ވޭލްސަބްމެރީން ކަނޑުއަޑީގެ ރެސްޓޯރެންޓަކަށް ބަދަލު ކޮށްލަނީ

ސަބްމެރީންގައި އަޑިއަށްދިޔަ ބަޔަކު ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ބަލައިލަނީ: ފޯޓީ ވޭލް

ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް ޕްރައިވެޓު ލިމިޓެޑުން އޮޕަރޭޓުކުރާ ވޭލް ސަބްމެރިން ދުވާލު އޮންނަ އާމު ޑައިވްތަކަށްފަހު ރޭގަނޑަށް ކަނޑުއަޑީގެ ރެސްޓޯރެންޓަކަށް ބަދަލު ކުރުމަށް ނިންމައިފިއެވެ.

އެ ޚިދުމަތް ވަރަށް އަވަހަށް ފަށާނެކަމަށާއި އެޚިދުމަތަކީ މީހުން ވަރަށްބޮޑަށް އެދިއެދިތިބި ޚިދުމަތެއް ކަމަށް އެކުންފުނިން ވިދާޅުވިއެވެ. ސަބްމެރިން ރެސްޓޯރެންޓަކަށް ބަދަލު ކޮށްލާނީ ހަމައެކަނި ރޭގަނޑަށެވެ. "އެގޮތަށް ބަދަލުކޮށްލާނީ ދުވާޅުގެ ހުރިހާ އޮޕަރޭޝަންތަކެއް ނިމިގެން. ރޭގަނޑު އެކަނި ރެސްޓޯރެންޓަކަށް ބަދަލު ކުރިއަސް އޮޕަރޭޝަންތައް މިހާރުވެސް ހިނގަމުންދާގޮތަށް ކުރިއަށްދާނެ،" ވޭލްސަބްމެރިންގެ ވެރިޔާ ޢުމަރު ނަސީރު ވިދާޅުވިއެވެ.

"ކޮންމެ ރެއަކު ކަނޑުއަޑިއަށްގޮސް ކަނޑު އަޑީގައި އެރެއެއްގެ ކެއުން ނުވަތަ ޑިނަރ ބާއްވާ ގޮތަށް އަޅުގަނޑުމެންގެ ޚިދުމަތަށް ބޮޅެއް އިތުރު މިކުރަނީ. މިއީ މީހުންނަށް ވަރަށްކަމުދާނެ ގޮތެއް ކަމަށް އެބަފެނޭ،" ޢުމަރު ނަސީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ޚިދުމަތް ފަށާނީ ސަބްމެރިންގެ އެއްހާސް އެއްވަނަ ޑައިވްގައެވެ.  އެ ޑައިވް ކުރެވޭނެ ކަމަށް ބެލެވެނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.

"ކަނޑުގެ ސަތޭކަ ވިހި ފޫޓުގެ އަޑީގައި މި ޑިނަރ ބާއްވަނީ. އެދިޔަ ގޮތަށް ގޮސް ކަނޑުގެ ދޮންވެލިގަނޑުމަތީގައި ލޭންޑު ކޮށްލާނީ ސަބްމެރީން. އެއަށްފަހު ވަށައިގެން ދިއްލާލާނީ. އޭރުން ދޮންވެލިގަނޑު އޮންނާނީ އެއްކޮށް ދިއްލިފައި. ރާއްޖެއާއި ބޭރުގެ ބައެއް ޤައުމުތަކުގެ ކަނޑުއަޑީގެ ރެސްޓޯރެންޓުތައް ހުރޭ. އެހެންމަވެސް ސަބްމެރީންގައި މިފަދަ ޑިނަރ ބާއްވާ ގޮތަށް ހަމަޖައްސައި ޢަމަލުކުރަން ފެށުމަކީ މުޅިދުނިޔޭގައި ވެސް އަލަށް ކުރެވޭކަމެއް،" ޢުމަރު ވިދާޅވިއެވެ.

އޭނާ ވިދާޅުވީ މިއީ ސަބްމެރީންގެފަރާތުން އަލަށް ތަޢާރަފް ކުރާ ޚާއްސަ ޚިދުމަތެއް ކަމަށެވެ. މިޚިދުމަތް ފެށުމުގެ ތައްޔާރީތައް މިހާރުދަނީ ކުރަމުންނެވެ.

ރާއްޖޭގައި ވޭލްސަބްމެރީގެ ޚިދުމަތްދޭތާ 19 އަހަރުތެރޭގައި ވަނީ ތިންލައްކަ ފަންސާސް ހާހަށްވުރެ ގިނަ މީހުން ގޮވައިގެން ކަނޑުއަޑިއަށް ފީނައިފައެވެ. އެ ޢަދަދަށް މީހުން އުފާލައިފައިވަނީ 9991 ޑައިވުން ކަމަށް ޢުމަރު ވިދާޅުވިއެވެ. މިއީ ދުނީގައި އޮޕަރޭޓުކުރާ މިފަދަ ސަބްމެރީންގެ ތެރެއިން އެންމެބޮޑި އަދި އެންމެ ފުނަށް ފީނާ ސަބްމެރީނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.