
މާތްވެގެންވާ އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ސަސްޕެންޑް ކުރި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައިނަލްއަޤވާމީ މުޖުތަމަޢުގައި ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭނެ ކަމަށް ޝަހިންދާ އިސްމާޢީލް ވިދާޅުވެއްޖެއެވެ.
އެމްޑީއެންގެ އެއް ފައުންޑަރ އަދި އެޖަމްޢިއްޔާގެ އިސް މެމްބަރެއްގެ ގޮތުގައި މަސައްލަތްކުރައްވާ ޝަހިންދާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ ރިޕޯޓާ ގުޅިގެން ސަސްޕެންޑު ކުރުމުގެ ކުރިން އެކަމާ މެދު ވާހާކަ ދައްކައި ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ކަމެއް ނުކޮށް ސަސްޕެންޑު ކުރުމަކީ އުސޫލާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީއެން ސަސްޕެންޑް ކުރީ އެތަނުން ނެރުނު ރިޕޯޓެއްގައި އިސާލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީއެވެ. އެމައްސަލަ ބޮޑުވެ ރައްޔިތުންނާއި ޢިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް ރައީސާ ވެސް ބައްދަލު ކުރައްވައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގައިވެސް ވަނީ އެކަމަށް ބަހުސް ކުރައްވައިފައެވެ.
އެމްޑީއެން ސަސްޕެންޑުކޮށްފައިވަނީ ޔޫތުމިނިސްޓްރީން މިއަދު އެވެ. އެތުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ޖަމްޢިއްޔާ ސަސްޕެންޑް ކުރެއްވީ ދީނާ ޚިލާފު ވާހަކަތަކެއް ދެއްކިކަމުގެ ތުހުމަތުގައި އެޖަމްޢިއްޔާގެ މައްސަލައެއް ޕޮލިހުން ތަޙުޤީގު ކުރަމުންދާތީ އެވެ.
އެ ޖަމްޢިއްޔާ ސަސްޕެންޑު ކުރީ ޖަމްޢިއްޔާތަކާ ބެހޭ ރަޖިސްޓްރާއަށް ޤާނޫނުން ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.