އަދަދެވެ. 

މީގެއިތުރުން، 18 އިޞްލާހަކަށް ވޯޓަށް އެހިއެވެ. އެހެންނަމަވެސް އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެއެވެ. އިސްލާހުތައް ހުށަހެޅީ ސަރުކާރާ އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީންނެވެ.

މިއަދުގެ ޖަލްސާގައި، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓަށް ވާހަކަދެއްކެވި އެއް މެންބަރާއިއެކު މުޅި ޖުމްލަ 27 މެންބަރުން ވާހަކަދެއްކެވިއެވެ.

2016 ވަނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙްމަދު މުނައްވަރު ހުށަހަޅުއްވާފައިވަނީ 8 ނޮވެންބަރ 2016 ވީ އަންގާރަދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 6 ވަނަ ޖަލްސާގައެވެ.

 މިއަދު ބަޖެޓަށް އެއްޑީޕީގެ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެ މެންބަަރުން ކަމުގައިވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ދީދީއާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ ޝަރީފު) ވޯޓު ދެއްވިއެވެ. އެހެންނަމަވެސް އެމްޑީޕީގެ އެހެން މެންބަރުންނެކޭ އެއް ފަދައިން މި ދެ ބޭފުޅުންވެސް ބަޖެޓު ބަހުސުގައި ބައިވެރިވެ ވަޑައިގެން އެ ބޭފުޅުންގެ ކަންބޮޑުވުންތައް ފާޅު ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.