ޤައުމުގެ ހަމަޖެހުމަށް އެންމެން މަސައްކަތް ކުރަންޖެހޭ: ޑރ. ޚަލީލު

ޑރ. އަބްދުﷲ ޚަލީލް: ފޮޓޯ ވީނިއުސް

ދިވެހިރާއްޖެއަކީ ޒަމާނުއްސުރެން އަމާންތަނެއް ކަމަށާއި މިޤައުމު އަބަދުވެސް އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ޑރ. ޚަލީލު ވިދާޅުވީ ރާއްޖެ އިސްލާމް ވީއްސުރެން ދިވެހީން އުޅެމުން އައިސްފައިވަނީ އެދީން މަތީގައި ވަރަށް ސާބިތުކަންމަތީގައި ކަމަށެވެ. އެހެންކަމުން ބަޔަކު ދައްކާހާ ވާހަކައެއް ނެރޭހާ ރިޕޯޓެއްގެ ސަބަބުން އީމާންތެރިކަމަށް އަސަރެއް ކޮށްގެން ނުވާނެކަމަށެވެ. "އަޅުގަނޑުމެން އުޅެންވާގޮތް ކީރިތި ޤުރުއާނާއި ސުންނަތުން އެނގެން އެބައޮތް. ސާފުނުވާ ކަމެއް އޮތްނަމަށް ސާފުކޮށްދެވޭނެ ޤާބިލް ޢިލްމުވެރިން ވެސް ރާއްޖޭގައި އެބަތިބި،" ޚަލީލް ވިދާޅުވިއެވެ.
ޑރ. ޚަލީލް ވިދާޅުވީ ދީނާއި ސިޔާސަތަކީ ދޭއްޗެއް ކަމަށް ބައެއް މީހުން ބުނަމުންދާކަމަށެވެ. އެހެންމަވެސް އެ ދޭއްޗަކީ ގުޅި ލާމެހިފައިވާ ދޭތި ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ސިޔާސަތު ނަގަންވާނީ އިސްލާމްދީނުގެ ތެރެއިން. އިސްލާމްދީނާ ފުށުއަރާފަދަ އެއްވެސް ކަމެއް ސިޔާސަތުގެ ތެރެއަށް ވެއްދުމަކީ ގޯހެއް" އޭނާ ވިދާޅުވިއެވެ.

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ އިންސާނީ ޙައްގެއް ކަމަށްވިޔަސް އެ ޙައްގަކީ ވެސް ވަކިއިންތަކާއި މިންތަކެއްގެ ތެރޭގައި އިންސާނުންނަށް ލިބިދީފައިވާ ޙައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޙައްޤުގެ ބޭނުންކޮށްގެން އެހެން މީހުން ރުޅިއަރުވައި ނުތަނަވަސްކަން އުފައްދައި ގައުމުގައި ހަލަބޮލި ކަމެއް އުފެދޭ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ސަރުކާރުގެ ފަރާތުން ދެވިގެން ނުވާނެ ކަމަށް ވެސް  ވިދާޅުވިއެވެ. އަދި އިސްލާމް ދީނާ ބީރައްޓެހި ފިކުރު ފަތުރާ މީހުނައި އެފަދަފަރާތްތަކުގެ ދިފާޢުގަ ނުކުންނަ މީހުންނާމެދު ގާނޫނި ފިޔަވަޅު އެޅުން ރާއްޖޭގެ އަމާންކަމަށް ކޮންމެހެންވެސް މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ.ޤައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް ސިޔާސީ ލީޑަރުންނާއި، ޤައުމުގެ އިސްވެރިންނާއި، ދީނީ ޢިލްމުވެރިންނާއި ޖުމްލަކޮށް އެންމެންގެ ދައުރުވެސް ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުންފަދަ ކަމެއް ކޮންމެ މީހަކު ނުވަތަ ޖަމާޢަތަކުން ކުރިޔަސް އެއްވެސް ޤައުމެއްގެ ނުވަތަ ޤައުމު ތަކެއްގެ ޕްރެޝަރަށް ނުބަލައި ދީނުގައި އޮންނަ ގޮތަށް ވަގުތުން ފިޔަވަޅު އެޅުމަކީ އަމާން ގައުމެއްގެ ގޮތުގައި ރާއްޖެ ބާއްވަން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ކޮންމެ މީހަކު ދެއްކިއަސް ދީނާ ޚިލާފު ވާހަކައެއް ވިއްޔާ އެކަމަށް އަޑު އުފުލަން ޖެހޭނެ.ރައީސް ޔާމީން ދެއްކި ވާހަކަތައް ޚަލީލަށް އަޑު ނީވުނީތީ ހިތާމަ ކުރަން.ޝަހިންދާ ތައުބާވުމަށް ގޮވާލަން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.